ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ބޭސް ފަރުވާއަށް މިވަގުތު މެލޭޝިއާގައި ހުންނެވި ރައީސް މައުމޫން މިހެން ވިދާޅުވީ އިންޑިއާގެ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގަ އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ ބާރު ކަނޑުވާލާ، ރައްޔިތުންގެ އިތުބާރު ގެއްލުވާލާފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ އިން ފެންނަން އޮތީ ރައްޔިތުން އެކަމުގައި ފިޔަވަޅު އެޅި މަންޒަރު ކަަމަށްވެސް ވިދާޅުވި އެވެ. އަދި އާ ސަރުކާރު ވެރިކަމާ ހަވާލުވެ މުއައްސަސާތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ މި އިންޓަވިއުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ޑިމޮކްރަސީ އިއާދަކުރުމަށް އިންޑިއާ އިން މުހިއްމު ދައުރެއް އަދާކުރަމުންދާ ކަމަށް ވިދާޅުވެ އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުން ކަންކަން ކުރުމަށް އިންޑިއާ އިން އެހެން ފަރާތްތަކާ ގުޅިގެން ބާރުއަޅާފައިވާ ކަމަށެވެ. ރާއްޖޭގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ހިނގާދިޔަ ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ މައްސަލަތައް ބައިނަލްއަގްވާމީ މައިދާނަށް ގެންގޮސް ރައީސް ޔާމީންގެ ސަރުކާރަށް ފިއްތުއްތައް ކުރިިމަތިކުރުމަށް އިންޑިއާ އިން މުހިއްމު މަސައްކަތްތަކެއް ކޮށްދީފައިޥާ ކަމަށެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވަރަށް ބޮޑަށް އިސްކަންދެެއްވާ ބޭފުޅެއްގެ ގޮތުގައި ރައީސް މައުމޫން ފާހަގަކުރެވޭއިރު އެމަނިކުފާނުގެ މި އިންޓަވިއުގައި ވިދާޅުވީ އިންޑިއާގެ ކަންބޮޑުވުންތަކަށް ރާއްޖޭގެ އާ ސަރުކާރުން ސަމާލުވެ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއާއި ޗައިނާއާ ދެމެދު އުފައްދަފާއިވާ ގާތްގުޅުމާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ މިގުޅުމުގެ ތެރެއިން ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރާ ދޭތެރޭ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ދަރަނީގެ މައްސަލަ އަލުން ދިރާސާކުރަން ޖެހޭ ކަމަށާއި ދިވެހި ރައްޔިތުންގެ ނިންމުމަށް ޗައިނާއިން އިހުތިރާމް ކުރާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ޗައިނާއާ އެކު ބޭއްވި ގާތްގުޅުންތަކުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާ އެގުޅުން ހީނަރުވެފަ އެވެ.
ޔާމީންގެ ސަރުކާރުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ