ޓީއެމްއޭ އިން އަޅުގަނޑަކަށް ފައިސާއެއް ނުދޭ: ނަޝީދު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިން ކަމަށް ބުނެ ކުރާ ތުހުމަތުތައް އެމަނިކުފާނު މިއަދު ދޮގުކުރައްވައިފިއެވެ.
މިފަދަ ތުހުމަތެއް ކުރައްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޓީއެމްއޭ އިން ވެސް އަދި އެހެން ބަޔަކު ވެސް އެމަނިކުފާނަށް ފައިސާއެއް ނުދެއްވާ ކަމަށާއި އަދި ދެއްވަން ވެސް ނުވެސް އުޅުއްވާނެ ކަމަށާއި އަދި އެކަމާ ބަޔަކު ނުވެސް ވިސްނާނެ ކަމަށެވެ.
"ދެއްވަން އުޅުއްވަބަލަ އެއްވެސް މީހަކު އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ދޭން އުޅޭކަން އެނގި ހުރެ އެކަމާ އަޅާނުލާ ތިބުމަކީ ވެސް މަނާ ކަމެއް" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުވުމުގެ ނިޔަތުގައި އެއްވެސް މީހަކު އެމަނިކުފާނާ ރަހުމަތްތެރިވެ ވާހަކަ ނުދެއްކުމަށް ވެސް އެދިވަޑައިގެންފައެވެ.
މެމްބަރު ނަޝީދު މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމާ ގުޅޭ މައްސަލައިގެ ތެރެއަށް ނަޝީދު ވެސް މިހާރު ވަނީ ވަދެފައެވެ.
އެގޮތުން ނަޝީދު ވަނީ ޓީއެމްއޭގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ވެލާނާ އެއާޕޯޓުގެ ރަންވޭ ހުޅުވުން ލަސްވެ، ޓީއެމްއޭ އަށް ބަދަލު ދިނުން ގާތް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިހެން ވިދާޅުވި ނަމަވެސް ޓާމިނަލް މައްސަލައާ ގުޅިގެން އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިފައެއް ނެތެވެ. އެހެންކަމުން އެއްބަސްވުމެއް ނެތީސް ޓީއެމްއޭ އަށް ބަދަލުދޭން ޖެހޭނެ ގޮތާއި މެދު އާންމުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޓާމިނަލް މައްސަލާގައި އަވަސް ހައްލެއް ހޯދަން ނަޝީދު ގޮވާލެއްވިއިރު ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) ވަނީ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ