ފުލުހުން މަސައްކަތް ކުރާނީ ރައްޔިތުން ކުށުގެ ބިރުވެރިކަމުން ސަލާމަތްކޮށްދިނުމަށް - ރިޔާޒް

މި އަހަރު ވެސް ފުލުހުން މަސައްކަތް ކުރާނީ އިސްލާމް ދީނާއި ގައުމުގެ ފަހުރުވެރި ގައުމިއްޔަތު ދަމަހައްޓައި، ޒުވާން ޖީލާއި މުޅި ދިވެހި ރައްޔިތުން ކުށުގެ ބިރުވެރިކަމުން ސަލާމަތްކޮށްދިނުމަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް ފޮނުއްވި އާ އަހަރުގެ ތަހުނިޔާގެ މެސެޖްގައި ވިދާޅުވީ ތަނަވަސްކަމާއި ފާގަތިކަން ލިބިދެވޭ ފަދަ ބާއްޖަވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަސައްކަތް ޒިންމާދާރުކަމައި ހުނަރުވެރިކަމާއެލު ފަންނުވެރިންގެ ގޮތުގައިހަރަކާތްތެރިވެ، ރައްޔިތުންނަށް ޔަގީންކަމާއި އިތުބާރު ލިބެނިވި ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރާނެ ކަމަށެވެ.
މިދިޔަ އަހަރު ފުލުހުންނަށް ގިނަގުނަ ކާމިޔާބީތަކެއް ހޯދައި ކަންތައްތަކެއް ހާސިލް ކުރެވިފައިވާ ކަމަށާއި ﷲގެ ވާގިފުޅާއެކު މި އަހަރު ވެސް ފުލުހުން މަސައްކަތްކުރާނީ އެ މީހުންނާ މަތިކޮށްފައިވާ ގައުމީ ވާޖިބު އަދާކުރުން މަތީ، ހަރުދަނާއެކު ދެމިތިބުމަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ރުކުރުވާލެވިފައިވާ ބަދަހި ސަފުތަކެއްގައި، އަތާއި އަތް ގުޅާލައި ސަމާލުވެ ތިބެ، ވެހެމުންދާ ވާރެ އާއި ގަދަ އަވީގައި ފޫހިކަމެއް ނެތި ފުލުހުން ކުރަމުން ދިޔަ މަސައްކަތުން ނިމިގެން ދިޔަ 2012 ވަނަ އަހަރު ގިނަގުނަ ކާމިޔާބީތަކެއް ހޯދައި ކަންތައްތަކެއް ވަނީ ހާސިލް ކުރެވިފައެވެ." ރިޔާޒް ވިދާޅުވި އެވެ.
ދިވެހި ގައުމު ތާއަބަދު ސަލާމަތާއި ރައްކާތެރިކަމުގެ ގޮވައްޗެއްގެ ގޮތުގައި ދަމަހައްޓައި، މި ގައުމުގެ ދިރިއުޅޭ ކޮންމެ ފަރުދަކަށް އަމާންކަމާއި ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދިނުމަށް ދިވެހި ފުލުހުން މިދަނީ ގިނަގުނަ އަދި ވަޒަން ނުކުރެވޭ ފަދަ ބުރަ މަސައްކަތްތަކެއް ފޫހިކަމެއް ނެތި ކުރަމުންދާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ