ސ. ހުޅުދު އާއި މީދު އަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނު އޯވާހޯލް ކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރާތީ އެ ދެ ރަށުގެ އެކި ސަރަހައްދުތަކުން ބައި ގަޑިއިރަށް ކަރަންޓް ކަނޑަން ފަށައިފި އެވެ.
އިންޖީނެއް އޯވާހޯލް ކުރަން ޖެހޭތީ، އިއްޔެ އިން ފެށިގެން ކަރަންޓް ކަނޑާލަމުން ދާނެކަން ދެ ރަށުގެ ހުރިހާ ގެއަކަށް ވެސް ލިއުމަކުން އަންގައިފައިވާނެ ކަމަށް ސަދަން ޔުޓިލިޓީސް ކުންފުނީގެ ޑިރެކްޓަރު އަދި ކަސްޓަމާ ރިލޭޝަންސްގެ ހެޑް މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވި އެވެ.
"ދެ ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ބުރާސްފަތި ދުވަހު ލިއުން ފޮނުވައިގެން އަންގާފައިވާނެ އިއްޔެ އިން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން ބައިގަޑި އިރަށް ކަރަންޓް ކަނޑަމުން ދާނެ ކަމަށް. އަދި ލޯޑް މަތިވާ ވަގުތުތަކުގައި އިލެކްޓްރިކް ސާމާނު ވީހާ ވެސް މަދުން ބޭނުން ނުކުރުމަށް ވެސް އެދިފައި ވާނެ،" އޭނާ ވިދާޅުވި އެވެ.
ކަރަންޓް ބޭނުން ކުރާ މިންވަރު އެންމެ މަތީ ގަޑިތަކުގެ ގޮތުގައި ބެލެވޭ ހެނދުނު 9 އިން ހަވީރު 4 އަށް އަދި ރޭގަނޑު 7- 11 އާ ދޭތެރޭ ވީހާ ވެސް މަދުން ކަރަންޓް ބޭނުން ކުރުމަށް އިންޖީނު ގެއިން ދެ ރަށުގެ ގޭގެ އަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޒުހެއިރު ވިދާޅުވީ ހުޅުދު އާއި މީދު އަށް ކަރަންޓް ދިނުމަށް ބަހައްޓާފައި ހުރި 165 ކިލޯވޯޓުގެ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް އިންޖީނު އޯވާހޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ އިރު ހުކުރު ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"އިންޖީނަށް އިތުރު މައްސަލައެއް ދިމާނުވެއްޖިއްޔާ ހުކުރު ދުވަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް މަސައްކަތް ނިންމާލެވި ކަރަންޓް ކަނޑަން ޖެހޭ މައްސަލަ ވެސް ނިމުކަކަށް އަންނާނެ،" ޒުހެއިރު ވިދާޅުވި އެވެ. "މަސައްކަތް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ."
ސަދަން ޔުޓިލިޓީސް ކުންފުނިން އައްޑު އަތޮޅަށާއި ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު އައްޑު އަތޮޅުގެ އާބާދީގެ ބޮޑު ބައި ދިރިއުޅޭ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ސިނާއި ރަށް ގަމަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބަހައްޓާފައި ހުރި އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ހަފުތާގެ ތެރޭގައި އެކި ސަރަހައްދުތަކުން ފަސް ދުވަސް ވަންދެން ބައިގަޑި އިރަށް ކަރަންޓް ކަނޑާލައިފައި ވެ އެވެ. އެހެންނަމަވެސް އެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ.
ހުޅުމީދޫ އިންޖީނެއް އޯވާހޯލް ކުރާތީ ބައިގަޑިއިރަށް ކަރަންޓް ކަނޑަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ