ނ. ލަންދޫގައި މަހަށް ނިކުމެ އުޅުނު ދޯންޏަކުން އެއް ހަފްތާގެ ތެރޭގައި ދެ މަސްވެރިޔަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު ހެނދުނު 8:45 ހާއިރު މަހަށް ނިކުމެ އުޅުނު މަސްވެރިޔަކު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ލަންދޫ ދޯންޏެއް ކަމަށްވާ، "މުރިގު-2" ނަމަކަށް ކިޔާ ދޯނިން މަހަށް ނިކުމެ އުޅެނިކޮށް މިއަދު ލަންދޫ މަސްވެރިޔަކު މަރުވެފައިވާއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވެސް ވަނީ ހަމަ އެ ދޯނިން މަހަށް ދިޔަ އެރަށަށް ނިސްބަތްވާ މަސްވެރިޔަކު މަރުވެފަ އެވެ.
އެނގިފައިވާ ގޮތުގައި މަރުވި ދެ މަސްވެރިންނަކީ ވަރަށް ކުރީއްސުރެ އެކުގައި އުޅުނު ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ. އެ ދޯނިން އެންމެ ފުރަތަމަ މިދިޔަ ބުރާސްފަތި ދުވަހު މަރުވީ އުމުރުން 49 އަހަރުގެ އާދަމް އިސްމާއީލް އެވެ. މަރުވެގެން ވެއްޓުނު އިރު އޭނާ ހުރީ މަސް ބާނާށެވެ. އޭގެ ފަހުން އެ ދޯނީގައި އެން އުކަން ހުއްޓައި އުމުރުން 49 އަހަރުގެ އަހްމަދު ފައިސަލް މިއަދު ވަނީ މަރުވެފަ އެވެ.
ދެ މީހުން ވެސް ދޯނި މައްޗަށް ވެއްޓުމުން އެންމެ ފުރަތަމަ ގެންދިޔައީ އެ އަތޮޅު ކެނދިކުޅުދޫ ސިއްހީ މަރުކަޒަށެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު އަބްދުﷲ ރުޝްދީ ވިދާޅުވީ ވަރަށް ގާތް ގާތުގައި އެއް ދޯންޏަކުން މަހަށް ގޮސް އުޅުނު ދެ މަސްވެރިޔަކު މަރުވުމުން އެއީ އާދަޔާ ހިލާފު ކަމެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އެތަނަށް ގެންދިޔަ އިރުވެސް ދެ މީހުންވެސް ވަނީ މަރުވެފަ ކަމަށާއި މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ފަޒީލް އަހްމަދު ވިދާޅުވީ ކުއްލި ދެ މަރާ އެކު މުޅި ރަށް ހާސްކަމެއްގެ ތެރޭގައިވާ ކަމަށެވެ. އަދި އެއްގޮތަކަށް އެއް ދޯންޏަކުން އެހާ ގަތް ދެމީީހުން އެއްހަފްތާއެއްގެ ތެރޭގައި މަރުވުމުން ވަރަށް އާދަޔާހިލާފް ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެންމެން ވެސް ކަންބޮޑުވަނީ އެހާ ކުއްލިއަކަށް ކައިރިކައިރީގައި އެއްގޮތަކަށް މި ދެމީހުން މަރުވީމާ. އަނެއްކާ އެއް ދޯންޏެއްގައި. އެ ހިސާބުން މިއީ އިއްތިފާގެއް ކަމަށް ވެސް ގަބޫލު ކުރަން އުނދަގޫ. ދެމީހުންވެސް ށ. ބޮއި ކައިރިން މަރުވީ." މަރުވި ފައިސަލްގެ ކޮއްކޮއެއް ކަމަށްވާ ފަޒީލް ވިދާޅުވި އެވެ.
ދޯނީގެ މީހުންނާ ހަވާލާދީ ފަޒީލް ވިދާޅުވީ މަރުވި ދެ މީހުން ވެސް މަހަށްދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ދެ މީހުންނަކީ ވެސް ސިއްހީ ބޮޑު މައްސަލައެއް ހުންނަ ދެ މީހުން ނޫން ކަމަށެވެ.
ފަޒީލް ވިދާޅުވީ ރަށު ތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަ ފެތުރެމުންދާ ކަމަށާއި އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި މިއީ އެ ދޯނި ގަދަޔަށް މަސްބާނާތީ ހަދާފައި ހުރި ސިހުރެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މަރުވި އާދަމްބެ އެދޯނި ތެރެއިން ފެންނަ ވާހަކަ ދޯނިން މަހަށްދާ މީހުން ބުނާ ކަމަށެވެ.
އާދަމް އާއި ފައިސަލް މަރުވި އިރު ކޮންމެ މީހެއްގެވެސް ތިން ދަރިންނާއި އަންބަކު ދުނިޔޭގައި އެބަތިއްބެވެ. އަދި މިކުދިންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުދިންވެސް އެބަ ތިއްބެވެ.
ފަޒީލް އިތުރަށް ވިދާޅުވީ ކެނދިކުޅުދޫއިން މިހާރު ލަންދުއަށް ފައިސަލްގެ ހަށިގަނޑު ގެންދިޔުމަށް މަސއްކަތް ކުރަމުންދާ ކަަމަށާއި ފުލުހުންގެ ތަހުގީގު ނިމުނުހާ އަވަހަށް ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
ކުއްލި ދެ މަރާއެކު ލަންދޫ ރައްޔިތުން ހާސްކަމެއްގެ ތެރޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ