ރައްޔިތުން ނޭގޭ މީހަކީ ވެރިކަމަށް ކުފޫހަމަވާ މީހެއް ނޫން: ނަޒީރު

ރައީސް ޔާމީންގެ ހުރި ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ އެއްވެސް މީހަކީ ގައުމެއްގެ ވެރިކަމަށް ކުފޫހަމަވާ މީހެއް ނޫން ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އަލީ ނަޒީރު ވިދާޅުވީ ރައީސް ޔާމީނަށް އަބަދުވެސް ގޯސްވަނީ ރައްޔިތުން ކަމަށާއި އެމަނިކުފާނު ނޫން އެއްވެސް މީހަކީ ހެޔޮވިސްނޭ މީހަކަށް ނުވާ ކަމަށެވެ. ރައީސް އިއްޔެ ދެއްވި ތަގުރީރުން ވެސް ފެނިގެންދިޔައީ އެގޮތަށް ކަމަށާއި އިރުއިރުކޮޅާ ބަލިގަބޫލުފުޅު ކުރައްވާކަން ހާމަކުރައްވަނީ އިންތިޚާބުގައި ބަލިވެވަޑައިގަތް ބޮޑުކަމުން ކަަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ރައްޔިތުން ދަސްނުވާ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށާއި އެމަނިކުފާނުގެ އެންމެ ބޮޑު ނުކުޅެދުންތެރިކަމަކީ ރައްޔިތުން ބޭނުންވާ ގޮތް އެނގިވަޑައިނުގަތުން ކަމަށެވެ. އެނުކުޅެދުންތެރިކަން ހުރި އެއްވެސް މީހަކީ 21 ވަނަ ގަރުނުގައި ޑިމޮކްރެޓިކް ވެއްޓެއްގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ވެރިކަން ކުރަން ކުފޫހަމަވާ މީހެއް ނޫން ކަމަށް ނަޒީރު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަންވާނީ ރައްޔިތުން ބޭނުންވާ ގޮތް، ރައްޔިތުންގެ ވިސްނުމަށް އަންނަ ބަދަލު އެނގޭ މީހަކު. ދިވެހި ރައްޔިތުންގެ މަސްލަހަތު އެއީ ދިވެހި ގައުމުގެ މަސްލަހަތަކީ. އެއްގޮތަކަށް ވެސް އެމަނިކުފާނު އެދައްކަވާ މަންޒަރު، ތިމަންމަނިކުފާނު ބޭނުންފުޅުވާ ގޮތް، ތިމަންމަނިކުފާނަށް ފައިދާ ހުރި ގޮތް، ކުރައްވަން ބޭނުންފުޅުވާ ކަންކަން ކުރެވޭނެ ގޮތް އެއީ ގައުމީ މަސްލަހަތު ކަމަށް ދެއްކުމަށް ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން" އަލީ ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ މިރާއްޖޭގެ މަސްލަހަތަކީ ރައީސް ޔާމީންގެ އަމިއްލަ އެދުންފުޅު ނޫން ކަމަށާއި ރާއްޖޭގެ މަސްލަހަތަކީ ރައްޔިތުން ބޭނުންވާ ގޮތާއި ރައްޔިތުން ހާސިލްކުރަން ބޭނުންވާ އުންމީދުތައް ކަމަށެވެ.
ވޭތުވެދިޔަ އިންތިޚާބުތަކުގެ ނަތީޖާއަށް ބަލައިލުުމުން ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިންސާފާއި ހަމަޖެހުމާއި ހެޔޮވެރިކަމަށް ރައްޔިތުން ލޯބިކުރާކަން އެގޭ ކަމަށް ނަޒީރު ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޔާމީންގެ އެޖެންޑާއަށް ރައްޔިތުން ނޫނެކޭ ބުނީ އެސަބަބާހެދި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ