މިއީ ގަމާރުންނެއް ނޫން ކަމަށާއި މިހާރު ސިޔާސީ މައިދާނުގައި ކުރިމަތިވަމުންދާ ކަންތައްތަކުގެ ސަބަބުން ކޮންމެފަދަ ކަމަކާއި ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށް ތައްޔާރުވެގެން ތިބި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އަލަށް ގުޅުނު ބައެއް ބޭފުޅުންގެ ފޯމާއި ހަވާލުވެ ވަޑައިގެންނެވުމަށް އެޕާޓީގެ ޖަގަހައިގައި މިރޭ އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އިން އަބަދުވެސް ވައުދާއި އަހްދު ހިފަހައްޓާ ވަހުދާއި އަހްދަށް އިހްތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް "19،18" ކޮމެޓީގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ސޮއި ކުރެއްވި އެއްބަސްވުމާއި އެމްޑީޕީ އިން ހިލާފު ވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބާބެހޭ ގޮތުން ކޯލިޝަން ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަން ރައީސް ސޯލިހުއާ މަޝްވަރާ ކުރެއްވި ކަމަށާއި ނަމަވެސް އެމްޑީޕީން އެކަމަށް އެއްބަސް ނުވާނެ ކަމަށް އެމަނިކުފާނު ވެސް ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެންމެ ފަހުން ހަތަރު ލީޑަރުން ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި ހަތަރު ޕާޓީން ވެސް ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިރު ކުރިން އޮތް އެއްބަސްވުމަށް އަމަލު ކުރަން އެމްޑީޕީން ބޭނުން ނުވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައީސް ސޯލިހު ވެސް ވިދާޅުވީ ތިމަންނަ އާއި މުހައްމަދު ނަޝީދާ ދެ ބޭފުޅުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގޮސް މިގޮތް ބަދަލު ކުރަން އެދުނަސް ނުކޮށްދޭނެއޭ. އެހެންވެ އެ ހިސާބުން އަޅުގަނޑު ދެންނެވީ އެހެންތޯއޭ. އެހެންކަމަށް ވަންޏާ ވަރަށް ދެރައޭ، އަޅުގަނޑުމެން ބޭނުންވަނީ އެއްބަސްވުމާ އެއްގޮތަށް ދާށޭ، އެހެން ނުދެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކާ ދިމާލަށް އެއްޗެހި ގޮވުމާއި އަޅުގަނޑުމެން އެކަކު އަނެކަކާ ދިމާލަށް އެއްޗެހި ގޮވާ ޕާޓީތަކުގެ މެދުގައި ފަސާދަ އުފެދިގެން ދިޔުން ނޫންތޯއޭ، އެއެއް ނޫން ދެއްތޯއޭ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ، އަނެއްކާވެސް ކުރިން ޖެހުނުތާ ޖެހުނީ ނޫންތޯ އޭ އަޅުގަނޑޫ ދެންނެވިން،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހަށް ވާދަ ކުރުމާ ގުޅޭ ގޮތުން ޕާޓީން ވަކި ގޮތެއް ނުނިންމާ ލަސްކުރީ ޕާޓީތަކަށް ވަކި ގޮތަކަށް އެއްބަސް ނުވެވޭތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ބޭފުޅަކަށް އެކަމަށް ހައްލެއް ގެނެސް ނުގެނެވުމުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކަމަށެވެ. އަދި މި މަހު 25 ވަނަ ދުވަހާ ހަމަޔަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު ދެންނެވީ އެބައޮތް ހެއްޔޭ ކޯލިޝަން، އަޅުގަނޑު ނުދަންނަވަން މިހާރަކު ނެތެކޭއެއް. އަސްލަކީ އަޅުގަނޑުމެން ބިނާ ކުރި ލިޔުމުގެ މައްޗައް އަމަލުކޮށް ވެރިކަަން ކުރުން، ނަމަވެސް ވަކި ހިސާބަކަށް ދިޔުމުން އޭތި ކަނޑައި އެއްލާލީމަ ދެން ކޮބައިތޯ، އެބައޮތްތޯ؟" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިރޭ ވަނީ ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ވެސް ވާހަކަފުޅު ދައްކަވާފައެވެ. ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމްގެ ވާހަކަ ދައްކަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި އެއީ ތަންދޮރު ނުފިލާ ކުޑަކުދިން ކައިރީ ދައްކާ ކަހަލަ ވާހަަ ކަމަށެވެ.
ކޯލިޝަނުން ވެފައިވާ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދޭނަން ކަމަށް ޖުމްހޫރީ ޕާޓީ އިން ވިދާޅުވާ ވިދާޅުވުން ގާސިމް މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.
މިއީ ގަމާރުންނެއް ނޫން، ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް ތައްޔާރު – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ