މި މަހުގެ 23 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ "ބޮޑު މުޒާހަރާ"އާ ގުޅިގެން މަދަނީ އިއްތިހާދުގައި އިސްކޮށް އުޅުއްވާ އަބްދުﷲ މުހައްމަދު ހޯމް މިނިސްޓްރީ އަށް ހާޒިރުވާން ބުރާސްފަތި ދުވަހު އަންގައިފި އެވެ.
އަބްދުﷲ ވިދާޅުވީ އޭނާ ހޯމް މިނިސްޓްރީ އަށް ހާޒިރުވާން ބުރާސްފަތި ދުވަހު މެންދުރު އެންގުމުން އޭނާ ހާޒިރުވާން ޖެހެނީ ކޮން ހައިސިއްޔަތަކުން، ކޮން ބޭނުމެއްގައިކަން ލިޔުމުން އެންގުމުން ނޫނީ ހާޒިރުވާން އުޒުރުވެރިވާ ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑަށް ހޯމް މިނިސްޓްރީން ގުޅާފައި ބުނީ ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ ބައްދަލުކުރަން ބޭނުންވެގެން 00: 2 އަށް ހާޒިރުވާން. ނަމަވެސް އަޅުގަނޑު ބުނިން ހާޒިރުވާނީ ސަބަބު ބަޔާންކޮށް ލިޔުމަކުން އެންގުމުން ކަމަށް،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ އޭނާ ހާޒިރުވާން ހޯމް މިނިސްޓްރީން ލިޔުމަކުން އަދި އަންގާފައިނުވާ ކަމަށެވެ.
މަދަނީ އިއްތިހާދުން އިންތިޒާމްކޮށްގެން ބާއްވާ މުޒާހަރާގެ ވެބްސައިޓްގައި މީހުން މެރުމަށް ހިތްވަރުދީފައިވާ ޝިއާރުތަކެއް އެ ވެބްސައިޓްގައި ޝާއިއުކުރުމާ ގުޅިގެން އަބްދުﷲގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމްރާން އަބްދުﷲ ވަނީ މިދިޔަ އަންގާރަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
އެ މުޒާހަރާގެ ވެބްސައިޓުގައި މީހުން މެރުމަށް ހިތްވަރުދީ ޝިއާރުތަކެއް ޝާއިއުކޮށްފައި ވަނީ "ޖާސޫސީ" ބަޔަކު ކަމަށް މަދަނީ އިއްތިހާދުގެ ފަރާތުން ތުހުމަތުކުރެ އެވެ. އަދި އެ ވެބްސައިޓް ލޯންޗްކުރި ފަހުން އެ ވެބްސައިޓް ހެކްކޮށް މުޒާހަރާކުރަން ނުކުންނަ މީހުންނަށް މަރުގެ އިންޒާރުދީފަ އެވެ.
އެ ވެބްސައިޓް ލޯންޗްކުރި ފަހުން ބުރާސްފަތި ދުވަހު އަނެއްކާ ވެސް އެ ވެބްސައިޓަށް ވަނުމަށް މައްސަލަތަކެއް ކުރިމަތިވެފައި ވަނީ ބަޔަކު އަނެއްކާ ވެސް ބަޔަކު ހަމަލާދިނުމުން ކަމަށް މަދަނީ އިއްތިހާދުން ބުންޏެވެ.
"އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުން ކުރާ ކަންތައްތަކެއް ނޫން އެއީ. މިއަދު ވެސް އަނެއްކާ އެ ވެބްސައިޓަށް ބަޔަކު ހަމަލާދީ ޑައުންކޮށްލާފައި ވަނީ،" އަބްދުﷲ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް ވަނީ އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މަދަނީ އިއްތިހާދުގެ އަބްދުﷲ ހާޒިރުވާން ހޯމް މިނިސްޓްރީން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ