ހެނބަދޫ – މަގޫދޫ މެޗު އެއްވަރުވެ ގްރޫޕްގެ ފޯރި އިތުރަށް ގަދަވެއްޖެ


މިހާރު ނ.ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް އޭ ގައި ހެނބަދޫ  އާއި މަގޫދޫ ބައްދަލު ކުރިމެޗު އެއްވަރުވުމުން މި ގްރޫޕްގައި ހިމެނޭ ހެނބަދޫ،  މަނަދޫ އަދި މިލަދޫ އަށްވެސް ސެމީއަށް ދިއުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔައީއެވެ. ހެނބަދޫއަށް އަމިއްލަ ބާރުގައި ސެމީއަށް ދިއުމުގެ ފުރުޞަތު އޮތްނަމަވެސް މިމަހުގެ 16 ވަނަ ދުވަހު ހެނބަދޫ އާއި މާޅެންދޫ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗުން ހެނބަދޫ މޮޅު ނުވެއްޖެ ނަމަ މި ގްރޫޕުގެ ފަހުމެޗުގައި މަނަދޫ އާއި މިލަދޫ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ސެމީއަށް ދިއުމުގެ ފުރުޞަތު އޮންނާނެއެވެ.  މި ގްރޫޕުގެ ސެމީގެ ފުރަތަމަ ޖާގަ މުބާރާތް ބާއްވާ ރަށް، ކެނދިކުޅުދޫ ހޯދާފައިވާއިރު މަގޫދޫ އަށާއި މާޅެންދޫ އަށް ސެމީއަށް ދިއުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ.
މިއަދު ހަވީރު ކުޅެވުނު ހެނބަދޫ އާއި މަގޫދޫ ބައްދަލު ކުރިމެޗު ފަސޭހަކަމާއިއެކު ހެނބަދޫ އިން ކާމިޔާބު ކުރާނެ ކަމަށް ހީކުރެވުނު ނަމަވެސް މިއަދުގެ މެޗުގައި މަގޫދޫގެ ފަރާތުން ވަނީމޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ. މިއަދުގެ މެޗު ފެށުނީންސުރެ ގޮސް ނިމެންދެންވެސް މަގޫދޫއިންވަނީ ހެނބަދޫއަށް ބާރުބޮޑުކޮށް އެޓީމަކީވެސް ދަށްޓީމެއް ނޫންކަން ހާމަ ކޮށްދީފައެވެ. މިއަދުގެ މެޗު 1-1 ން އެއްވަރުވެފައިވާ އިރު މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަގޫދޫ ޓީމުގެ ޖާޒީނަމްބަރ 9 މުޙައްމަދު އިރުޝާދު އެވެ.
މިމުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕްބީގެ 7 ވަނަ މެޗެވެ. މިމެޗުގައި ބައްދަލުކުރާނީ ކުޅުނު 2 މެޗުން މޮޅުވެ 6 ޕޮއިންޓާއިއެކު ގްރޫޕްގެ 1 ވަނާގައި އޮތް ހޮޅުދޫ އާއި ކުޅުނު 2 މެޗުން 4 ޕޮއިންޓް ހޯދާފައިވާ ލަންދޫއެވެ. މި މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3.45 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ