ސީޕީ ހަމީދު އިސްތިއުފާ ދެއްވުމަށް މެމްބަރު ތޯރިގު ގޮވާލައްވައިފި

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ގޮވާލައްވައިފިއެވެ.އިސްލާމް ދީނާ ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަމީދު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް މެމްބަރު ތޯރިގު ވިދާޅުވެފައި މިވަނީ އިންޑިއާގައި ބޭއްވި ކޮންފަރެންސްއެއްގައި ސީޕީ ހަމީދު އެމްޑީއެން ތަމްސީލު ކުރައްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ދަނޑިވަޅެއްގައެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ތޯރިގު ވިދާޅުވީ އެމްޑީއެންގެ މައްސަލަ ބެލުމަށްޓަކައި ހަމީދު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި، ދިވެހި ދައުލަތުގެ މަގާމެއް އަދާ ކުރުމުގެ ހައްގެއް އެބޭފުޅާއަކަށް ނެތް ކަމަށެވެ. ތޯރިގު އެހެން ވިދާޅުވެފައިވާއިރު، އެމްޑީއެންގެ މައްސަލަ ނުބަލައި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާތީ ރާއްޖޭގެ ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެމައްސަލަ ބެލުމުގައި ވަކި ކޮޅަކަށް ނުޖެހި، އަދި އެއްވެސް ފަސް ޖެހުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އެމްޑީއެންއާ ސީދާ ގުޅުން ހުރި މީހަކު ފުލުހުންގެ މުއައްސަަސާގެ ހިންގުމާ ހަވާލުވެވަޑައިގެން ހުރުމަކީ، އެމްޑީއެންއާ ދެކޮޅަށް ފުލުހުން ފިޔަވަޅު ނާޅާނެކަން ޔަގީންކޮށްދޭ ކަމެއް ކަމުގައިވެސް ރައްޔިތުން ދަނީ ބުނަމުންނެވެ. ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީއެންގެ ވާހަކަ ނުދެއްކުމަށް ވަކި ވަކި ފުލުހުންނަށްވެސް ވަނީ އަންގާފައެވެ. އެ ޖަމިއްޔާގެ ރިޕޯޓުގެ މައްސަލަ ރައްޔިތުންގެ ސަމާލު ކަމަށް އައީ މިމަހުގެ ކުރީކޮޅުގައެވެ. އެހެންނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން ސަރުކާރުން އަޅާފައިވާ ހަމައެކަނި ފިޔަވަޅަކީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ