ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ތިން މެންބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިތުރު ތިން މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް މިފަހަރު މައްސަލަ ހުށަހަޅާފައިވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދެވެ.
މިތިން ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެކަން އަންގާފަ އެވެ. މީގެތެރެއިން ހަތަރު ބޭފުޅަކު މީގެ ކުރިން ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން އެމައްސަލާގައި ނިންމާފައިވާ ގޮތް ގުޅިފައިވާ ޕާޓީ ތަކުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެ ބަޔަކަށް ފެންނަ ގޮތަކަށް ސުޕްރީމް ކޯޓުގެ ނިންމުން މާނަކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނިކޮށް ގޮނޑި ގެއްލޭނެ އިތުރު އެހެން ގޮތްތަކެއް ވެސް ކަނޑައެޅުމަށްފަހު ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ކޮށްފައިވާ ހުކުމާ ގުޅިގެން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެންބަރުންނަކީ ޕީޕީއެމްގައި ތިއްބެވުމަށްފަހު އެ ޕާޓީ ދޫކޮށްލާފައިވާ މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުން:
1 މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން
2 ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު
3 ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު
4 ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
5 ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް
6 އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ
7 ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ
8 ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް
9 މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
10 ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
11 ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު
12 ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ