ދޮށީ އުމުރުގެ ބޭފުޅުން ދަތި އުދަގުލައި މިއަދުގެ ޒުވާނުންނަށް ހޯދައިދީފައިވާ ފަސޭހަތަކާއި ކުރިއެރުންތައް ނަގާ ނުލައި، ދިވެހި ގައުމަށް ހިދުމަތް ކުރުމުގައި ކުރިއަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފި އެވެ.
ގާސިމް އިބްރާހީމް މިކަމަށް އިލްތިމާސް ކުރެއްވީ ބްލޭޒަން އިންކުން އިންތިޒާމުކޮށްގެން ދެމުންގެންދާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިއަހަރުގެ ލައިފް ޓައިމް އެޗިވްމެންޓް އެވޯޑް ލިބުމާ ގުޅިގެން މިއެވޯޑް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ދޮށީ އުމުރުގެ ބޭފުޅުން ވަރަށް އުދަގުލުގައި ވަރަށް ބުރަކޮށް ކުރެއްވި މަސައްކަތްތަކާއި ގުޅިގެން ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް މިއަދުގެ ޒުވާނުންނަށް މާފަސޭހައިން މާރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދައިދީފައިވާ ކަމަށެވެ. އެހެންކަމުން އެ ފުރުސަތުތައް ނަގާ ނުލައި، އަންނަން އޮތް ޖީލުތަކަށް މިފަސޭހަތައް ވާސިލްކޮށްދިނުމަށް ގާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ގައުމު ތިމާއަށް ކޮށްދޭ ކަމެއް ބެލުމުގެ ބަދަލުގައި ކޮންމެ ޒުވާނަކުވެސް ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނެވުމަށްވެސް ގާސިމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"މިއައި ހޭލުންތެރިކަމާ އަޅުގަނޑުމެންނަށް މީގެތެރެއިން އައި ތައުލީމީ ކުރިއެރުމާއި ނޮލެޖާއި ނޯހައުއާއި އަދި ޓެކްނޮލޮޖީގެ ދާއިރާއިން އަޅުގަނޑުމެން ކުރިއަރަމުންދާ ވަރާ މިކަންކަން އަޅުގަނޑުމެން މާދަމާ ގެއަށް ވަންނައިިރު ތިޔަ ބޭފުޅުންނާ އަޅުގަނޑުމެން މިދަނީ ހަވާލުކޮށްފައޭ. މާފަސޭހައިން މާރަނގަޅަށް ކަންތައްތައް ކުރެވޭނެ ގޮތް މިގައުމަށް މެދުވެރިކޮށްދީފައޭ އަޅުގަނޑުމެން މިދަނީ. މިނަގާ ނުލާށޭ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތު ރައްކާތެރިކުރުމާއި، އަދުލު އިންސާފު ގާއިމުކުރުމާ އެކު ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ބީވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އަދި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޒުވާނުންނަށް ލިބިފައިވާ ފަސޭހަތަކާއެކު ގައުމަށް ހިދުމަތް ކުރުމަށް ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ