ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ޖޭއެސްސީއަށް ބެލޭނެ: މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ބަލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ތާއީދުކުރެއްވި މި ހުށަހެޅުމަށް ވޯޓަށް އެހުމުން މިހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިހުށަހެޅުމާ ދެކޮޅަށް އެއް މެންބަރަކު ވަނީ ވޯޓް ދެއްވާފަ އެވެ.
އަލީ އާޒިމު ހުށަހެޅުއްވި އެހެން ހުށަހެޅުމެއްގައި ވަނީ ޖޭއެސްސީން ނިންމި ނިންމުމަކާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރެއްގައި މަޖިލީހުގެ ބާރު ކަނޑުވާލިކަމަށް ބަލައި އެ މައްސަލަ ބެލުމަށް ޖޭއެސްސީގައި އެދުމަށެވެ. މިހުށަހެޅުއްވުން މަޖިލީހުން ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުވާލުމުން މިހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރަށް އާޒިމްގެ ތިންވަނަ ހުށަހެޅުމުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާނަމަ އެ މައްސަލައެއް ލަސްނުކޮށް ބެލުމަށެވެ. މިހުށަހެޅުން ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
މެންބަރުން އާޒިމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތިން ހުށަހެޅުމެއް ހުށަހެޅުއްވީ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ޖޭއެސްސީއާއި މަޖިލީހަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އެއްވެސް ނިންމެއްގެ މައްޗަށް ބިނާކޮށް އެހެން ގޮތެއް ނިންމުމުގެ ބާރު ލިބިގެން ނުވާ ކަމަށް ބުނެފައިވާތީ، އެއީ މަޖިލީހުގެ ބާރުކަނޑުވާލުން ކަމަށް ނިންމައި އެކަމުގައި ގޮތެއް ނިންމަން ރިޔާސަތުން މެންބަރުންނަށް ދެއްވި ފުރުސަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ