އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް މެޗުތަކުގައި ފަސް ބަދަލުކުރެވޭ އުސޫލަށް އަލުން އަމަލުކުރުމަށް އެދި ލީގުގެ ކްލަބްތަކުން ހުށަހަޅާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ކޮވިޑާ ގުޅިގެން މެދުކެނޑުމަކަށް ފަހު ކުޅުން އަލުން ފެށީ ލީގުގައި ކޮންމެ ޓީމަކަށް މެޗެއްގައި ފަސް ބަދަލު ކުރެވޭ ގޮތަށެވެ. އެކަމަކު މި ސީޒަން ފެށުމުގެ ކުރިން އެ ނިންމުން ބަދަލުކޮށް އަލުން ތިން ބަދަލަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ. ކްލަބްތަކުގެ ކޯޗުން މިކަމާ ކަންބޮޑުވުން ފާޅުކުރަނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހި ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ދިމާވާން ފެށުމުންނެވެ.
މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ލީގުގައި ވާދަކުރި މެޗަށް ފަހު ދެޓީމުގެ ކޯޗުން ވެސް ވަނީ ލީގުން ގެންގުޅޭ އުސޫލަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކުޅުންތެރިންގެ ވަރުބަލިކަމަށް ނުވިސްނާ ކަމަށާއި، ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު މެންޗެސްޓަރ ޔުނައިޓެޑުން ހޮނިހިރު ދުވަހުގެ އެންމެ ފުރަތަމަ މެޗު ކުޅެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ޝެޑިއުލް ހަދާއިރު އެވަރަށް ވިސްނަން ޖެހޭނެ ކަމަށް ކްލޮޕް ބުންޏެވެ. އެހެންވެ ލީގުގައި އަލުން ފަސް ބަދަލު ކުރެވޭ ގޮތް ހެދުމަކީ ކުރަންޖެހޭ ކަމެއްކަމަށް ކްލޮޕް ގަބޫލުކުރެ އެވެ.
ސިޓީގެ ކޯޗު ގާޑިއޯލާ ވެސް ވަނީ ފަސް ބަދަލުގެ އުސޫލަށް މި ސީޒަނުގައި އަމަލުނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސިޓީ މެޗުގައި ލިވަޕޫލްގެ ކުޅަދާނަ ޑިފެންޑަރު ޓްރެންޓް އަލެކްޒަންޑަ އާނޯލްޑަށް އަނިޔާވުމުން ގާޑިއޯލާ ބުނީ އިންގްލެންޑަށް މުހިއްމު މެޗުތަކެއް އޮއްވައި ގެއްލުނީ މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. މިފަދަ އިތުރު ކަންތައްތަކެއް މި ސީޒަނުގައި ފެނިގެންދާނެކަމަށް ގާޑިއޯލާ ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ ފަސް ބަދަލުގެ އުސޫލަށް އަލުން އަމަލުކުރުމަށް އެދި ދެ ފަހަރަކު ޕްރިމިއާ ލީގަށް ހުށަހަޅައިފަ އެވެ. އެކަމަކު ދެ ފަހަރު ވެސް މި ހުށަހެޅުން ފާސްވާގޮތެއްނުވި އެވެ. މި އުސޫލަށް އަމަލުކުރެވޭނީ ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން މަދުވެގެން 14 ކްލަބުން އެއްބަސްވުމުންނެވެ. އެންމެ ފަހުގެ ހުށަހެޅުމަށް ތާއީދުކުރީ 11 ކްލަބުންނެވެ.
ޕްރިމިއާ ލީގު ނޫން ޔޫރަޕްގެ މަޝްހޫރު އެހެން ލީގުތަކުގައި މިހާރު ވެސް ފަސް ބަދަލު ކުރެ އެވެ. މިދިޔަ ހުކުރު ދުވަހު ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޯޔެސް ބުނީ އޭނާގެ ވިސްނުން މިހާރު ބަދަލުކޮށްފިން ކަމަށާއި ފަސް ބަދަލު މެޗެއްގައި ކުރުން މި ދަނޑިވަޅުގައި މުހިއްމު ކަމަށެވެ. އެކަމަކު އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު ބުނީ ފަސް ބަދަލަކީ ބޮޑެތި ޓީމުތަކަށް ފައިދާއެއް ކަމަށާއި، މަދު ކުޅުންތެރިން ތިބި ޓީމުތަކަށް އެކަމުން ފައިދާއެއް ނުކުރާނެ ކަމަށެވެ.
“އަހަރެމެންގެ ނެތް އެވަރުގެ ސްކޮޑެއް. އެހެންވީމަ އަހަރެމެންނަށް އޮތީ ތިބި ކުޅުންތެރިންނާއެކު މެނޭޖް ކުރުން. އެކަމަކު ޔޫރަޕްގައި ވާދަކުރާ ޓީމުތަކުން ފަސް ބަދަލައް ތާއިދުކުރަނީ ސްކޮޑް ވަރުގަދަ ވީމަ” މި ސީޒަނުގައި އާސެނަލާއި ލިވަޕޫލްގެ މައްޗަށް ކާމިޔާބީ ހޯދާފައިވާ އެސްޓަން ވިލާގެ ކޯޗު ބުންޏެވެ.
ކްލޮޕް ބުނީ ބަދަލުތައް ގެނައުން ކްލަބްތަކަށް ދޫކޮށްލަން ނުޖެހޭ ކަމަށާއި، އެއީ ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗާޑް މާސްޓާސް އިސްކޮށް ހުރެގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ފަސް ބަދަލުގެ އުސޫލަށް އަމަލުކުރަން އިނގިރޭސި ކްލަބްތަކުން ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ