ރަށަށް ހޯދާ "ފަޚުރު" ލިބި ނިމޭއިރު، "އަހާއި ލަގަން" ގެއްލުމަށް ވުރެ ބޮޑު ނުރައްކަލެއް

ރާއްޖޭގެ ރަށަކަށް މި ޒަމާނުގައި ހޯދެން އޮތް އެންމެ ބޮޑު "ފަޚުރަކަށް" ވެފައިވަނީ ރަށުގެ ތިމާވެށި ދާއިމަށް ނެތިކުރާނެ "ތަރައްގީ" ކަމަށް ސިފަކުރާ ހަރަކާތްތަކެއް އެ ރަށަކަށް ގެންދިއުމެވެ. ކޮންމެ ރަށެއްގެ ރައްޔިތުން ވެސް މިފަދަ "ފަޚުރެއް" ރަށަށް ގެންނަން ވަނީ ކެތްމަދުވެފައި ކަމަށް ވެއެވެ. ރަށުގެ ފަޚުރަކަށް ވެގެން މި ދަނީ ރަށުގެ ފަރާއި ތިލަފަޅާއި ގުދުރަތީ އެ ވެށީގައިވާ އެންމެހާ ދިރުންތައް ކަފުންކޮށް ވަޅުލައި، އެތަންތަން ހިއްކުމެވެ: "ބިން" ހިއްކުމެވެ. ކިތަންމެ މަދު މީސްކޮޅެއް ރަށުގައި އުޅުނަސް، ލަފާފުރަން އެކަށީގެންވާ ކިތަންމެ ސާދާ ގުދުރަތީ ވެއްޓެއް އޮތަސް، ފަޚުރަކަށް ވަނީ ރަށުގައި ބޮޑު ހިލަ ބަނދަރެއް ހެދުމެވެ. އެތަނުގައި ބާއްވަން އޮތީ އެންމެ އުޅަނދެއް ކަމަށް ވިޔަސް، ސިއްހީ ފަރުވާ އާއި ތައުލީމު ލިބޭނޭ ގޮތެއް ނެތަސް، ބޮޑު ހިލަ ބަނދަރުގެ ތަރައްގީއަކީ ކޮންމެހެން ބޭނުންވާ ފަޚުރެކެވެ. ދަތުރުގެ ޓިކެޓެއް ގަތުމަށް ރަށުގެ ގިނަ މީހުނަށް ނުފޯރި ނަމަވެސް، އާމުދަނީ ހޯދަން މިހާރު ބަރޯސާވާ ރުއްގަހާއި ދަނޑުބިމާއި ގުދުރަތީ ވެށި ނައްތާލައިގެން ވެސް، ރަށުގައި އެއާޕޯޓެއް އެޅުމަކީ ރަށަށް ލިބޭ "ފަޚުރެއް" ކަމަށް ވެއެވެ.
މިފަދަ ހަރަކާތްތަކަށް ވާގިދީ، ސިޔާސީ ނުވަތަ އެހެނިހެން މަންފާ އެ މަޝްރޫއުތަކުން ހޯދާ ފަރާތްތައް މިފަދަ ކަންކަން ސިފަކުރަމުންދަނީ ރަށުގެ ރައްޔިތުންގެ "ޒަމާންވީ ހުވަފެންތައް" ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ. މި ދެކެވޭ ވާހަކަތަކުގައި ރަށަށް "ފަޚުރު" ގެންނަން އުޅޭ މީހުންނާއި މިފަދަ ހިއްކި ބިމާއި ބަނދަރާއި އެއާޕޯޓު އެޅުމަށް ވަކާލާތުކުރާ މީހުނަށް އެ ވާހަކަތައް ހަރުއަޑުން ދެއްކޭނެ ޚަބަރުފަތުރާ ވަސީލަތްތައް ވެސް އޮންނަނީ ފަހިވެފައެވެ. މިފަދަ "ފަޚުރުތައް" ރަށްރަށަށް ހޯދަން އުޅޭ ފަރާތްތައް ވަރަށް ޔަގީންކަމާ އެކު ބުނަމުންދަނީ މިއީ "ރައްޔިތުން ބޭނުންވާ" ގޮތް ކަމަށެވެ. ނަމަވެސް މީ ހަމަ މިހެން ހިނގާ ކަމެއްތޯ ސުވާލު އުފައްދާނެ މީހަކު ރަށްރަށުގައި ވެސް ނެތީބާ އެވެ؟ ޚުދު ރާއްޖޭގެ މީޑިއާގައި ވެސް ނެތީބާ އެވެ؟ މިފަދަ "ތަރައްގީ" އަކީ ރަށުގެ ކިތައް ރައްޔިތުންގެ މަންފާއަށް ކުރާ ކަމެއްތޯ ހޯދަން އުޅެނީ ކޮން ބައެއްތޯ އެވެ؟
ސިޔާސީ ގޮތުން މިފަދަ "ފަޚުރު" ރާއްޖޭގެ މީސްކޮޅު މަދު ކުދި ޖަޒީރާ ރަށްރަށަށް ގެންނަން މަސައްކަތްކުރާ ފަރާތްތައް ވަރަށް ފަށުވި އިބާރާތުން ރާއްޖޭގެ ތިމާވެށީގެ މުހިންމުކަން ވަނީ މެނިފެސްޓޯގައި ލިޔެ ރައްޔިތުންނާ ހިއްސާ ވެސް ކޮށްފަ އެވެ. އެގޮތުން 2018ގެ ރިޔާސީ އިންތިޚާބަށްޓަކައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައިވާ އިބާރާތެއްގައި އޮވެ އެވެ:
"ދިވެހީންގެ ތިޔާގިކަމާ މުޅި އާމްދަނީ އެ އެއްޗެއްގައި ހިފެހެއްޓިފައިވާ ފައްތިޔާއަކީ ތިމާވެށްޓެވެ. ކަނޑާއި ފަރާއި ވިލުތަކާއި ގިރިތަކެވެ. ފަޅުން އެއްގަމަށް އަރައިގެން އައިސް ޖެހޭ ތުނޑި އާއި ހޭޅިފަށެވެ. އަދި ރުއްގަހާއި ގޮއިފާ ލައްބަތަކުން އެކުލެވިގެންވާ ބިމެވެ. ކުޅި އާއި ޗަސްބިން ފަދަ ހާއްސަ ސިފަތައް އެކުލެވޭ ތަންތަނެވެ. އަދި އެންމެހާ ތަންތަނުގައި ދިރިއުޅޭ އެންމެހާ ދިރުންތަކެވެ. ރާއްޖޭގެ ތިމާވެށި ހަލާކުވެ ފަނާވެ ދިޔުމުގެ މަގަށް ދޫކޮށްލުމަކީ "އަހާއި ލަގަން" އެކީއެކަށް ގެއްލުވާލުމަށް ވުރެ ނުރައްކާތެރި ކަމެކެވެ."
މި އިބާރާތުގައި ބުނެފައިވަނީ ތެދު ވާހައެއް ކަމަށް ބެލެވޭ އެއް ސަބަބަކީ 2016 ވަނަ އަހަރުގެ ރާއްޖޭގެ ތިމާވެށްޓާ ބެހޭ ރިޕޯޓެވެ. އެ ރިޕޯޓުން ހާމަވަނީ ރާއްޖޭގެ އެކްސްޕޯޓުގެ 98 ޕަސެންޓް ބަރޯސާވަނީ ރާއްޖޭގެ ގުދުރަތީ ވެއްޓާއި އެ ވެށީގައިވާ ދިރުންތަކުގެ ވަސީލަތްތަކުގެ މައްޗަށް ކަމެވެ. އަދި ރާއްޖޭގެ 71 ޕަސެންޓް މީހުންގެ ވަޒީފާ ވެސް ބަރޯސާވަނީ ގުދުރަތީ ވެށްޓާއި ދިރުންތަކުގެ ވަސީލަތްތަކުގެ މައްޗަށް ކަމެވެ. ރާއްޖެއަށް ލިބޭ އާމުދަނީގެ ބޮޑު ބަޔަކީ ތިމާވެށްޓަށް މުޅިންހެން ބަރޯސާވާ، ގުދުރަތީ ވެށީގެ ނިއުމަތްތަކުން މަންފާ ހޯދާ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން ލިބޭ އެއްޗެކެވެ. މި ވަގުތު ދިމާވެފައިވާ ކޮވިޑް-19ގެ ސިއްހީ ކާރިސާއިން ވެސް ރާއްޖެއަށް ދަނީ މިކަން ވަރަށް ސާފުކޮށް ފެނި، ހާމަވެ އިހުސާސް ކުރެވެމުންނެވެ. ރާއްޖޭގެ ރަށްރަށުގެ ތިމާވެށި ދާއިމަށް ނެތިކުރުމަކީ ގައުމުގެ އަހާއި ލަގަން ގެއްލުމަށް ވުރެ ވެސް ނުރައްކާތެރި ކަމެކެވެ. ތެދު ވާހަކައެކެވެ.
މި ނުރައްކަލަށް ރާއްޖެ ހުށަނޭޅުމަށްޓަކައި، ރާއްޖޭގެ ތަރައްގީގެ މިސްރާބާއި އިގުތިސާދު "ޤުދުރަތާ އެއްކީލި" ކުރަން އެމްޑީޕީ މެނިފެސްޓޯގައި އޮތް ހައްލު ސިފަކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ:
"... ނޫ އިގްތިޞާދުގެ ސިޔާސަތަކީ ގުދުރަތާއި އެއްކީއްޔަށް ތަރައްގީ ހިންގުމުގެ ސްޓެރެޖީއެކެވެ... ގަސްތައް ކަނޑައި، ކުޅިތައް ހިއްކައި، ފަނާކުރުވަނިވި 'ތަރައްގީ'އާ މުޅިން ދުރަށް ގޮސް، އޮޔާއި ވަޔާ އިދިކޮޅަށް ނުފަތައި، ކަނޑުތަކާއި ފަރުތަކާއި ދިޔަރެހާއި އުދަރެހާއި އެއްކުލައިން ފަރުމާކުރެވޭ ނޫ އިގްތިސާދެކެވެ".
އިއްޔެގެ ވާހަކައިގައި ތިމާވެށީގެ އަގު އެ މޭރުމުން ވަޒަންކޮށްފައި އޮތަސް، އަދު ކަންހިނގާ ގޮތަށް ބެލުމުން ފެންނަން އޮތީ ރާއްޖޭގެ ރަށްރަށަށް ތަރައްގީގެ ފަޚުރު ފޯރުކޮށްދެވެން އޮތް ހަމައެކަނި ގޮތަކީ ވެށި ފަނާކޮށްގެން ކަމެވެ. މެނިފެސްޓޯގައި ވާ ފަދަ ނޫ އިގްތިސާދެއްގެ ހިލަމެއް ނުވާތަނުގައި ސާފުކޮށް ފެންނަނީ ތަރައްގީގެ ހަރަކާތްތައް ގުދުރަތާ އެއްކީލިވުމާ ގާތަށް ވެސް ނުދާތަނެވެ. އަދި ދިމާ އިދިކީލި ވާތަނެވެ. އޮޔާއި ވަޔާ އިދިކޮޅަށް ފަތަމުންދާތަނެވެ. ނިމިދިޔަ ސަރުކާރުން 2017 ގައި، ތިމާވެއްޓަށް ބެލުމެއް ނެތި ހދ. ކުޅުދުއްފުށީގެ ގައުމީ ގުދުރަތީ ތަރިކަ ކަމަށްވާ މަށިކުޅި ފަނާކުރީ ތިމާވެއްޓަށާއި އެ މަށިކުޅިން ރަށުގެ އެތައް އާއިލާތަކެއް ހޯދަމުންދިޔަ އާމުދަނީއަށް ލިބޭނޭ ގެއްލުމަށް ބެލުމެއް ނެތި އެވެ. އަދި ދިވެހިންގެ ސަގާފީ ހުނަރުވެރިކަމާ ތާރީޚީ ތަރިކައަށް ވެސް ބެލުމެއްނެތި އެވެ. ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބުނާ ދެމެހެއްޓެނިވި ތަރައްގީގެ މަފްހޫމަށް ނަޒަރުކޮށްލުމެއް ވެސް ނެތި އެވެ.
ހަމަ އެ އަހަރު، އެ މޭރުމުން، ގުދުރަތީ ގޮތުން އާދަޔާ ޚިލާފު މުއްސަނދިކަން ލިބިފައިވާ ނ. މާފަރުގެ ވެށި ފަނާކޮށް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށި އެވެ. ހެދި އެއާޕޯޓަށް ބޯޓެއް ޖެއްސޭ ހިސާބަށް ނުދެވެނީސް ބިސް އަޅަންވެގެން ރަންވޭ މައްޗަށް ވެލައެއް އެރި ޚަބަރަށް ދުނިޔޭގެ ނޫސްތަކުން ވެސް ޖާގަ ދިނެވެ. އެކަމަކު އެއީ ރާއްޖެއަށް ލަދުވެތި ޚަބަރެކެވެ.
މާފަރު އެއާޕޯޓްގެ ރަންވޭއަށް ވެލައެއް ބިސް އަޅާފައި: މިއީ ތިމާވެށީގެ ހިމާޔަތްތެރިންގެ ހިތް ހަލާކުވި މަންޒަރެއް --ފޮޓޯ/ސޯޝަލް މީޑިއާ
މި އެއާޕޯޓު އިތުރަށް ފުޅާކުރަން 2019ގައި މިހާރުގެ ސަރުކާރުން ތިމާވެށީގެ ފަންނީ ލަފަޔާ ވެސް އިދިކޮޅަށް ހުއްދަ ދިނުމަކީ ގުދުރަތާ އެއްކީލި ތަރައްގީގެ އަމަލެއް ނޫނެވެ. ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކުރަން 2019 ގައި ހެދި ދިރާސާއަކުން ލިބިފައިވާ ފަންނީ ލަފާގެ މައްޗަށް އަދި އަދަށް ވެސް އަމަލުކޮށްފައެއް ނެތެވެ. ކުޅީގެ ރައްކާތެރިކަން ގެއްލި، އެރަށުގައި ފެންބޮޑުވުމުގެ މޫސުމީ ހާދިސާތައް ދަނީ ގިނަވަމުންނެވެ. ރައްޔިތުންނަށް އޭގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފު ދަނީ އިތުރުވަމުންނެވެ. ރަށުގެ ތިމާވެށީގެ ވިލުންވެރިކަން ގެއްލި، މޫސުމާ ގުޅޭ ކާރިސީ ހިރާސްތަކަށް ރަށް އޮތީ ހުށަހެޅިފަ އެވެ. މިފަދަ އެކި މިސާލުތަކުން ފެންނަނީ އޮޔާއިވަޔާ އިދިކޮޅަށް ފަތަމުންދާ ތަނެވެ.
މި އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކަން ކަނޑައެޅި ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއަކީ ވެސް ގުދުރަތާ އެއްކީލި ތަރައްގީއަކާ ގުޅުން ހުރި ކަމެއް ނޫނެވެ. ކ. އަތޮޅު ގުޅީފަޅުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ކަނޑު އަޑީގެ ތަރިކަ ފަނާކޮށް، ޖެހިގެން އޮތް ވިލިގިނލީގެ ފަރު ވެސް ފަނާވެދިއުމަށް ހުށަހެޅި، މި އަހަރުގެ ކުރީކޮޅުގައި ފަށާފައިވާ ގުޅީފަޅު ހިއްކުމުގެ ދަރަނި ބޮޑު "ތަރައްގީ" އަކީ ވެސް ގުދުރަތާ ދިމާއިދިކޮޅު ފަނާކުރަނިވި މަޝްރޫއެކެވެ. ކ. ގުރައިދޫ ހިއްކުމުގެ މަޝްރޫއަކީ ވެސް އެފަދަ ކަމެކެވެ. އަދި ހަމަ ދާދި މިދާކަށް ދުވަހު ސަރުކާރުގެ ކުންފުނި އެމްޓީސީސީ އާ ހަވާލުކޮށްފައިވާ 1 ބިލިއަން ރުފިޔާގެ ބިން ހިއްކުމާއި ބަނދަރުހެދުމުގެ 10 މަޝްރޫއުއަކީ ވެސް ގުދުރަތާ އެއްކީލި ތަރައްގީގެ އަމަލެއް ނޫނެވެ.
ކުރިއަށް އޮތް 2021ގެ ބަޖެޓުގެ ތެރޭގައި ވެސް އަހާއި ލަގަން ދޫކޮށްލާނެ އެތައް ކަމެއް ދަނީ ފާޅުވަމުންނެވެ. އިތުރު އެއާޕޯޓުތަކާއި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ހުވަފެންތައް ދަނީ ތަސައްވަރު ކުރަމުންނެވެ. މީގެ ތެރޭގައި 111 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއްކޮށް 2010 ގައި ބޮސްކާލިސް ކުންފުނިން ހިއްކާފައިވާ، އަދި މިހާތަނަށް އޭގެ ބޭނުމެއް ހިފިފައިނުވާ ހަނަފަސްބިން އޮތް ބ. ތުޅާދޫގައި ވެސް އެއާޕޯޓެއް އަޅާނެކަމުގެ ހުވަފެނެއް ޚަބަރުތަކުން ފެންނަން ފަށައިފި އެވެ. ވެށި ފަނާކުރުމުގެ މަޝްރޫއުތަކަކީ ނިމިދިޔަ ސަރުކާރުތަކުން ނަމޫނާ ދައްކާފައިވާ ކަމެކެވެ. މި ސަރުކާރުން އެ ނުރައްކާތެރި ނަމޫނާއަށް ފުރަގަސްދޭނެ ކަމަށް ބުނި، 2018ގެ މެނިފެސްޓޯގައި ހިމެނި ގުދުރަތާ އެއްކީލި، ތިމާވެށި ހިމާޔަތްކުރުމުގެ އިގްތިސާދަކަށް ރާއްޖެ އަނބުރާލާނެ ކަމުގެ ސާދާ ތަސައްވަރު މިވަގުތު އޮތީ، ތާރީޚީ، ސިޔާސީ ދޮގު ވާހަކައެއްގެ ގިންތީގަ އެވެ.
ރާއްޖޭގެ އިގުތިސާދުގެ އަހާއި ލަގަން އެކީއެކަށް ގެއްލުވާލުމަށް ވުރެ ބޮޑު ނުރައްކަލަކަށް ހަގީގަތުގައި ވެސް ރާއްޖެ ދަނީ ބާރު ސްޕީޑުގައި ހުށަހެޅެމުންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާތަކާއި ރާއްޖޭގެ މުސްތަގުބަލް އޮތީ ލާމެހިފަ އެވެ. ރާއްޖޭގެ ގުދުރަތީ ދިފާއީ ނިޒާމަކީ ރާއްޖޭގެ ދިރިއޮތް ފަރުފަޅުތަކުގެ ވެށީގެ ވަރުގަދަ ބިންގަލެވެ. އެތަންތަން އެގޮތުގައި ހިފަހައްޓައިދޭ ތަފާތު ދިރުންތަކެވެ. ނަމަވެސް އަންނަން އޮތް ޖީލުތަކަށް ރަށްރަށުގައި ނޫޅެވޭނެ ވަރުގެ "ފަޚުރެއް"ގެ "ހުވަފެން" ކޮންމެ ރަށެއްގެ ވެށި ފަނާކޮށްގެން ހޯދައިދިނުމަށް މި ޖީލުގެ އެތައް ދިވެހިންނެއް ތިބީ ސާބިތުކަންމަތީ އެވެ. އަދި މި ކަމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ދައުލަތުގެ ޒިންމާދާރު އިސް މަގާމުތަކުގައި ތިބި ފަރާތްތަކުންނެވެ. ގާނޫނީ ސިޔާސަތު ކަނޑައަޅާ ތަންފީޒުކުރުމާ ހަވާލުވެ ތިބި ފަރާތްތަކުންނެވެ. ނޫ އިގްތިސާދުގެ ތަސައްވުރާ އެންމެ އަހުލުވެރި ފަރާތްތަކުންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ސަލާމަތްކުރަން ޖެހޭނެކަމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިއްވަން މަސައްކަތްކުރާ ފަރާތްތަކުންނެވެ. ރަށަށް ލިބޭ "ފަޚުރު" ރައްޔިތުންނަށް ތަސައްވަރު ކޮށްދޭން ތިބޭ ސިޔާސީ ޕާޓީތަކުގެ މޭސްތިރިންނެވެ. ރައްޔިތުންނަށް ނުރައްކާވާނެ ފަދަ ހުވަފެން ދައްކަމުންދާ ސިޔާސީ ވިޔަފާރިވެރި ފަރާތްތަކުންނެވެ. ރައްޔިތުން "ވެރިން"ގެ ލަގަބު އެބަޔަކަށް ދީފައިވާ ފަރާތްތަކުންނެވެ.
ރާއްޖޭގެ ތިމާވެށި ފަނާވެދިއުމަށް ދޫކޮށްލައި، އަހާއި ލަގަން ގެއްލުވާލުމަށް ވުރެ ނުރައްކާތެރި ކަމަކަށް ރާއްޖެ އޮތީ ހުށަހެޅިފަ އެވެ. އެ ނުރައްކަލަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަދުގެ ދަރިންގެ ދަރިންނަށް ރާއްޖެ ދޫކޮށް ހިޖުރަކުރަން ޖެހުމުގެ ނުރައްކަލެވެ. އަމިއްލަ ވަޒަން ގެއްލުމުގެ ނުރައްކަލެވެ. މި މަންޒަރު މިހާރު ވެސް ދަނީ ދުނިޔޭގެ ބައެއް އެހެން ތިރި ޖަޒީރާ ގައުމުތަކުން ފެންނަމުންނެވެ. ކަންމިހެން އޮތްއިރު އަންނަން އޮތް ޖީލުތަކަށްޓަކައި ވެށި ރައްކާތެރިކޮށް ރާއްޖެ ސަލާމަތް ކުރުމަށް ދެން އެނބުރެން އޮތީ ކޮން ބަޔަކަށް ހެއްޔެވެ؟
އެޑިޓަރުގެ ނޯޓު
ހުމައިދާ އަކީ އިންސާނީ ހައްގުތަކާއި އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރައްވާ ރިސާޗަރެކެވެ. ސަރުކާރުގެ ބައެއް އިދާރާތަކަށާއި އދ.ގެ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އަދި މަދަނީ ޖަމިއްޔާތަކަށް އެފަދަ ރިޕޯޓްތައް އޭނާ ގެންދަވަނީ ތައްޔާރުކޮށްދެއްވަމުންނެވެ. ރާއްޖޭގެ ބައެއް މީޑިއާތަކަށް އިޖްތިމާއީ އަދި ނިޒާމީ އެކި މައުލޫއުތަކަށް ލިއުއްވަ އެވެ. އޭނާ ވަނީ އިނގިރޭސިވަލާތުން ރޭސް އެންޑް އެތްނިކް ސްޓަޑީސް އާއި ސޯޝިއޮލޮޖީ އިން ފުރަތަމަ ޑިގްރީ އަދި ޔުނިވަސިޓީއޮފް މެންޗެސްޓާ އިން ގަވަންމަންޓް (އިންޓަނޭޝަނަލް ރިލޭޝަންސް)ގެ ދާއިރާއިން މާސްޓާސް ޑިގްރީ ނަންގަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ