ޢާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް މައުމޫނު ސޮއިކުރެއްވި އެއްބަސްވުމާއި ޚިލާފުވުން

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތެއް ނުލިބެ އެވެ. މިއީ ބަހުސެއް ޒުވާބެއް ކުރަންޖެހޭ ކަމެއް ނޫނެވެ. ނަތީޖާ އެއޮތީ އަދިވެސް ވަރަށް ސާފުކޮށް ފެންނާށެވެ. ނަތީޖާ އިއުލާން ކުރުމާއި އެކު ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދު އަވަސްވެވަޑައިގަތީ އޮނަރަބްލް ޤާސިމް އިބްރާހީމްގެ ހިތް ފަތަހަ ކުރެއްވުމަށެވެ. ޤާސިމްގެ ތާއީދު ހޯއްދެވުމަށެވެ. ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވި ފަންސާސް ހާހަށް ވުރެ ގިނަ ވޯޓް އެބޭފުޅުންނަށް އަނބުރާލެވޭނެ މޮޅު ހިކުމަތެއް ނެރުއްވާށެވެ.
ނަޝީދުއާއި ޔާމީނު ޤާސިމް އިބްރާހީމްއަށް އެސްއެމްއެސް ކުރައްވާ، ބައްދަލުކޮށް މަޝްވަރާ ކުރަރެއްވުމަށް އެދިވަޑައިގަތެވެ. ދެފަރާތުން ވެސް ޤާސިމްއާއި ޖުމުހޫރީ ޕާޓީގެ އާންމު މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ ހިތްތައް ފަތަހަ ކުރުމުގެ ބޮޑު ކެމްޕޭނެއް ފެށިއެވެ. ޤާސިމް އިބްރާހީމްގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ތިންބަޔަކަށް ބެހުނެވެ. އެއްބަޔަކު ޔާމީނަށެވެ. އަނެއް ބަޔަކު ނަޝީދަށެވެ. އަދި ބައެއް ބޭފުޅުން ޤާސިމްއަށް ލަފާ ދެއްވަމުން ގެންދެވީ އެއްވެސް ކޮޅަކަށް ޖެހިވަޑައިނުގަނެ ގޭގައި މަޑުކޮށްލެއްވުމަށެވެ. ޔާމީނާއި ނަޝީދުގެ ފަރާތުންވެސް ގެންދެވީ ބޮޑެތި ހުށަހެޅުންތައް ހުށަހަޅުއްވަމުންނެވެ.
ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް އަޣުލިބިއްޔަތު ނުލިބި ޤާސިމްގެ ތާއީދަށް އެދެމުން ދިޔަވަގުތު ކުރިމަތިވި ތިން ގޮތުން ކުރެ އެއްވެސް ގޮތަކީ ޤާސިމްއަށް ފަހި ގޮތަކަށް ނުވިއެވެ. އެއްވެސް ކޮޅަކަށް ޖެހިވަޑައިނުގަނެ ގޭގައި މަޑުކުރެއްވުމުން ދެންވާނެ ގޮތާއި، އަދި އެއްވެސް ބޭފުޅެއްގެ ކޮޅަށް ޖެހިވަޑައިގަތް ނަމަވެސް ޤާސިމްއަށާއި ޖުމުހޫރީ ޕާޓީއާއި ދިވެހި ރައްޔިތުންނަށް ފައިދާއެއް ނެތްކަން އޭރުވެސް ޤާސިމްއަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަން އެދުވަސްވަރު މީޑިއާގައި ޤާސިމް ދައްކަވާފައިވާ ވާހަކަފުޅުތަކުން ވަރަށް ރަނގަޅަށް ސާފުވެ އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމަވައި ގާސިމް އިބްރާހިމް އެކަން އިއުލާން ކުރެއްވި އެވެ. އެމަނިކުފާނު އެކަން އިއުލާން ކުރެއްވީ 10 ނޮވެމްބަރު 2013 ވަނަ ދުވަހު މީޑިއާތައް މެދުވެރިކޮށް އާންމު ކުރެއްވި ޚިތާބެއްގަ އެވެ. އަދި ޖުމްހޫރީ ޕާޓީއިން ވެސް ނިންމާފައި ވަނީ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ކަމަށް ޤާސިމް އާންމުކޮށް އިޢުލާން ކުރެއްވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ބަހެއް ހާމަ ކުރެއްވުމަށް ދެއްވި ޚިތާބުގައި ގާސިމް ވިދާޅުވީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ޙަޔާތުގެ ވަރަށް ގިނަ ވަގުތުތައް އެމަނިކުފާނަށް ހޭދަ ކުރެވިއްޖެ ކަމަށާއި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެމަނިކުފާނުގެ ހަގީގީ ރައުސްމާލަކީ ދިވެހި ރައްޔިތުންގެ އުފާފާގަތި ކަމާއި ކޮންމެ ދަރިއަކަށް ތަޢުލީމް ލިބުމާއި ކޮންމެ ރައްޔިތަކުމެ ދުޅަހެޔޮކަމުގައި އުމުރު ހޭދަކުރުމާއި ކޮންމެ އާއިލާއަކަށް ހިޔާވަހިކަމާ، އަސާސީ ހައްގުތަކާ، ފުދުންތެރި ދިރިއުޅުމެއްގެ ބާއްޖަވެރިކަން ލިބުން ކަމަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަން އިއުލާން ކުރައްވާ ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ވަކި ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި އެހީތެރިވުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރައްވަން ގަސްދު ނުކުރައްވާ ވާހަކަ މީގެ ކުރިންވެސް ދެ ތިން ފަހަރެއްގެ މަތީން ދަންނަވާފައިވާނެ ކަމަށާއި އެގޮތަށް ނިންމެވީ ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކުރައްވާ ބައެއް ކަހަލަ ކަންކަމުގެ ސަބަބުން، އެބޭފުޅަކަށް ވެރިކަން ހޯދައިދޭން އިސްވެ މަސައްކަތްކުރި މީހުން ބަދުނާމުވެ ލަދުގަންނަން ޖެހޭތީ ކަމަށެވެ
"މިއަދުވެސް އަޅުގަނޑު މިހުރީ އެގޮތުގައި ކަމަށް މި ފުރުޞަތުގައި ދަންނަވަން. އަދި އަޅުގަނޑު އެ ޕާޓީއެއްގެ ލީޑަރުކަމުގައި ހުރި ޖުމްހޫރީ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީއިންވެސް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައިވާކަން ވެސް އަޅުގަނޑު އިއުލާން ކުރަން،" ގާސިމް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި ވަގުތު ދެ ކެންޑިޑޭޓަކު އެބަ ތިއްބެވި. އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ގައުމުގެ ރައީސް ކަމަށް ބޭފުޅަކު އިހުތިޔާރު ކުރުން މިއަދު މިވަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ އަތްމަތީގައި" މި ޚިތާބުގައި ޤާސިމް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވައި ހުންނެވުމަށް ނިންމެވިކަން އިއުލާން ކުރެއްވުމާއި އެކު ހަމަ އެދުވަހުގެ ރޭ (10 ނޮވެމްބަރ 2013) އަބްދުﷲ ޔާމީނު މ. ކުނޫޒަށް ވަޑައިގެން ޤާސިމް އިބްރާހީމްއާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ ޙަސަން ސައީދާއި ބައްދަލު ކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މާފަންނު ކުނޫޒުގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް ހާމަކުރެއްވި ގޮތުގައި މިބައްދަލުވުމަކީ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމްގެ ތާއީދު ހޯއްދެވުމަށް ޔާމީން އަމިއްލަފުޅަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެކެވެ. އަދި އިންތިހާބުގެ ދެވަނަ ބުރު ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ގާސިމްގެ އެހީތެރިކަމަށް ޔާމީން އެދިވަޑައިގެންނެވި ކަމަށް ދެ ޕާޓީންވެސް އެރޭ ބުނެފައިވެ އެވެ.
ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކުރެއްވި އެވެ. ރައީސް މައުމޫންގެ އެދިވަޑައިގަތުމަކަށް މިބައްދަލުވުން ކުރިއަށް ދިޔައީ ގާސިމް އިބްރާހީމްގެ އަމިއްލަ ގެކޮޅު، މ. މާފަންނުވިލާގައި 12 ނޮވެމްބަރ 2013 ދުވަހުގަ އެވެ.
މިބައްދަލުވުމަށްފަހު މާފަންނުވިލާއިން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ގާސިމާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގަތުމަށް ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް އެމަނިކުފާނު ނިންމާފައިވާ ނިންމެވުން ބަދަލުކޮށްދެއްވުމަށް ރައީސް މައުމޫނާއި ރައީސް ނަޝީދާއި އަދި ރައީސް ވަހީދު އެދިވަޑައިގެންފައިވާތީ އެކަމުގައި ގޮތެއް ނިންމުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލާއި މަޝްވަރާކުރެއްވުމަށްފަހު ކައުންސިލުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމައިފިނަމަ އެމަނިކުފާނު އެގޮތަކަށް އަމަލުކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫން ގާސިމް އިބްރާހީމާއި ބައްދަލުކުރެއްވިއިރު، އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ވަނީ 11 ނޮވެމްބަރ 2013 ވަނަ ދުވަހުގެ ރޭ ގާސިމް އިބްރާހީމް އާއި މާފަންނުވިލާގައި ބައްދަލުކުރައްވާފަ އެވެ. ރައީސް ނަޝީދުއަށް ޤާސިމްގެ ތާއީދު ހޯއްދެވުމަށް އެމްޑީޕީ އިންވެސް ގިނަ ހުށަހެޅުންތަކެއް ހުށަހެޅި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލުގެ ބައްދަލުވެމެއް ބޭއްވީ 13 ނޮވެމްބަރ 2013 ވަނަ ދުވަހު އެވެ. އެތައް ގަޑިއިރަކަށް ދިގުދެމިގެން ދިޔަ އެ ތާރީޚީ ބައްދަލުވުމަށްފަހު ޖޭޕީގެ ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމީ ޕީޕީއެމްގެ ކެންޑިޓް ޢަބްދުﷲ ޔާމީނަށް ތާއީދު ކުރުމަށެވެ.
މިބައްދަލުވުމަށްފަހު ބޭއްވުނު ޕްރެސް ކޮންފަރެންސްގައި އޮނަރަބްލް ޤާސިމް އިބްރާހީމް ވިދާޅުވީ، މިގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީންއަށް ވޯޓްދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫނާއި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓާއިއެކު އެރޭ ކުރިއަށް ގެންދިޔަ ފުރަތަމަ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެގޮތަށް ނިންމީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ މިފަދައިންނެވެ.
"އަޅުގަނޑުގެ އެލަޔަންސެއްގައި އިއްތިހާދެއްގައި މަނިކުފާނަށް މީގެ ކުރީގައި ދިމާވި ކަހަލަ ހިތްދަތިކަން ދިމާވިޔަކު ނުދޭނަމޭ. އަޅުގަނޑުމެންނަކީ ގުޅިގެން އެކުގައި މަސައްކަތް ކުރަން ކެރޭނެ ބައެއް. ގުޅިގެން މަސައްކަތް ކުރުމުގެ ކެތްތެރިކަންވެސް އިރާދާކުރެއްވިއްޔާ ﷲ ރަޙުމަތާއި އެކު ހުންނާނޭ. އެހެންވީމަ މަނިކުފާނު އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމަކީ އަޅުގަނޑުމެން މަރުހަބާ ކިޔާ ކަމެއް ކަމުގައިވެސް ދަންނަވަމުން ކަށަވަރުކޮށް އަރުވަން ބޭނުންވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރަށާއި އަދި ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި ދިވެހި ރައްޔިތުން އެދޭ ދިވެހިރާއްޖެ ހޯދާ ދިނުމަށްޓަކައި މަސައްކަތް ކުރެވޭނެއޭ"
ޔާމީނަށް ތާއީދު ކުރުމަށް ޖޭޕީގެ ކައުންސިލުން ނިންމުމުން ޢާލަމުތަކުގެ ވެރި މާތް ﷲ ހެކިކޮށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު ޢަބަދުލްޤައްޔޫމު އެއްބަސްވުމެއްގައި ސޮއި ކުރެއްވި އެވެ. ހެކިވެރިން ގޮތުގައި މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޕީޕީއެމްގެ ނާއިބް ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ރައީސް މޫސާ ޒަމީރެވެ. ކޯލިޝަން އެއްބަސްވުން ނިންމާލާފައި ވަނީ މި އިބާރާތުންނެވެ.
"މަތީގައިވާ އެންމެހާ ނުކުތާތަކާ އެއްގޮތަށް ޢަދުލުވެރިކަމާއި އިޚްލާސްތެރިކަމާއިއެކު ޢަމަލު ކުރުމަށް ޢާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް އެއްބަސް މިވަނީ 13 ނޮވެމެބަރ 2013 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި، ތިރީގައި ސޮއިކޮށްފައިވާ ހެކިންގެ ހާޟިރުގައެވެ"
ޢާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް ވެފައިވާ އެއްބަސްވުމުގެ މަތިން ރައީސް މައުމޫނާއި އެމަނިކުފާނުގެ ސިޔާސީ ބައިވެރިން އަދި ރައީސް ޔާމީނު ހަނދުމަފުޅު ނެތެން ފެށީ ވެރިކަމުގެ ހުވާ ކުރެއްވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. މި އެއްބަސްވުމުގެ ހަތަރުވަނަ މާއްދާގައި ވަނީ މިފަދައިންނެވެ.
ކޯލިޝަން އެއްބަސްވުމުގެ 4 ވަނަ މާއްދާ: ސަރުކާރުގައި ޖުމުހޫރީ ޕާޓީއަށް ލިބޭނެ ޙިއްސާ
4.1 ކޯލިޝަން ސަރުކާރުގައި ޖުމުހޫރީ ޕާޓީއަށް %35 ހިއްސާ ލިބެން ވާނެ އެވެ. މި ހިއްސާއަކީ ކެބިނެޓާއި އައްޔަނު ކުރެވޭ އެހެނިހެން މަޤާމްތަކާއި، ސަފީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުން ނުވަތަ އެހެންވެސް އައްޔަނު ކުރެވޭ މަޤާމްތަކުން، ކޮންމެ ކެޓަގަރީއަކުން %35 އެވެ.
4.2 މިއެއްބަސްވުން ދެމިއޮތްހާ ދުވަހަކު، ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އައްޔަނުކުރާ މީހުން ކަނޑައަޅާނީ ޖުމުހޫރީ ޕާޓީގެ މަޝްވަރާއާއި އެކުގަ އެވެ.
4.3 މިއެއްބަސްވުން ދެމިއޮތްހާ ދުވަހަކު، ދައުލަތުގެ ބަޖެޓާއި، ދައުލަތުގެ މުހިންމު ސިޔާސަތުތައް އެކުލާވާލަންވާނީ ޖުމުހޫރީ ޕާޓީގެ މަޝްވަރާއާއި އެކުގަ އެވެ.
އާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ޤާސިމް އިބްރާހީމްގެ ތާއީދު ހޯއްދެވުމަށްފަހު ރައީސް މައުމޫނުގެ ޕީޕީއެމްއިން އުފެއްދި ޔާމީނުގެ ސަރުކާރުން އެއްބަސްވުމާއި ޚިލާފުވެފައިވަނީ އެއްވެސް ބިރެއް ނެތި އެވެ. ވެރިކަމުގެ އާރާއި ބާރު ލިބުމާއި އެކު ކުޑަ ހިނދުކޮޅެއްގައި އެއްބަސްވުމުގެ މަތިން ހަނދާން ނެތިއްޖެ އެވެ. އާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް އެޅި ސޮއިގެ މަތިން ހަނދާން ނެތުނީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވާ ޤާސިމް އިބްރާހީމް އެކަން އިއުލާން ކުރެއްވި ހިސާބުން ކޯލިޝަންގެ އުދާސް ވަރަށް މައްޗަށް ދިޔަ އެވެ. މީޑިއާގައި ޤާސިމް ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އެމަނިކުފާނު އިއުލާން ކުރެއްވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީނާއި އެކަން ހިއްސާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީން ބޭފުޅެއްގެ ނަން ރަސްމީކޮށް ހުށަހެޅުމާއިއެކު ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން ރޫޅާލުމަށް ޕީޕީއެމްގެ ކައުންސިލުން ނިންމިކަން ޕީޕީއެމްއިން އިޢުލާން ކުރީ 27 މެއި 2014 ގައެވެ.
ޕީޕީއެމްގެ ފަރާތުން މިކަން އިއުލާންކުރެއްވީ ޕީޕީއެމްގެ ނައިބް ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް އެވެ. މިކަން އިޢުލާން ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާލަމްތަކުގެ ވެރި މާތް ﷲ ހެކިކޮށް ރައީސް މައުމޫނު ސޮއި ކުރެއްވި އެއްބަސްވުމުގައި އެއް ހެކިވެރިޔާގެ ގޮތުގައި ސޮއި ކުރައްވާފައިވާ ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި އަދީބް ވިދާޅުވެފައިވަނީ ކޯލިޝަން ރޫޅުމާއިއެކު ޖޭޕީގެ ފަރާތުން ސަރުކާރުގެ މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުން އެ މަގާމުތަކުން ވަކިކުރުމަށް ޕީޕީއެމުން ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުން އެ މަގާމުތަކަށް އައްޔަނު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެދުވަހު އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްއިން މިމޭރުމުން ވާހަކަ ދެއްކި ނަމަވެސް ޖުމުހޫރީ ޕާޓީގެ ކައުންސިލުގެ ނިންމުމާއި އެއްގޮތަށް މަޖިލީހުގެ ރައީސް ކަމަށް ޤާސިމް އިބްރާހީމް ވަނީ ވާދަކުރައްވާފަ އެވެ. ޖުމްހޫރީ ޕާޓީއާ އާއި ޕީޕީއެމާ ދެމެދު ކޯލިޝަން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ކޯލިޝަން އެއްބަސްވުމުގައިވާ ގޮތަށް ޕީޕީއެމްއާއިއެކު މަޝްވަރާ ކުރުމަށް ޖުމްހޫރީ ޕާޓީން ތައްޔާރަށް އޮތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 17 ޖޫން 2014 ގައި ވަނީ ވިދާޅުވެފަ އެވެ. ކޯލިޝަން ރޫޅުނު ކަމުގެ އަޑުތައް އިވެމުން އަންނަނީ ހަމައެކަނި މީޑިއާއިން ކަމަށްވެސް އެމަނިކުފާނު އެދުވަހު ވިދާޅުވި އެވެ.
ޕީޕީއެމްއާއިއެކު މަޝްވަރާ ކުރުމަށް ޖުމްހޫރީ ޕާޓީން ތައްޔާރަށް އޮތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވެފައި ވަނިކޮށް 16 އޮކްޓޫބަރ 2014 ގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ޕީޕީއެމްއަކީ އަބަދުވެސް ހުރިހާ ޕާޓީތަކަކާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތް ޕާޓީއެއް ކަމަށާއި ޖުމްހޫރީ ޕާޓީއާއެކު ވާހަކަދައްކައިގެން އިތުރަށް ކުރިއަށް ދިއުމަށްޓަކާ މަޝްވަރާތައް ކުރުމަށް ތައްޔާރަށް އޮތް ކަމަށާއި އެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެދުވަހު މައުމޫނު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު މިއައީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބޭރުގަ އުޅެފައި. އަދި ރައީސް ޔާމީންވެސް މިހާރު ވަނީ ބޭރަށްވަޑައިގަންނަވާފަ. އެންމެން ހަމަވީމަ މަޝްވަރާތަކާއިގެން ކުރިއަށްދާނަން،" މައުމޫނު އެދުވަހު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްއާއެކު ގުޅިގެން މަސައްކަތް ކުރުމަށް ހަދާފައިވާ ކޯލިޝަނުން ވަކިވުމަށް ޖުމްހޫރީ ޕާޓީން ނިންމައި އެކަން އިއުލާން ކުރީ 24 ޖެނުއަރީ 2015 ގައެވެ. މި ނިންމުން ނިންމާ ޖޭޕީއިން އެކަން އިއުލާން ކުރިއިރު ރައީސް މައުމޫނު ވިދާޅުވެފައިވަނީ، އެންމެން ހަމަވީމަ ޖުމުހޫރީ ޕާޓީއާއި އެކު މަޝްވަރާތަކާއިގެން ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވިތާ ތިން މަހާއި އަށް ދުވަސް ވީއިރުވެސް އެވިދާޅުވި އެންމެން ހަމަވި ތަނެއް ނުފެނުނެވެ.
ޕީޕީއެމްއާއެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން ރޫޅާލަން ޖޭޕީން ނިންމީ ޕީޕީއެމް ވެރިކަމާ ހަވާލުވެ ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ކުރަމުންދާތީއާއި ގާނޫނު އަސާސީއާ ހިލާފަށް ގާނޫނު ތަކަށް އިސްލާހު ގެނެސްގެން ބައެއް ބޭފުޅުން މަގާމުން ވަކިކުރަމުންދާތީ އެކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް އެތައް ފަހަރަކު އެދުމުންވެސް އެކަންކަމަށް އިޖާބަދީފައި ނުވާތީ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ