ގާސިމްގެ ރިއާސީ ކެމްޕެއިން ރަސްމީކޮށް ފެށުން: 1.5 ބިލިއަން ރުފިޔާގެ ރިވޯލްވިންގް ފަންޑެއް ތިން އަހަރު ތެރޭގައި ގާއިމް ކުރާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި، ތިން އަހަރު ދުވަހުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާގެ ރިވޯލްވިން (ދައުރުވާ) ފަންޑެއް ސަރުކާރުން ގާއިމްކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ރިއާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ހަފްލާގައި އޭނާ ވިދާޅުވީ، އެ ރިވޯލްވިން ފަންޑަށް ސަރުކާރުން އަހަރަކު 500 މިލިއަން ރުފިޔާ ޖަމާކުރާނެ ކަމަށެވެ. އެ ފަންޑުގެ ބޭނުމަކީ ތަފާތު މަސައްކަތްތައް ކުރާ ދާއިރާތަކުގެ މީހުންނަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ ފަންޑުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ވެސް ލޯނު ދޫކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން އޭނާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކޮށްފި ނަމަ ކުރައްވާނޭ ވަރަށް ގިނަ ކަންތައްތައް ރޭގެ ހަފްލާގައި ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނޭ ކަމަކީ ކެބިނެޓް ލެވެލްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކެބިނެޓާއި ސިޔާސީ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖުމްހޫރީ މާހެފުން" ނަމުގައި ބޭއްވި އެ ހަފްލާގައި ގާސިމް ވިދާޅުވީ ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި އަހަރަކު 1،000 ފްލެޓް އަޅައިދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި "އާބާދީ ސެންޓަރުތަކެއް" އުފައްދައި ފަސް އަހަރު ތެރޭގައި އެ ތަންތަނަކީ މާލެއަށް ވުރެ މަތީ ފެންވަރުގައި ހުންނަ ތަންތަން ކަމުގައި ހައްދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމުގެ ވެރިކަމެއްގައި ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފަސް ސްޕެޝަލް އިކޮނޮމިކް ޒޯން ހެދުމަށް ބޭނުންވާ ގާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސްޕެޝަލް ޒޯންތަކުގައި އައިޓީގެ މަސައްކަތްތަކާއި ޓުއަރިޒަމްގެ މަސައްކަތްތަކުގެ އިތުރުން އެހެނިހެން އިޖްތިމާއީ އަދި އިގްތިސޯދީ މަސައްކަތްތައް ވެސް ހިމެނޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އިގްތިސޯދީ ތަރައްގީ ޑިވެލޮޕްމެންޓް ބޭންކެއް" ދެ އަހަރު ދުވަހުގެ ތެރޭގައި އުފައްދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ބޭންކުން ރާއްޖޭގައި މިހާރު އިންވެސްޓްކޮށްފައިވާ ފަރާތްތަކަށާއި ކުރިމަގުގައި އިންވެސްޓުކުރާނެ ފަރާތްތަކަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.
އޭނާގެ ވެރިކަމެއްގެ ފުރަތަމަ އެއް އަހަރު ހުސްވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސް ސްކީމެއް ގާއިމްކުރާނެ ކަމަށް ވެސް ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް ވިދާޅުވި އެވެ.
ފަސް ސަރަހައްދެއްގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލްތަކެއް ގާއިމްކޮށް ދެ އަހަރު ދުވަހުގެ ތެރޭގައި "ހާއްސަ ހޮސްޕިޓަލެއް" ގާއިމްކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެ ހާއްސަ ހޮސްޕިޓަލަކީ މި ހިސާބުގަނޑުގައި، އިންޑިޔާއާ އަދި ސްރީލަންކާގައި އަދި ތައިލެންޑުގައި މި ލިބެން ހުންނަ ވަރުގެ ފަރުވާ ލިބޭނެ، އެ ތަންތަނަށް ދަތުރުނުކޮށް ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި (ގާއިމްކުރާ ހޮސްޕިޓަލެއް)،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އަހަރަކު 500 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ ފުރުސަތު ހުޅުވައިލައްވާނެ ކަމަށެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށެވެ. ނަމަވެސް ޓީޗަރުންގެ މުސާރައިގެ ވާހަކަ އެންމެ ބޮޑަށް ދެކެވުނީ ވެސް ގާސިމް ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެވުމަށް މިހާރު ހުޅުވިފައިވާ ދޮރުތައް ގާސިމުގެ ވެރިކަމުގެ އެއް މަސް ދުވަސް ތެރޭގައި ބަންދުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް ކުރުމަށް ފައިސާ ހޯއްދަވާނެ ގޮތް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ވެރިކަމުގެ އެއް މަސް ދުވަހުގެ ތެރޭގައި 15 ޕަސެންޓް ކޯޕަރޭޓް ޓެކްސް ނެގުމާ ބެހޭ ގާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޓުއަރިޒަމްގެ ދާއިރާއަށް ޖެނެރަލް ސޭލްސް ޓެކްސް (ޖީއެސްޓީ) ތައާރަފްކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރުގައި ތެޔޮ ހުރިކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"....އެހެންވީމަ ހަމަ ފުރަތަމަ ދުވަހުން ފެށިގެން ވެސް ތެޔޮ ހުރިތޯ ރާއްޖޭގެ ކުރެވެން އޮތް އެންމެ މުހިންމު ވަސީލަތްތަކުގެ ބޭނުންކޮށްގެން، ތެޔޮ ހުރިތޯ ބެލުމަށް އަޅުގަނޑުމެން މަސައްކަތްކޮށް، ތެޔޮ ހުރި ނަމަ ފުރަތަމަ އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ތެޔޮ ނެގޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ގާސިމް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރިއާސީ ދައުރުގައި ރިއާސީ ކެންޑިޑޭޓަކު ހޮވުމުގައި ޖުމްހޫރީ ޕާޓީ ހިޔާރު ކުރައްވާށޭ. ޖުމްހޫރީ ގުޅުމަށް ތިޔަ ބޭފުޅުންގެ ތާއީދުދެއްވާށޭ. އަދި އެ މަގާމަށް (ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް) ދިވެހިރާއްޖޭގެ ލޮބުވެި ރައްޔިތުން އަޅުގަނޑު އިންތިހާބު ކޮށްދެއްވާށޭ،" ނިންމާމަލުން ގާސިމް ވިދާޅުވި އެވެ.
ރޭގެ ހަފްލާގައި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް (އެމްއެންސީގެ) އިސް ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮންމެސް ވަރަކަށް ވާރޭވެހެމުން ދިޔަ ނަމަވެސް ރޭގެ ހަފްލާގައި ގާސިމްގެ ތަގުރީރު އަޑުއަހަން ޕާޓީގެ ސަޕޯޓަރުން ގޮސް ތިއްބެވެ. އަދި އެ ހަފްލާ ނިމުމަށްފަހު ގާސިމް ދެއްވި މާހެފުމެއް ވެސް އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ