އުމަރު ނަސީރަށާއި ޑީއާރުޕީ އަށް ފުލުހުން ރައްދު ދިނުން: ޖުމްހޫރީ މައިދާނަށް އެއް ނުވެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާ ދީފައި

ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަކީ ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތް ދޭ މައި މަރުކަޒުތައް ހިމެނޭ ސެކިއުރިޓީ ޒޯނަކަށް ވާތީ އެ ސަރަހައްދުގައި އެއްވުން ނުބޭއްވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާ ދީފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
ނޮވެމްބަރު، ،3 1988ގައި ރާއްޖެ އަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅުން ހުރި މީހުންނަށް ސަރުކާރުގެ އިސް މަގާމުތަކެއް ދީފައިވާތީ އެކަމާ ދެކޮޅަށް އައިޑީޕީގެ ރައީސް އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން ބޭއްވެވި މުޒާހަރާއާ ގުޅިގެން ފުލުހުން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، އެތަނަށް އެއްނުވުމަށް މުޒާހަރާ ބޭއްވުމުގެ ކުރިން ވެސް އުމަރަށް ގުޅައި އަންގާފައިވާނެ ކަމަށެވެ.
އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ، މުޒާހަރާ އަށް ފަހު އުމަރު ނަސީރާއި ޑީއާރުޕީން އެ މުޒާހަރާއާ ބެހޭގޮތުން ހަގީގަތާ ހިލާފް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެ މުޒާހަރާ ރޫޅާލުމަށާއި މީހުން ހައްޔަރު ކުރުމުގައި އަނިޔާވެރިކޮށް ފުލުހުން އަމަލުކުރި ކަމަށް އުމަރާއި ޑީއާރުޕީން ވިދާޅުވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގަދަކަމުން ގެންދަން ޖެހުނީ އެއްވުން ރޫޅާލުމަށް އެތައް ފަހަރަކު އެންގުމަށް ފަހު ވެސް އެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނާ ކުރިމަތިލީ މީހުން އެކަނި ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ގަދަ ދައްކައި ހެދުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާ ވާންޖެހޭނީ އެ މީހެއް ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބުނެފައިވާ ކަމަށް ވެސް ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ނޫސް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޖުމްހޫރީ މައިދާނުގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ އެއްވެސް ފަރާތަކުން އަންގައިގެން ނުވަތަ ނުފޫޒެއްގެ ދަށުން ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ ފުލުހުންނަށް ލިބިފައިވާ ގާނޫނީ އިހްތިޔާރާއި ބާރުގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ