ޑީއާރުޕީއާ އެކު ކޯލިޝަން ހަދާކަށް އެއްވެސް މަސައްކަތެއް އަދި ނުކުރަން: ގާސިމް

ޑީއާރުޕީން ދިވެހި ގައުމީ ޕާޓީއާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމި ނަމަވެސް އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ޕާޓީގައި އެއްވެސް މަސައްކަތެއް އަދި ނުކުރާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ އެއްވެސް ބަޔަކާ އެކު ޖުމްހޫރީ ޕާޓީން ކޯލިޝަނެއް ހަދާނަމަ އެކަން ނިންމާނީ އެ ޕާޓީގެ ކައުންސިލުން ކަމަށެވެ.
"އަދި ކައުންސިލުގައި ތިކަހަލަ އެއްވެސް ކަމެއް ކުރިއަކަށް ނުދޭ،" އަމިއްލަ ރަށް މާމިގިލީގައި ހުންނަވައިގެން ފޯނުން "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވި އެވެ. "ޑީއާރުޕީ ތެރޭގައި ވަރަށް ބޮޑެތި ބައިބައިވުންތަކެއް އެބަހުރި. އަޅުގަނޑަކަށް ނޭނގެ އެކަން އެހެން ހުއްޓާ އަޅުގަނޑުމެންގެ ޕާޓީން ނިންމާނީ ކޮން ގޮތަކަށް ކަމެއް."
ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއް ހެދުމަށް ޑީއާރުޕީން ރަސްމީ ސިފައެއްގައި އެދިފައިވޭތޯ ދެންނެވުމުން ގާސިމް އެއަށް އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
ޑީއާރުޕީ އާއި ގައުމީ ޕާޓީން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ލޯކަލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަހުމަދު ތަސްމީން އަލީ އަށް ތާއީދު ކުރުމަށް ވެސް ގައުމީ ޕާޓީން ވަނީ އެއްބަސްވެފަ އެވެ.
ޑީއާރުޕީ އާއި ގައުމީ ޕާޓީން ކޯލިޝަން ހަދަން ނިންމާފައިވާތީ އެކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ފާޑު ކިޔަމުންނެވެ. އޭގެތެރޭގައި ހާއްސަކޮށް ޑީއާރުޕީގެ މައުމޫން ފެކްޝަންގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އެ ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވެސް ވިދާޅުވެފައި ވަނީ ގައުމީ ޕާޓީއާއެކު ޑީއާރުޕީން ކޯލިޝަން ހެދުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯ ސުވާލު އުފެދޭ ކަމަށެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީއާއެކު ޑީއާރުޕީން ކޯލިޝަން ހަދާފައި ނުވާތީ މައުމޫން ވަނީ އެކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
ގާސިމް ވިދާޅުވީ މިދިޔަ ލޯކަލް އިންތިހާބުގައި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވި އިންތިހާބުގައި ބައެއް ދާއިރާތައް ކާމިޔާބު ވެސް ކުރެވިފައިވާ ކަމަށެވެ.
"ލޯކަލް އިންތިހާބުގައި އަޅުގަނޑުމެން ދެ ޕާޓީން އެއްބަސްވީ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ވާދަކުރާ ހިސާބުތަކަށް ޑީއާރުޕީ ކެންޑިޑޭޓުން ކުރިމަތި ނުލުމަށް. އަދި ޑީއާރުޕީން އެދޭ ސަރަހައްދުތައް އެ ޕާޓީއަށް ދޫކޮށްލުމަށް. އެ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރިން. އެކަމަކު ވެސް ބައެއް ސަރަހައްދުތަކުގައި ކޮންމެވެސް ވަރަކަށް ފުށުއެރި ނަމަވެސް ގިނަ ދާއިރާތަކުން ކާމިޔާބު ލިބުނީ ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީއަށް،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ