މަޖިލިހުގެ ތަޅުމުގައި ހިންގި މާރާމާރީއެއްގައި ބައެއް މެމްބަރުން ޒަހަމް ވެއްޖެ

އަހުމަދު ހަމްދޫން އަދި ހަސަން މުހައްމަދު
އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް މަގާމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަނިކޮށް ޖަލްސާ ހޫނުވެ، ބައެއް މެމްބަރުން މާރާމާރީ ހިންގައި އޭގެ ތެރެއިން ބައެއް މެމްބަރުން ޒަހަމް ވެއްޖެ އެވެ.
މި މާރާމާރީގައި ޒަހަމް ވެފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު ޝިފާގް މުފީދު (ހިސްޓޯ) އާއި އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޑީއާރުޕީގެ ނާއިބު ލީޑަރަކަށް އިންތިހާބުވެވަޑައިގެންފައިވާ އަލީ ވަހީދާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ.
ޖަލްސާ ކުރިއަށް ނުގެންދެވިގެން މެންދުރު 30: 1 ވާން އުޅެނިކޮށް ރިޔާސަތުން ޖަލްސާ ހުއްޓާލުމުގެ އިރުކޮޅެއް ކުރިން ހިންގި މާރާމާރީގައި ހިސްޓޯގެ ކަނާތު ލޯ ކައިރީގައި ޖެހުމުގެ ސަބަބުން އެ ހިސާބު ވަރަށް ބޮޑަށް ދުޅަވެ ނޫފައިގެންފައިވެ އެވެ. އަދި ކަނާތު ލޮލަށް ވެސް ވަރަށް ބޮޑަށް ލޭ އަރާފައިވެ އެވެ. އޭނާއަށް އޭޑީކޭގައި ވަނީ ފަރުވާދީފަ އެވެ.
މީގެ އިތުރުން އަލީ ވަހީދާއި މަހުލޫފުގެ ތުންފަތް ވެސް ޒަހަމްވެފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ. އަދި މަހުލޫފުގެ ކަރުގައި ކޮންމެވެސް ވަރަކަށް ވަކި އަޅާފައިވާއިރު އަލީ ވަހީދުގެ އަތުގައި ވަނީ ބެންޑޭޖް ވެސް އަޅައިފަ އެވެ. އެ ދެ މެމްބަރުން ވެސް ފަރުވާ ހޯއްދެވީ އައިޖީއެމްއެޗުންނެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި މި މާރާމާރީ ހިނގަން މެދުވެރިވީ މިއަދުގެ ޖަލްސާގައި އެ ޕާޓީގެ ސ. ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވާހަކަ ދައްކަވަން ހުންނަވަނިކޮށް މަހުލޫފު ވަޑައިގެން އޭނާގެ ބުރަކަށީގައި މަޑުމަޑުން އަތް ޖައްސާލައްވައި ވިދާޅުވި އެއްޗަކުންނެވެ. "ތިއީ ޑީއާރުޕީ ގޮނޑިއެކޭ" މަހުލޫފު ވިދާޅުވެ އަލްހާންގެ ގައިގައި އަތް ލެއްވި ހިސާބުން ގިނަ މެމްބަރުންތަކެއް އަލްހާން ހުންނެވި ބެންޗާ ދިމާލަށް ބޮނޑިވި ވަގުތު މާރާމާރީ ހިންގެވީ ކަމަށް ދެ ޕާޓީގެ މެމްބަރުން ވެސް ވިދާޅުވެ އެވެ. އެހެން ނަމަވެސް އެއްވެސް މެމްބަރެއްގެ ގައިގައި ޖެހީ ކޮން މެމްބަރެއް ކަމަށް ސީދާ ވިދާޅުވާކަށް އެއްވެސް މެމްބަރަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ދެ ޕާޓީގެ މެމްބަރުން ވެސް ދަނީ އެއް ޕާޓީން އަނެއް ޕާޓީއެއްގެ މެމްބަރުންގެ ބޮލުގައި އިލްޒާމް އަޅުވަމުންނެވެ.
އެމްޑީޕީގެ މެމްބަރު މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި ހިސްޓޯ އަށް ހަމަލާ ދިން ވަގުތު އޭނާއާ އެންމެ ކައިރީގައި ހުންނެވީ ޑީއާރުޕީގެ ގއ. ގެމަނަފުށީ މެމްބަރު އިލްހާމް އަހުމަދެވެ. އެކަމަކު އިލްހާމް ވިދާޅުވީ އެ މާރާމާރީ ހިންގެވި ވަގުތު އޭނާ ހުންނެވީ ދުރުގައި ކަމަށެވެ.
"އެތަނުގައި އަޅުގަނޑު ހުއްޓާ ނާޒިމް [މަޑަވެލި ދާއިރާގެ މެމްބަރު] ވިދާޅުވީ ޒުވާބު ކުރާނެ ކަމެއް ނެތޭ އެއް ފަރާތަކަށް އަންނާށޭ. އޭނާއާ އެއްކޮށް އެއް ފަރާތަކަށް ގޮސްފައި އައި އިރު ޝިފާގު އޮތީ ވެއްޓިފައި،" އިލްހާމް ވިދާޅުވި އެވެ. "އަޅުގަނޑު އޭނާ ގައިގައި އަތް ވެސް ނުލަން. އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ހައިރާންވެފައި އޭނާ ގައިގައި ޖެހީ އަޅުގަނޑޭ ބުނާތީ."
އަލީ ވަހީދު ވިދާޅުވި ގޮތުގައި މަހުލޫފާ ދިމާއަށް ގިނަ މެމްބަރުންތަކެއް ވަޑައިގަތުމުން އެތަނަށް އޭނާ ޖެހިވަޑައިގެންނެވި އިރު ހަމަލާ ދެއްވި ކަމަށް ބެލެވެނީ އެމްޑީޕީގެ ނ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. މަހުލޫފު ވެސް ތުހުމަތުކުރައްވަނީ އެގޮތަށެވެ. އެކަމަކު އަހުމަދު އީސާ ވިދާޅުވީ އޭނާ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އޭނާ ހުރިހާ އިރެއްގައި ވެސް މަސައްކަތްކުރައްވާފައި ވާނީ މެމްބަރުން ހޫނުވާ ވަގުތު އެ ހޫނުކަމުން ދުރުކުރައްވަން ކަމަށް ވެސް ވިދާޅުވި އެވެ.
"މަޖިލިސް ޗެމްބާ ތެރޭގައި ސީސީޓީވީ ހުންނާނެ. މިހާރު ވެސް ބައްލަވާ އަޅުގަނޑު ނުހުންނާނެ މާރާމާރީ ހިންގުމުގެ ނިޔަތުގައި އެއްވެސް މެމްބަރެއްގެ ގައިގައި އަތްލާފައި،" އީސާ ވިދާޅުވި އެވެ. "އަޅުގަނޑު މަސައްކަތްކޮށްފައި ވާނީ ބައެއް މެމްބަރުން މާ ބޮޑަށް ހޫނުވާން ފެށުމުން ދުރުކުރުވަން."
އެއް ޕާޓީން އަނެއް ޕާޓީގެ މެމްބަރުންގެ ބޮލުގައި ތުހުމަތުތައް އަޅުވާ އިރު މާރާމާރީގައި ބައިވެރިވެވަޑައިގަތީ ދެ ޕާޓީގެ ކޮން މެމްބަރުންނެއް ކަމެއް ކަށަވަރެއް ނުވެ އެވެ.
މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މާރާމާރީގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެމްޑީޕީން އެދުމާ ގުޅިގެން މަޖިލިހުގެ ރިޔާސަތުން އެކަން ތަހުގީގުކުރަން ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
"ފުލުހުން މަޖިލީހުގެ ޗެމްބާ ތެރޭގައި ހުރި ސީސީޓީވީގެ ފޫޓޭޖް ބަލާ ހުރިހާ އެއްޗެއް ތަހުގީގުކުރާނެ،" ނާޒިމް ވިދާޅުވި އެވެ. "މަޖިލިހުގެ ގަވާއިދުގައި ވާ ގޮތުން މަޖިލިހުގެ ތެރޭގައި ހިނގާ މިފަދަ ކަންކަން މަޖިލިހުގެ ސުލޫކީ ކޮމިޓީން ކުޑަ ބޮޑުމިނަށް ބަލާ ފިޔަވަޅު އަޅާނެ. އެކަން މަޖިލިހުގެ ރިޔާސަތުން ކުރިއަށް ގެންދާ ގޮތަށް އޮތީ ހަމަޖެހިފައި."
ޒަހަމްވި ތިން މެމްބަރުންގެ ތެރެއިން ހިސްޓޯ އަށް އޭޑީކޭގައި ފަރުވާ ދެމުން ދިޔައިރު އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ހަރަކާތްތެރިވި މަންޒަރު ވެސް ފެނިފައިވެ އެވެ.
މިއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި މިފަދަ މާރާމާރީއެއް ހިނގައި މެމްބަރުންތަކެއް ޒަހަމްވި ފުރަތަމަ ފަހަރެވެ. މެމްބަރުންގެ މި މާރާމާރީތަކާ ގުޅިގެން މަޖިލީހުގެ އިދާރާ އާއި އައިޖީއެމްއެޗް ކައިރި އަށް އާންމުންގެ ބަޔަކު އެއްވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ