ނޫމަޑިއަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދިނީ 848 މިލިއަން ރުފިޔާ

ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސެޓްލްމަންޓް އެގްރީމަންޓެއް ހަދައި އެކުންފުންޏަށް ސަރުކާރުން ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 848،100،000 ރުފިޔާ ދީފިއެވެ. ސެޓެލްމަންޓް އެގްރީމަންޓްގެ ދަށުން އެ ކުންފުންޏަށް ފައިސާ ދައްކާފައިވާކަންވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ ޔަގީންކޮށްދެއްވައިފައެވެ. ނަމަވެސް އެ ކުންފުންޏަށް ދިން ބަދަލުގެ އަދަދެއް އަމީރު ވިދާޅެއް ނުވެއެވެ. އެ ސެޓަލްމަންޓް އެގްރީމަންޓްގައި ސޮއިކުރީ މިދިޔަ އޮގަސްޓަމަހުގެ 25 ވަނަ ދުވަހުއެވެ. ނޫމަޑިން އެ މައްސަލައިގައި ބަދަލުހޯދަން މައްސަލަ ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. ހައުސިން މިނިސްޓްރީން ބުނީ އެ ކުންފުންޏާއެކު ސެޓެލްމަންޓް އެގްރީމަންޓްއެއް ހެދީ ކޯޓުން/އާބިޓްރޭޝަނުން ބޭރުގައި ހައްލުކުރަން ޖެހޭފަދަ މައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައިފައިވާ ސެޓްލްމަންޓް ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ. ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ދެ މައްސަލަ ހުށަހެޅިއެވެ. އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 2011 ވަނަ އަހަރު 600 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ ހައުސިންއާއި ޓްރާންސްޕޯޓް އަދި އެންވަޔަމަންޓް މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމެވެ. އަނެއް މައްސަލައަކީ 500 ހައުސިންގ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް I އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ދެމެދު 2013 ވަނަ އަހަރު ސޮއިކުރެވިފައިވާ އެއްބަސްވުން އާ ގުޅިގެން ހުށަހެޅުނު މައްސަލަތަކެކެވެ. https://sun.mv/125499 ސަރުކާރުގެ ފަރާތުން އެކި ކުންފުނިތަކަށާއި މީހުންނަށް ދޭންޖެހޭ ފައިސާގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ މިހާރު ދީފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ