ސަރުކާރުގެ ދުވެލި މަޑެއް ނޫން: ގާސިމް

ފާއިތުވެދިޔަ ސަރުކާރުތަކުގައިވެސް އަހަރެއް ދޮޅު އަހަރެއް ވެގެންދިޔަ އިރުގައި މާބޮޑު ކަންތައްތަކެއް ނުހިނގާ ކަމަށާއި މިސަރުކާރުގެ ސްޕީޑް ލަސް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް އަލަށް މެންބަރުންތަކެއް ގުޅޭތީ ބުދަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ މިސަރުކާރުގެ ސްޕީޑް ލަސް ކަމަށް ވިދާޅުވާ ބޭފުޅުން މިދިޔަ ސަރުކާރު ނިމުނުއިރު ކަންތައް އޮތީ ކިހާ ހިސާބެއްގައިކަން އެނގިވަޑައިނުގަންނަވަނީތޯ ސުވާލު އުފައްދަވާފައެވެ. ރައްޔިތުންނަށް ލިބިފައިވާ ނާއިންސާފާއި ގޯސްކޮށް ހިނގާފައިވާ ހުރިހާ ކަަމެއް ރަނގަޅު ކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތަށް ގާސިމް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ސަރުކާރު ފަށައިގަތްއިރު ދައުލަތް އޮތް ހާލަތު ފާހަގަކުރައްވައި ގާސިމް ވަނީ މިސަރުކާރުން މިހާތަނަށް އެކަންކަން އިސްލާހު ކުރުމަށް ކޮށްފައިވާ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.
"ފުރަތަމަ ކަމަކީ މީހުންގެ ހައްގުތައް ފުރިހަމައަށް އަދާކުރުން. މަސައްކަތްކުރި ބައަކަށް ދޭން ޖެހޭ އުޖޫރަ ފުރިހަމައަށް ދިނުން. ނާއިންސާފުން އަނިޔާ ލިބެމުން ދިއަ މީހުން އަނިޔާއިން ސަލާމަތްކޮށްދިނުން." ގާސިމް ވިދާޅުވިއެވެ.
ކުރީ ސަރުކާރު ނުކޮށް ހުރި ކަންކަން ކުރަން ޖެހުމުން މިސަރުކާރުގެ ދުވެލި މަޑޭ ބުނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހައްގުވެރިންނަށް ހައްގުތައް އަދާކޮށްދިނުން ކަމަށާއި މަސައްކަތްކުރި ބައަކަށް ދޭން ޖެހޭ އުޖޫރަ ފުރިހަމައަށް ދިނުމާއި ނާއިންސާފުން އަނިޔާ ލިބެމުން ދިޔަ މީހުން އަނިޔާއިން ސަލާމަތްކޮށްދިނުން ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ކުށެއް ނެތި އަނިޔާ ލިބެމުން ދިޔަ އެތައް ބަޔަކު މިހާރުވެސް ސަލާމަތް ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ގާސިމް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވަނީ ޖޭޕީއާ އަލަށް ގުޅުނު 400 އެއްހާ މީހުންގެ ފޯމު ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ހަވާލުކޮށްފައެވެ.
ޖޭޕީއާ އަލަށް ގުޅުނު މެންބަރުންނާ ގުޅޭގޮތުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގައި އުޅުމަށްފަހު ޖުމްހޫރީ ޕާޓީއާ މެމްބަރުން ގުޅުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ގާސިމް ވިދާޅުވީ އަލަށް ފެށިގެން މިދާ ރޫހު ވިސްނިވަޑައިގަންނަވާ ކަމަށާއި މިއައި ބަދަލު ނުވަތަ އާ ރޫހަކީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހާއެކު އައި ބަދަލުތަކެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
ކުރިއަށް އޮތް އިންތިޚާބުތަކުގައި ޕާޓީން މަސައްކަތް ކުރާނީ މިހާރަށްވުރެވެސް ޑިމޮކްރެޓިކް އުސޫލުތަކެއްގެ މައްޗަށް ކަމަށާއި އެހެންކަމުން ކޮންމެ ދާއިރާއެއްގައިވެސް ވަކި ވަކިން ޕްރައިމަރީ ބާއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ޕާޓީއަށް ގެންނަން ބޭނުންވާ ކުރިއެރުން އަދިވެސް އެބަހުރި ކަމަށާއި އެ ކުރިއެރުންތައް ގެނެވޭނީ ޕާޓީގެ މިހާރުގެ މެމްބަރުންގެ އެއްބާރުލުމާއެކުގައިކަން ގާސިމް ވަނީ ފާހަަގަކުރައްވާފައެވެ.
މިހާރު އެންމެ ބޮޑު އަމާޒަކީ ކޮންމެ ރަށެއްގައިވެސް ޕާޓީގެ ގޮތްޕެއް އޮތުން ކަމަށާއި ކޮންމެ ގޮތްޕެއްގައިވެސް ރައީސަކާއި ނާއިބުރައީސަކު ހުރެގެން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ