މުބީން އިސްތިއުފާ ދެއްވުމަށް ބިލެތްދޫ ދާއިރާގެ ޖޭޕީ ފީއަލި ގޮފިން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އިސްތިއުފާ ދެއްވުމަށް އެގޮނޑިއަށް އޭނާ އިންތިޚާބު ކޮށްދިން ދާއިރާގެ ބައެއް ރައްޔިތުން ގޮވާލައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާއަށް ނުކުންނަވައި އެގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު، މުބީންވަނީ ޖޭޕީ ދޫކުރައްވައި ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.
ބިލެތްދޫ ދާއިރާގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ފީއަލީ ގޮފިން ނެރެފައިވާ ބަޔާނުގައި، މުބީން ޖުމުހޫރީ ޕާޓީއަށް އަލުން ގުޅިވަޑައިގެން ރައްޔިތުންގެ ފަޅިއަށް ވަޑައިގެންނެވުމަށް ގޮވާލާފައި ވެއެވެ. އެހެންނޫންނަމަ އެދާއިރާގެ ގޮނޑި ދޫކޮށްލައްވައި އިސްތިއުފާ ދެއްވުމަށްވެސް ގޮވާލާފައި ވެއެވެ.
ޖޭ.ޕީ ފީއަލީ ގޮފީގެ ރައީސް ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނުގައި، މުބީންއަށް މަޖިލިސް ގޮނޑިއަށް އިންތިޚާބު ކުރުމުގައި ފީއަލީ ގޮފިން ނުހަނު ބޮޑު ހޭދައާއި މަސައްކަތް ކޮށްފައި ވާކަމުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާތީ، އެކަން ކުށްވެރިކޮށް މިހާރުން މިހާރަށް ޤާސިމް އިބްރާހިމް މިނިވަން ކުރުމަށްވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.
އަދި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޤާސިމް އިބުރާހިމް ހާޒިރު ކޮށްދީފައި ނުވާތީ އެކަންވެސް ޖުމުހޫރީ ޕާޓީގެ ފީއަލީ ގޮފިން ވަނީ ކުށްވެރި ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ