ޖަލުގައި ތިބި ގައިދީން އިސްލާހުވެ އަނބުރާ މުޖުތަމައަށް އަންނަން ބޭނުންވާ ކަމަށާއި އެކަމަށް މަގުފަހިކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި އަމިއްލަ ފަރާތްތަކުން ކުރަންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ މިފަދަ ކަންތައްތައް ކުރުމުގެ ސަބަބުން ޖަލުގައި ތިބޭ ގައިދީންނަށް ލިބޭނެ ކުރިއެރުމަކަށް މިކަންކަން ވެގެންދާނެ ކަމުގައެވެ. އަދި ޖަލުގެ ގައިދީންނަށް ފޮތް ހަދިޔާކުރުމަށް ހޯމް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ޕްެރޮގްރާމްގައި ބައިވެރިވެ އަޅުގަނޑުވެސް ބައެއް ފޮތް ޖަލުގެ ލައިބްރަރީއަށް ހަދިޔާކުރުމަކީ މިރޭ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ޖަލުގައި ތިބި މީހުންނަކީވެސް އަޅުގަނޑުމެންގެ އަޚުން ނުވަތަ އުޚުތުން. މީގެތެރޭގައި ކުށްކޮށްފައިވާ މީހުންނާއި ކުށް ނުކުރާ މީހުންވެސް އެބަތިބޭ. އަޅުގަނޑުވެސް ޖަލުގައި ހުރީމާ އަޅުގަނޑަށް މިކަންތައްތައް ވަނީ ފެނިފައި. އެންމެންނަކީވެސް އިންސާނުން. އެންމެންގެވެސް އިންސާނީ ހައްގުތަކެއްވޭ. އެންމެންވެސް ބޭނުންވޭ އިސްލާހު ވާން އެނބުރި މުޖުތަމައަށް އަންނަން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެނދިވަޑައިގަންނަވަނީ ޖަލުގައި ތިބި ގައިދީންނަކީ ކުށް ސާބިތުވެފައިވާ މީހުން ކަމުގައިވާނަމަ އެމީހުންގެ މުއްދަތު ހަމަކޮށް ޖަލުން ވީއްލުން ކަމަށާއި ކުށްނުކުރާ ބައެއްނަމަ އެމީހުންގެ މައްސަލަތައް އަވަހަށް ބެލި އެމީހުންވެސް ސަލާމަތްވުން ކަމުގައެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި މި ޕްރޮގްރާމް މިމަހުގެ 25ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އޮންނާނީ އަމީނިއްޔާ ސްކޫލްގެ ހޯލްގަ އެވެ. ފޮތް ހަދިޔާކުރުމުގެ ފުރުސަތު އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް އަދި ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަށެވެ.
ގައިދީން އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަގުފަހި ކުރަންޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ