ޝަރުއީ ދާއިރާއާގައި ނިމިގެން މިދާ އަހަރަކީވެސް ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާ މުހިއްމު ނިންމުންތަކެއް ނިންމާފައިވާ އަހަރެކެވެ. ރާއްޖޭގެ ޝަރުއީ ދާއިރާ އިން ނިންމާފައިވާ މުހިއްމު ނިންމުމަކަށް ނުވި ކަމުގައިވިޔަސް ދިވެހި ގައުމާ ދިވެހި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ނިންމުމެއް ބޭރުގެ ގައުމަކުން ނިމިގެން މިދާ އަހަރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. ޝަރުއީ ދާއިރާގެ ބައެއް މުއައްސަސާތަކުގެ މެދުގައި ކޯޅުން ހިނގާ ބައެއް މައްސަލަތައް އެތައް ދުވަހަކަށް ހުއްޓިގެން ދިޔައީ ވެސް ނިމިގެން ދިޔަ އަހަރުގެ ތެރޭގަ އެވެ. މަޖިލީހުން ފާސްކުރި ބައެއް ގާނޫނު ތަކަކީ ވެސް ޝަރުއީ ދާއިރާއިން ނިންމުންތައް ނިންމާއިރު ބަލާނެ ކަންތައްތަކަކަށްވާތީ އަހަރުގެ ތެރޭގައި ފާސްކުރި މުހިއްމު ގާނޫނުތަކަށް ވެސް ނަޒަރު ހިންގާލެވިފައިވާނެ އެވެ.
ޕީޖީ އިސްތިއުފާ ދެއްވުމުން ޖިނާއީ މައްސަލައް ބަލައިގަތުން ހުއްޓާލުން
ނިމިގެން މިދާ އަހަރު ފެށުނީ ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓުގެ ކޯޅުންތަކުގެ ތެރެއިންނެވެ. މައްސަލަ އުފެދުނީ ކުރީގެ ޕީޖީ އަހްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޕީޖީ އިސްތިއުފާ ދެއްވާ ހިސާބުން ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތު ގާނޫނު އަސާސީއާ ގާނޫނުގައިވާ ގޮތުން އުފުއްލަވަން ޖެހޭ ފަރާތަކީ ޑެޕިއުޓީ ޕީޖީ އެވެ. ނަމަވެސް އެވަގުތު ހުންނެވި ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނަރަލް ހުސައިން ޝަމީމް ކްރިމިނަލް ކޯޓްތަކަށް ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓުން ވަނީ ބަލައިގަތުން ހުއްޓާލާފަ އެވެ. ކޯޓުން އެގޮތަށް ނިންމީ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުމާއި ގުޅިގެން އެގޮތަށް އަމަލުނުކުރެވޭނެހެން ހީވާ ޒާތަކަށް ސުޕްރީމް ކޯޓުން ފުލުފުލުގައި ދެތިން އަމުރުވެސް ނެރުއްވި އެވެ. އެ އަމުރުތައް ނެރުމާއި ގުޅިގެން ދެ މުއައްސަސާގެ ދޭތެރޭގައި އުފެދިފައި އޮތް އަސްލު މައްސަލައަށް ކުޑަ ލުއި ކަމެއް އައި ނަމަވެސް ޖުލައި 22 ވަނަ ދުވަހު މުހުތާޒު މުހުސިން ޕީޖީ ކަމުގެ މަގާމާ ހަވާލުވަންދެން އެ މައްސަލަ އޮތީ ކޯޅުންގަނޑެއްގެ ތެރޭގަ އެވެ. އެކޯޅުންގަނޑުގައި ޖިނާއީ މައްސަލަތައް އެތައް ދުވަހަކަށް ހުއްޓިގެން ދިޔަ އެވެ. ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓުގެ ކޯޅުންގަނޑު ހިނގަމުން ދަނިކޮށް އޭރު ޑެޕިއުޓީ ޕީޖީއަކަށް ހުންނެވި ހުސައިން ޝަމީމް މެއި މަހުގެ ފަސްވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މައްސަލަ އިތުރަށް ގޯސްވި އެވެ. ޕީީޖީ ހުންނަވަނިކޮށް ކްރިމިނަލް ކޯޓުން ބަލައިގެންފައިވާ މައްސަލަތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިއުމަށް ނިންމުމުން ޕީޖީ އޮފީހުގެ ވަކީލުން އެ ކޯޓަށް ދުވަސްކޮޅަކަށް ނަމަވެސް ދިއުން ހުއްޓާލީ ނިމިގެން މިދާ އަހަރުގެ ތެރޭގަ އެވެ.
އާންމު އިންތިހާބުގެ މައްސަލަތަކުގައި ކޯޓުން ގޮތެއް ނިންމުން
ނިމިގެން މިދާ މިއަހަރު ހައިކޯޓުގައި އެންމެ ފާހަގަކޮށްލެވޭ ގޮތަކަށް ކުރިއަށް ދިޔައީ ނިމިގެން މިދާ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ހުށަހެޅު މައްސަލަތައް ނިންމި ގޮތެވެ. ހާއްސަކޮށް މަޖލީހުގެ އިންތިހާބުގައި ހުށަހެޅު މައްސަލަތަކުގެ ތެރެއިން އެއްވެސް ދާއިރާއެއްގެ އިންތިހާބު އަލުން ބާއްވަން ނުޖެހޭ ކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ ފާހަގަކޮށްލެވޭ އަދި ގިނަ ބައެއްގެ ޝައުގުވެރިކަން ހުރި ނިންމުންތަކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުނީ ނިމިގެން މިދާ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. އެ އިންތިހާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅު މައްސަލަތަކުގެ ތެރެއިން ކޯޓަށް ބަލައިގަނެ ކުރިއަށް ގެންދިޔައީ 13 މައްސަލަައެކެވެ. އެހުރިހާ މައްސަލަތަކެއްގައި އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހުކުމްކޮށްފަ އެވެ.
ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އުސޫލު ބާތިލްކުރުން
ހައިކޯޓަށް ފަނޑިޔާރުން ނެގުމުގައި ޖޭއެސްސީ އިން އެކުލަވާލި އުސޫލު ބާތިލްކުރުމަށް އެ ކޯޓުން ނިންމުމަކީ ވެސް ފާހަގަކޮށްލެވޭ ނިންމުމެކެވެ. ހައިކޯޓަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެ އުސޫލު ބާތިލްކުރުމަށް ނިންމީ ނިމިގެން މިދާ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
ހައިކޯޓުން އެގޮތަށް ނިންމިއިރު އެކޯޓުގެ ހުސްވެެފައިވާ ފަނޑިޔާރުގެ މަގާމަށް ނުވަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލީ އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރައްވާ ޖުވެނައިލް ކޯޓުގެ ގާޒީ ކަމަަށް މަގާމު ދަށްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެންނެވެ. އެގޮތަށް ޖޭއެސްސީ އިން ނިންމީ އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގަ އެވެ. ހައިކޯޓުގެ އެ ހުކުމާއި ގުޅިގެން އަހަރު ނިމިގެންދިޔައިރުވެސް ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކުރެވިފައެއް ނުވެ އެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ގާޒީގެ އިސްތިއުފާ
ރާއްޖޭގައި ފަނޑިޔާރުންގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވުނު ދެ އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އައިޝާ ޝުޖޫން މުހައްމަދު އެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ ޝުޖޫންގެ އިސްތިއުފާއާ އެކު އެވެ. ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވުމަށްފަހު ޝުޖޫން އިސްތިއުފާ ދެއްވީ މިމަހުގެ 29 ވަނަ ދުވަހު އެވެ. އަހަރު ނިމިގެން ދިޔައިރު އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް ޝުޖޫން އިސްތިއުފާ ދެއްވިއިރު ޖޭއެސްސީއާއި އޭސީސީ އިން ގެންދަނީ އޭނާގެ މައްސަލައެއް ބަލަމުންނެވެ.
އެތަންތަނުން ޝުޖޫންގެ މައްސަލައެއް ބަލަމުން ދަނީ ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައްސަލައެއް ވަކިގޮތަކަށް ނިންމުމަށް ފަސް މިލިއަން ޑޮލަރުގެ ރިޝްވަތު އޭނާއަށް ހުށަހެޅުނުކަމަށް އާއްންމުގެ ކުރިމަތީގައި އަމިއްލައަށް ވިދާޅުވުމާއި ގުޅިގެންނެވެ.
އެމްޑީއޭގެ ލީޑަރުގެ ބަނގުލަރުގެ މައްސަލަ
ދަށު ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅުންގެ މައްސަލަތަކެއް ނިމިގެން މިދާ އަހަރު ވަނީ ކުރިއަށް ގެންގޮސް ގޮތްތަކެއް ނިންމާފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުގެ ހިންގާ ކޯލިޝަންގެ އެއް ޕާޓުނަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ މައްޗަށް އުފުލުނު ބަނގުރަލުގެ މައްސަލާގެ ދައުވާ އެވެ.
ސިޔާމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2012 ވަނަ އަހަރުގެ މާޗު މަހު ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވި އިރު ލަގެޖް ތެރެއިން ރާފުޅިއެއް ފެނުނު މައްސަލައިގަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ސިޔާމްގެ ލަގެޖުން ފެނުނު ރާފުޅި އެތެރެކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވެފައި ނުވަނީ ތަހުގީގުގައި ކަސްޓަމްސްގެ ގާނޫނުގައިވާ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާކަން ދައުލަތަށް ސާބިތުކޮށް ނުދެވިގެން ކަމުގަ އެވެ.
ސިޔާމްގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް އަބްދުﷲ ގާޒީ އެ މައްސަލައާއި ހަވާލުވެވަޑައިގަތީ އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒް ބަދަލުކޮށްދެއްވުމަށް ސިޔާމް އެދިވަޑައިގަތުމާއި ގުޅިގެންނެވެ. ސިޔާމްއާ ދެކޮޅަށް ކުރިއަށް ދިޔަ ޝަރީއަތަށް އޭނާ ހާޒިރުނުވާތީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ވެސް މައްސަލަ ހިނގަމުންދިޔައިރު ކޯޓުން އަމުރުކޮށްފައިވެ އެވެ.
ހޯމް މިނިސްޓަރުގެ މައްޗަށް އުފުލުނު ތާރީހީ ދައުވާ
މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ނިމިގެން މިދާ އަހަރު އުފުލުނު ދައުވާއަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނު މައްސަލައެކެވެ. އެއީ މިހާތަނަށް ވަޒީރު ކަމުގައި ބޭފުޅަކު ހުންނަވަނިކޮށް އެގޮތަށް އުފުލުނު ފުރަތަމަ ދައުވާ އެވެ.
އުމަރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުމަރުގެ މައްޗަށް އުފުލީ 23 ޖެނުއަރީ 2012 ގައި އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ސިޔާމް ފަދައިން އުމަރުގެ މައްސަލަ ކުރިއަށް ދަނިކޮށް އޭނާވެސް ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ހައްޔަރުކޮށްގެން އުމަރު ކޯޓަށް ހާޒިރުކޮށްދިނުމަށްވެސް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.
އުމަރުގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިންކާރުކުރެއްވި އެވެ. ނަމަވެސް މައްސަލަ ސާބިތު ކުރަން ދައުލަތުން ކޯޓަށް ހެކި ހުށަހެޅި އެވެ. އުމަރުގެ މައްސަލާގައި ޝަރީއަތްތައް ނިމި ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ޕީޖީ އޮފީހުން ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި އެމައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
އުމަރު ނަސީރު އަދި އަހްމަދު ސިޔާމްގެ އިތުރަށް ސިޔާސީ އެހެން ބޭފުޅުންގެ މައްޗަށް ވެސް ނިމިގެން މިދާ އަހަރުގެ ތެރޭގައި ދައުވާ އުފުލި އޭގެ ތެރެއިން ބައެއް މައްސަލަތައް ނިންމާފައިވެސް ވެއެވެ. އެގޮތުން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުއާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްސަލަ ފާހަގަކޮށްލެވެ އެވެ.
ޖޭއެސްސީއަށް އައި ބޮޑު ބަދަލު
ފަނޑިޔާރުންނާ ގުޅުންހުރި މައްސަލަތައް ބަލަމުންދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނިމިގެން މިދާ އަހަރު އައި ބޮޑު ބަދަލަކީ ވެސް ޝަރުއީ ދާއިރާގައި ފާހަގަކޮށްލެވޭ ބަދަލެކެވެ. ކޮމިޝަނަށް ބަދަލު އައީ ކޮމިޝަންގައި ތިއްބެވި ބައެއް މެންބަރުންގެ ދައުރު ހަމަވުމުންނާއި ބައެއް މެންބަރުންގެ މަގާމަށް އައި ބަދަލާއި ގުޅިގެންނެވެ.
ކޮމިޝަންގައި ތިއްބެވި 10 މެންބަރުންގެ ތެރެއިން ބަންޑާރަނައިބް މުހައްމަދު އަނިލްއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފްއާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ފިޔަވާ ދެން ތިއްބެވި ބޭފުޅުންނަކީ މިއަހަރު ޖޭއެސްސީގެ މެންބަރުކަމަށް ވަޑައިގެންނެވި ބޭފުޅުންނެވެ. ނަމަވެސް ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރު އަލްއުސްތާޒާ ލަތީފާ ގާސިމް މީގެ ކުރިން ވަނީ އެކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވާފަ އެވެ.
ނިމިގެން މިދާ އަހަރުގައި ޖޭއެސްސީން ނިންމާފައިވާ އެންމެ ބޮޑު ތިން ނިންމުމަކީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމާއި، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރުގެ މަގާމު ދަށްކުރުމާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލާގައި ނިންމި ނިންމުމެވެ.
ޖީއެމްއާމްއާރުގެ އެއްބަސްވުން ސައްހަ ކަމަށް ކަނޑައެޅުން
ރާއްޖޭގެ ޝަރުއީ ދާއިރާއިން ނިންމާފައި ނުވި ނަމަވެސް ރާއްޖެއާ ގުޅޭ ޝަރުއީ މުހިއްމު ނިންމުމެއް ނިމިގެން މިދާ އަހަރު އެހެން ގައުމަކުން ނިންމާފައިވެ އެވެ. އެއީ ދިވެހި ގައުމުގެ އިތުރުން އަވަށްޓެރި އިންޑިއާއާ ވެސް ގުޅިފައިވާ ޖީއެމްއާރްގެ މުހިއްމު މައްސަލަ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަަމަށް ނިންމާ ދިވެހި ސަރުކާރުން އެ އެއްބަސްވުނބް އުވާލާފައިވަނިކޮށް އެ އެއްބަސްވުން ސައްހަ ކަމަށް މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ކަނޑައަޅާފަ އެވެ.
އެއްބަސްވުން ސައްހަކަން މިއަހަރުގެ ތެރޭގައި ކަނޑައެޅިފައިވާތީ ޖީއެމްއާރަށް ދިވެހި ސަރުކާރުން ބަދަލު ދޭން ޖެހޭނެކަން އަހަރު ނިމިގެންދާއިރު މިވަނީ ސާފުވެގެން ގޮސްފަ އެވެ. ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރުން ވަނީ ހުށަހަޅާފަ އެވެ. އެ އަދަދާ ގާތްކުރާ އަދަދަކަށް ވެސް ބަދަލު ދޭން ނުޖެހޭނެ ކަމަށް ދިވެހި ސަރުކާރުން ދަނީ ބުނަމުންނެވެ.
ކުރިއަށް މިފެށޭ އަހަރު ޖީއެމްއާރަށް ދޭން ޖެހޭ ބަދަލުގެ މިންވަރު ވެސް އާބިޓްރޭޝަނުން ކަނޑައަޅާ އެވެ.
ދެ ގާތިލަކަށް އިއްވި މަރުގެ ހުކުމް
ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމާއި ގުޅިގެން ދައުލަތުން ދައުވާ އުފުލި ހ. ލޮބީ ހުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނިމިގެން މިދާ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.
ހުމާމުގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރީ، އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވުމަށް ދެ ދުވަހަށް ވެފައިވަނިކޮށް މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އިސްތިއުނާފުގެ އަޑުއެހުމެއް މިއަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ހައިކޯޓުގައި ބާއްވާފައިވެ އެވެ. އެދުވަހުގެ އަޑުއެހުން ނިންމާލީ ވަކީލަކު ހަމަޖެއްސުމަށް ހުމާމް އެދުމުން އެކަމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ. އެ މުއްދަތު މިހާރު ހަމަވެފައިވާއިރު ފުރަަތަމަ އަޑުއެހުމަށްފަހު ހައިކޯޓުގައި މިމައްސަލާގައި އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ.
އަފްރާޝިމްގެ މަރާ ގުޅިގެން ހުމާމްއާއި އެކު ހައްޔަރުކުރެވުނު ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށް ކޯޓުން ނިންމީ ވެސް މިއަހަރުގެ ތެރޭގަ އެވެ. ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމާފައިވާއިރު ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިކަން އަހަރު ނިމިގެން ދިޔައިރު ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ކ. ތުލުސްދޫ ދުންފަޅުގޭގެ އިރުއުތުރު ފަރާތު ގަހެއްގައި އެލުވާލާފައި އޮތް އުދޯއްޏެއްގައި އެރަށު، ބިޖިލީ އުފާ، އަލީ ޝިހާމް (34 އ) އޮއްވާ އޭނާއަށް ގަސްދުގައި ހަމަލާދީ މަރާލުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ތުލުސްދޫ، ރެޑްރޯސް، މުަހައްމަދު ނިޔާޒު (34 އ) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
މިއަހަރުގެ ޖުލައި 31 ވަނަ ދުވަހު ހިންގި އެ ހާދިސާގެ ގާތިލް، އަހަރު ނިމިގެން ދިޔައިރު އޭނާގެ ފަރާތުން އެ މައްސަަލަ އިސްތިއުނާފަށް ހުށަހަޅާފައެއް ނުވެ އެވެ.
ނިމިގެންދާ އަހަރު ޝިހާމް ފަދައިން އަނިޔާވެރިގޮތަކަށް މަރާލެވުނު އިތުރު ހަތަރު މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަހަރު ނިމިގެންދާއިރު އެމައްސަލަތަކުގެ ތެރެއިން އެންމެ މައްސަލައެއް ފިޔަވާ އެހެން މައްސަލަތަކުގެ ތަހުގީގު ވެސް ނިމިފައެއް ނުވެ އެވެ.
މަޖިލީހުން ފާސްކުރެވުނު މުހިއްމު ބިލްތައް
ނިމިގެން މިދާ އަހަރު މަޖިލީހުން ޖުމްލަ 32 ބިލެއް ފާސްކޮށްފައިވެ އެވެ. އެއީ މިއަހަރު ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބައެއް ބިލްތަކާ އެކު އެވެ.
މަޖިލީހުން މިއަހަރު ފާސްކުރި މުހިއްމު ބިލްތަކުގެ ތެރޭގައި ޝަރުއީ ދާއިރާއާ ސީދާ ގުޅިފައިވާ އާ ގާނޫނުލް އުގޫބާތުގެ ބިލާއި ކޯޓް ތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސްގެން ހައިކޯޓުގެ ގޮފިތަކެއް އުފައްދަން ފާސްކޮށްފައިވާ ބިލް ފާހަގަކުރެވެ އެވެ. މީގެ އިތުރުން ހާއްސަ އިގްތިސޯދީ ޒޯންތަކެއް ގާއިމްކުރުމަށް ފާސްކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލާއި ގްރީން ޓެކްސް ނެގުމުގެ ބިލާއި، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނެސްގެން އިމްޕޯޓް ޑިއުޓީ ބޮޑު ކުރުމަށް ހުށަހެޅު ބިލާއި އަދި ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހުތައް ފާހަގަކުރެވެ އެވެ.
ޝަރުއީ ދާއިރާގެ ބާރު ދައްކުވައި ދިން ބޮޑެތި މައްސަލަތަކެއް ނިންމި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ