ކުށްވެރިން ދޫކުރުމަށް ފުލުހުންގެ މައްޗަށް ސަރުކާރަށް އަމުރެއް ނުކުރެވޭނެ: އަލީ އާރިފް

ފުލުހުން މިހާރު ކުށްވެރިން ހައްޔަރުކުރަމުން އަންނަ ގޮތަށް ހައްޔަރުނުކުރުމަށް ރައީސް އޮފީހުން ފުލުހުންނަށް އަންގާފައިވީ ނަމަވެސް ފުލުހުންގެ މައްޗަށް އެގޮތަށް ސަރުކާރަށް އަމުރު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކޯޓު އަމުރަކާ ދެކޮޅަށް އަމުރު ނެރުމުގެ ހައްގެއް ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ބަދަލުކުރުމަށް އެންގޭނީ އެއަށް ވުރެ މަތީ ކޯޓަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓުން ކުރާ ހުކުމެއް ބަދަލުކުރެވޭނީ އެއަށް ވުރެ މަތީ ކޯޓަކުން ނުވަތަ އެޕީލްކޮށްގެން. ސަރުކާރަކަށް ނުވަތަ އެހެން ބަޔަކަށް އެއަށް ވުރެ މަތިން އަމުރު ނެރުމުގެ ބާރެއް ނޯންނާނެ. އަދި ކޯޓު އަމުރާ އިދިކޮޅަށް ވެސް އެއްޗެއް ނުބުނެވޭނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން އިއްޔެ ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން، ފުލުހުންގެ ހައްޔަރުގައި މި ވަގުތު ތިބި އެންމެން ދޫކޮށްލުމާ މެދު ވިސްނަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
އަދި ރައީސް އޮފީހުން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވެސް މިއަދު ޖިނާއީ މައްސަލަތަކެއްގައި ތުހުމަތުގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރަމުންދާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަމަލު ކޮށްފައިވާ މައްސަލައެއްގައި، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފަރާތް، ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން، ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމަވާފައިވާތީ، އިސްތިއުނާފު މަރުހަލާގައި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ އިޖުރާއަތްތަކުގެ ދަށުން މީހުން ހައްޔަރު ނުކުރެއްވުމަށް ފުލުހުންނަށް ރައީސް އޮފީހުން ދަންނަވާފައިވާނެ ކަމަށެވެ.
އަލީ އާރިފް ވިދާޅުވި ގޮތުގައި ޣައްސާން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި އެ ބުނާ ހާލަތްތަކުގައެއް ނޫނެވެ. މުޒާހަރާ ހިންގިތާ އެތައް ދުވަހެއް ފަހުން ޣައްސާން ހައްޔަރުކުރި ގޮތާއި މާރާމާރީ އާއި ކުޑަކުދިންނާއި ޖިންސީ ގޯނާކުރާ މީހުން އަދި އެހެނިހެން ކުށްތަކުގައި މިހާރު ހައްޔަރުކޮށްފައިވާ ހާލަތުތަކެއް އެބަހުއްޓެވެ.
"ޣައްސާން ހައްޔަރުކޮށްފައި ވަނީ މުޒާހަރާކުރިތާ އެތައް ދުވަހެއް ފަހުން އިއްޔެ. ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި އެ ބުނާ މަރުހަލާ ދިޔަތާ އެތައް އިރެއް ފަހުން. ޣައްސާންގެ ވަކީލުން ކޯޓުގައި ވަކާލާތު ވެސް ކުރީ އެގޮތަށް. އެހެންވީމަ ޒުހެއިރުމެން ކުށްވެރިން ދޫކުރުމަށް މި ދައްކަވަނީ ތަފާތު ދެ ހާލަތެއްގެ ވާހަކަ،" އަލީ އާރިފް ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނެފައިވަނީ ހައްޔަރުކުރާ މީހާ އަށް މީހަކު ކުށެއްކުރަނިކޮށް ފެނިއްޖެ ހިނދެއްގައި ނުވަތަ މީހަކު ކުށެއްކޮށްފި ކަމަށް ނުވަތަ އެ އުޅެނީ ކުށެއްކުރާން ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ނުވަތަ ކޯޓުގެ އަމުރެއްގެ ދަށުން މެނުވީ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ.
އާރިފް ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުން ވަނީ ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ އަދި އެ ގެއަށް ވަދެ އުޅޭ މީހުން ނުވަތަ އެ ގޭ ހުންނަ މަގުން ހިނގާ އުޅޭ މީހުން ވެސް ހައްޔަރުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ