ހިބަޅިދޫ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް
ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބ. ހިބަޅިދޫ ކުށްޔަން ދިން މައްސަލައިގެ އެއްބަސްވުން ބާތިލުކޮށް އެ ރަށް އަތުލި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް، ދޫކުރި ހިބަޅިދޫގައި ރިސޯޓެއް ތަރައްގީ ކުރަން 2014 ވަނަ އަހަރު ހުއްދަ ދީފައިވަނިކޮށް، 2015 ވަނަ އަހަރު އެ ރަށުން ހަތިޔާރު ފެނިގެން އެ ރަށަށް ފުލުހުން އަރައި އެ ރަށް ބަންދު ކުރި އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އެ ރަށް ތަރައްގީ ކުރަން ދައުލަތުން ބިޒްނަސް މޯލްޑިވްސްއާއެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލާފަ އެވެ. އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ބިޒްނަސް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ޑިސެމްބަރު 29، 2016ގައި ކުރި ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައިކޯޓުން ނިންމާފައި ވަނީ އެއްބަސްވުން ބާތިލު ކުރީ ރަނގަޅަށް ކަމަށެވެ. މިހާރު ބިޒްނަސް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގެ ހުކުމް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހުގެ 10:00އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މުހައްމަދު އައްލާމް ލަތީފް އަދި އަހުމަދު އިޝްފާހު އަލީއަށް ދައުވާ ކުރި އެވެ. އެ ދައުވާތައް ފަހުން ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ