ފުވައްމުލަކު ބަނދަރުގެ ރިންގުތައް ނުރޫޅޭނެ ގޮތަށް ބޭރު ފަރާތުގައި ހިލަ ޖަހާގޮތަށް ހަމަޖައްސަވައިފި

ޏ. ފުވައްމުލަކު ބަނދަރުގެ ތެރެއަށް ބިންދަމުންދާ ރާޅުތައް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ރިންގުތައް (ކްރިބް) ނުރޫޅޭނެ ގޮތަށް ބޭރު ފަރާތުގައި ހިލަ ޖަހާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެ އެވެ.
އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލައާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެ މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރު، އިންޖިނިއަރިން އަބްދުﷲ ނައުޝާދު ވިދާޅުވީ އެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން ރިންގުތައް ރޫޅުނަ ނުދީ ހިފެހެއްޓުމަށް ވަށައިގެން ޓެންޝަން ކޭބަލް ކޭބަލްތަކެއް އަޅުއްވާނެ ކަމަށެވެ.
ނައުޝާދު ވިދާޅުވީ ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރުމަށް ޕްލޭންކުރައްވާފައި ވަނީ ކުރިޔަށް އޮތް މޫސުމް ނިމުމުން ކަމަށެވެ.
"ގަދަ މުސޫމުގެ ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްކުރެވިދާނެ ކަމަކަށް ނުބެލެވޭ. އަދި އެއީ މަސައްކަތްކުރަން ވެސް ވަރަށް އުނދަގޫ ރަށެއް،" އޭނާ ވިދާޅުވި އެވެ.
ނައުޝާދު ވިދާޅުވީ ބަނދަރުގެ ނެރާ ދިމާލުން ލަކުޑި ބެރިތަކެއް ވަށައިގެން ޖަހައި އެތެރެއަށް ހިލަ އަޅައި ވަރުގަދަކޮށް ހަދައިފައިވާ ތިން ރިންގު މި މޫސުމުގެ ތެރޭގައި އެއްކޮށް ރޫޅިދާނެ ކަމަށް ލަފައެއްނުކުރެވޭ ކަމަށެވެ.
"ކްރިބްތަކުގެ(ރިންގު) އެތެރޭގައި ހުރީ ބްރޭކްވޯޓާގައި ޖަހާފައިވާ ސައިޒުގެ ހިލަތަކެއް. އެ ހިލަތައް ރާޅުގެ ބާރުގައި ގެންދިއުމަކީ ވަރަށް ނާދިރުކަމެއް،" އޭނާ ވިދާޅުވި އެވެ.
ބަނދަރުގެ ބޭރު ތޮށިން އެތެރެއަށް ރާޅުޖަހާ މައްސަލައާ މެދު ނައުޝާދު ވިދާޅުވީ ބަނދަރު ޑިޒައިންކުރިއިރު ވެސް ސީޒަނަލް އޯވަޓޮޕިން އެއް ހުންނާނެ ކަމަށް އެނގިފައިވާ ކަމަށެވެ.
"އެކަން ކުރިންވެސް ޑޮކިއުމަންޓްކުރެވިފައިވޭ. އޭރުވެސް ވިސްނަމުންގެންދެވީ ބަނދަރުގެ ރާޅުޖަހާ ފަރާތަކީ އަބަދު ދޯނިފަހަރު އަޅާފައި އޮންނަ ސަރަހައްދަކަށްވުރެ ބޮޑަށް އެ މަސައްކަތެއްކޮށްފައި ދާންޖެހޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ނައުޝާދު ވިދާޅުވީ ރާޅުޖަހާ މައްސަލައަށް ހައްލުކުރެވޭނެ ގޮތްތަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރު އަލީ އާމިރު ވިދާޅުވީ 9.5 މިލިއަން ޔޫރޯ ހަރަދުކޮށްގެން 2003 ވަނަ އަހަރު، ބަނދަރު ހުޅުވުމަށްފަހު އެތަން ބަލަހައްޓަވަމުން ގެންދަވަނީ ދެ ގޮތަކަށް ބަހާލައިގެން ކަމަށެވެ.
"މިހާރު ދިމާވެފައިވާ ރިންގުތަކުގެ މައްސަލަ އެންމެ ބޮޑުވެފައިވާކަން އެނގުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން. އެ މައްސަލަ ދިމާވުމުން ވަނީ ޓެންޝަން ކޭބަލެއް އަޅައިފައި،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ