ލަތީފް އިސްލާހު ހުށަހަޅަން އުޅެނީ ޕާޓީއާ މަޝްވަރާނުކޮށް: އަބްދުﷲ ރިޔާޒު

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނިންމެވީ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. ރައީސްކަން ކޮށްފައި ތިއްބެވި ބޭފުޅުން މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް އިސްލާހު ހުށަހަޅާން ނިންމާފައިވާކަމަށާއި އެ އިސްލާހު މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ލަތީފް ވަނީ މިރޭ "ސަން" އަށް ވިދާޅުވެފައެވެ. އެކަމާ ގުޅޭގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ރިޔާޒު މިރޭ "ސަން" އަށް ވިދާޅުވީ އެ އިސްލާހަކީ އެ ޕާޓީއާ މަޝްވަރާ ކޮށްގެން ލަތީފު ހުށަހަޅުއްވަން އުޅޭ އިސްލާހެއް ނޫން ކަމަށެވެ. އެ އިސްލާހަށް ޖުމްހޫރީ ޕާޓީ އިން ތާއީދު ކުރައްވާނަންތޯ އެއްސެވުމުން ރިޔާޒު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރައްވާ ކަމަށެވެ. ލަތީފު ވިދާޅުވީ، އެެ އިސްލާހު ހުށަހަޅުއްވަނީ އެއީ ކުރީގެ ރައީސުންށް ދައުލަތުން މިހާރުވެސް ޚަރަދު ކުރަމުންދާތީ ކަމަށެވެ. އަދި ޝަރަފާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބަޔަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށްވުރެ ދަށް މަގާމަކަށް ކުރިމަތި ލުމަށް އޭނާ ބޭނުންނުވުމަކީ އެ އިސްލާހު ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ލަތީފް ވިދާޅުވިއެވެ. https://www.sun.mv/113997 ލަތީފު އެފަދަ އިސްލާހެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ އިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު ދަނީ އެޕާޓީ ޕްރައިމަރީގައި ވާދަކޮށް ކެމްޕެއިން ކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވައެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ