އައްޑޫ ސިޓީގެ ރަށްތަކުން 10 ދުވަހުގެ މުއްދަތަކަށް އެކިވަގުތު ތަކުގައި ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީގެ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުން އަންނަ އިންޖީނުތަކުގެ ތެރެއިން އިންޖީނެއް ސާވިސްކުރުމުގެ ގޮތުން 10 ދުވަހުގެ މުއްދަތަށް އެކި ވަގުތުތަކުގައި ކަަރަންޓް ކަނޑާނެ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކަ ކުންފުނިން މިއަދު އައްޑޫގެ ގެތަކަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުން އަންނަ އިންޖީނެއް ސާވިސްކުރުމުގެ ގޮތުން ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.އެ އިންޖީން ސާވިސްކޮށް ނިމޭނެކަމަށް ލަފާކުރެވެނީ 10 ދުވަހުގެ ތެރޭގައި ކަމަށާއި އިންޖީން ސާވިސްކޮށް ނިމޭނެކަމަށް ލަފާކުރާ 10 ދުވަހުގެތެރޭގައި 2 ދުވަހުން 1 ދުވަހު ކަރަންޓް ކަނޑަން ހަމަޖެހިފައިވާ ކަމަށް ވެސް ފެނަކައިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވެއެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީގެ އެކި ރަށްތަކުން ކަރަންޓް ކަނޑަން ހަމަޖެހިފައިވަނީ ހެނދުނު 10 އަކާއި ހަވީރު 4 އާ ދެމެދުގެ ގަޑިތަކުގައެވެ.
ކަރަންޓްގެ ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށާއި އަދި މިފަދަ ކަންކަމުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ