ޕޯޗުގަލް އަނެއްކާވެސް ފުރަބަންދު

ކޯވިޑްގެ ޙާލަތު ގޯސްވަމުންދާތީވެ ހުކުރުދުވަހުން ފެށިގެން ޕޯޗުގަލް އަނެއްކާވެސް ފުރަބަންދުކުރުމަށް ނިންމައިފިއެވެ. ޕޯޗުގަލްގައި މިހާތަނަށް 507،108 މީހުންނަށް ކޯވިޑް ޖެހި 8،236 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 12،556 މީހުންނަށް ބަލިޖެހި 156 މީހުންވަނީ މަރުވެފައެވެ.
ޤައުމު ފުރަބަންދުކުރުމަށް ނިންމާފައިވާ ނިންމުން އިޢުލާނުކުރައްވަމުން އެ ޤައުމުގެ ބޮޑުވަޒީރު އެންޓޯނިއޯ ކޯސްޓާ ވިދާޅުވީ އެ ޤައުމުން މިވަގުތު ކުރިމަތިލަމުންދަނީ ބަލި ފެތުރެން ފެށީންސުރެ ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ޙާލަތާއިކަމަށެވެ. އެހެންކަމުން މިވަގުތު ޢަމަލުކުރަންވީ ޤަވާއިދަކީ ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
ޕޯޗުގަލްގައި އަލަށް ތަޢާރަފްކުރި ފުރަބަންދުގެ އުސޫލުތަކަކީ މިދިޔަ އަހަރުގެ މާރިޗު މަހާއި އޭޕްރިލް މަހާއި ދެމެދު އެ ޤައުމުގައި ޤާއިމްކުރި ފުރަބަންދާއި އެއްގޮތް އުސޫލުތަކެކެވެ. އެގޮތުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫން ޚިދުމަތްތައް ދޭ ވިޔަފާރިތައް ބަންދުކޮށް، ރެސްޓޯރަންޓުތަކުގައި ތިބެގެން ކައިބޮއެ ހެދުން ވަނީ މަނާކޮށްފައެވެ. އަދި ގޭގައި ތިބިގެން މަސައްކަތްކުރެވޭނަމަ އެގޮތަށް ވަޒީފާ ޢަދާކުރުމުގެ ފުރުޞަތު ދިނުމަށް އިދާރާތަކަށްވަނީ އަންގައިފައެވެ. ނަމަވެސް މިފަހަރު އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި އެ ޤައުމުގެ މަދަރުސާތަކުގައި ކިޔެވުން މެދުކަނޑާނުލައި ކުރިއަށް ގެންދާނެއެވެ.
ކޯސްޓާ ވިދާޅުވީ މިދިޔަ އަހަރުގެ ފުރަބަންދުގެ ދުވަސްވަރުގައި މަދަރުސާތަކުން ފެނިފައިވާ ކޭސްތަކުގެ ޢަދަދު ވަރަށް ވެސް މަދުކަމަށެވެ. އޭގެ އިތުރުން ޕޯޗުގަލްގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ފުރުސަތު ދިނުމުގެ ގޮތުން ގެއިން ބޭރަށް ނުުކުތުން މަނާ ފިޔަވަޅަށް ވޯޓްލުން އޮންނަ ދުވަހު ލުއިތަކެއް ދިނުމަށް ވަނި ނިންމާފައެވެ. އިންތިޚާބު އޮންނާނީ މިމަހުގެ 24 ވަނަދުވަހުއެވެ.
މިހާރު އަޅާފައިވާ ފިޔަވަޅުތައް 15 ދުވަސް ފަހުން މުރާޖަޢާ ކުރަން ނިންމި ނަމަވެސް އެ ފިޔަވަޅުތައް މަދުވެގެން އެއް މަސް ދުވަހުގެ މުއްދަތަށް ދަމަހައްޓާނެކަމަށް ބެލެވޭކަމަށް ބޮޑުވަޒީރު ކޯސްޓާވަނީ ވިދާޅުވެފައެވެ. އެ ޤައުމުގައި މިހާތަނަށް 2،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިންވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ