ޑީއާރްޕީއަކީ އެއްބައިވަންތަ ޕާޓީއެއްކަން ސާބިތުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް: މައުމޫން

ޑީއާރްޕީއަކީ އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތްކުރާ އެއްބައިވަންތަ ޕާޓީއެއްކަން މި ވަގުތު ގައުމަށް ސާބިތުކޮށްދިނުމަކީ ޑީއާރްޕީގެ މެމްބަރުންގެ ވާޖިބެއް ކަމުގައި ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ކުޑަކުރުމަށް މަސައްކަތްކުރުމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމުގެ މަސައްކަތް ފެށުމަށް މިރޭ ކަލާފާނު ސްކޫލްގައި މައުމޫންގެ ފަރާތުން އިންތިޒާމްކުރި ހަފްލާގައި އެ މަނިކުފާނު ވިދާޅުވީ ޚިޔާލު ތަފާތުވެ ބައިބައިވެގެންދާ ނަމަ، އެ ބަޔަކު ނިކަމެތިވެ ބާރު ކެނޑި ފިނޑިވެގެން ހިނގައިދާނެ ކަމަށެވެ.
އަދި އެއްވެސް ބައެއް ކާމިޔާބީއާ ހަމައަށް ދާނީ އެ ބައެއްގެ ތެރޭގައި އަޚުވަންތަކަމާއި އެއްބައިވަންތަ ކަން އޮވެގެން ކަމުގައި ވެސް މައުމޫން ވިދާޅުވި އެވެ.
ޕާޓީއެއްގެ ކުރިމަތީގައި އޮތީ ވާދަކުރަންޖެހޭ އިންތިހާބެއް ނަމަ އެ ޕާޓީއެއްގެ މެމްބަރުންގެ މެދުގައި އޮންނަންޖެހޭނީ ވަރަށް ވަރުގަދަ އެކުވެރިކަމަކާއި އެއްބައިވަންތަކަމެއް ކަމަށާއި ހިޔާލު ތަފާތުވުން އޮތް ނަމަވެސް އެކަން ބައިބައިވުމަކަށް ބަދަލުވެގެން ނުދިއުމަކީ އެންމެންގެ ވާޖިބެއް ކަމުގައި ވެސް މައުމޫން ވިދާޅުވި އެވެ.
"މި ފަދަ މަތިވެރި އިލާހީ އިރުޝާދުތަކުގެ އަލީގައި އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ހިޔާލު ތަފާތުވުންތައް ކުޑަކުރުމަށް މަސައްކަތްކުރުމަށް އަޅުގަނޑުމެންގެ މެމްބަރުންގެ މެދުގައި އަޚުވަންތަކަން ވަރުގަދަކޮށް ޑީއާރްޕީއަކީ އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތްކުރާ އެއްބައިވަންތަ ޕާޓީއެއްކަން މި ވަގުތު ދިވެހި ގައުމަށް ސާބިތުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް،" މުސްލިމުން ބައިބައިނުވެ އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބުމަށް ކީރިތި ގުރްއާނުގައި އަންގަވާފައިވާ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ ޑީއާރްޕީގެ ޒައީމްގެ ހައިސިއްޔަތުން. އަދި ތިޔަ ލޮބުވެތި މެމްބަރުންގެ ބައްޕައެއްގެ ހައިސިއްޔަތުން. ހަމަ އެހެންމެ އުމުރުން ދުވަސްވީ މީހެއްގެ ހައިސިއްޔަތުން."
އެ މަނިކުފާނު ވިދާޅުވީ މި ދަނޑިވަޅުގައި ޑީއާރްޕީ ބައިބައިވެއްޖެ ނަމަ އެ ކަމުގެ ފައިދާ ނަގާނީ ވާދަވެރި އެހެން ޕާޓީތަކުން ކަމަށެވެ. އަދި މި ވަގުތު އެންމެ މަގުބޫލު ސިޔާސީ ޕާޓީއަކީ ޑީއާރްޕީ ކަމަށާއި އެކަން ހާސިލުކުރެވުނީ މެންބަރުންގެ އެއްބައިވަންކަމުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މިއަދު ޑީއާރްޕީގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ ލޯކަލް އިންތިހާބު ކާމިޔާބުކުރުން ކަމަށާއި އެ ކަމަށްޓަކައި އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ކައުންސިލްތަކަކީ ވަރަށް ގިނަ އިހުތިޔާރުތަކާއި ބާރުތަކަކާއި ޒިންމާތަކެއް ވެސް އޮތް ކައުންސިލްތަކެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އިސްލާމީ އަގީދާ ރައްކާތެރިކުރުމާއި އިސްލާމް ދިން ފިޔަވައި އެހެން ދީނަކަށް ޖާގަ ނުދިނުމާއި ލާދީނީ ނުފޫޒުތަކުން ރައްޔިތުން ސަލާމަތްކޮށް ގުރުއާނާއި އަރަބި އިސްލާމީ ތައުލީމް ރައްކާތެރިކޮށް ރާއްޖޭގެ ބިންބިމާއި މުއައްސަސާތަކާއި ދިވެހި ރައްޔިތުންގެ މިލްކިއްޔާތުތައް ހިމާޔަތްކުރެވޭނީ ވެސް ޑީއާރްޕީން ލޯކަލް ކައުންސިލް އިންތިހާބުކޮށްގެން ކަމަށް ވެސް މައުމުން ވިދާޅުވި އެވެ.
މައުމުން ވިދާޅުވީ ރާއްޖެ މިހާރު އޮތް މިންވަރަށް ވެސް ތަރައްގީވީ ދިވެހިންގެ މުދަލާއި ބިންތަކާއި ހަރުމުދާ ވިއްކައިގެން ނޫން ކަމަށެވެ.
"މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައި މިވާ ނިއުމަތްތަކުގެ ބޭނުން ޖެހޭނީ އަޅުގަނޑުމެން ކުރަން. އަޅުގަނޑުމެންނަށް ދެއްވާފައިވާ މުއްސަނދިކަމަކީ އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށާއި އަންނަން އޮތް ޖީލުތަކަށް އޮތް އެއްޗެއް. އެއީކީ ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ވާނެ އެއްޗެއް ނޫން."
މިރޭގެ ބައްދަލުވުމަށް މައުމޫން ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި އެ ޕާޓީން ވަކިކޮށްފައިވާ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރެވެ.
ގިނަ އަދަދެއްގެ ބަޔަކު އެއްވި މި ބައްދަލުވުމަށް އުމަރު ނަސީރު ވަޑައިގަތުމުން އޭނާ އަށް ހޫނު މަރުހަބާއެއް ކިއެވެ. އަދި އުމަރު އާންމުންނާ ބައްދަލުކޮށް ސަލާމްކުރެއްވުމަށް ފަހު، ތަސްމީނާއި އަލީ ވަހީދާ ވެސް ސަލާމްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ