ގާސިމް ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ޖަލްސާ ފަށައިފި

ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ އާ ރައީސް ގާސިމް އިބްރާހިމް އިންނަވައިގެން ބާއްވާ ފުރަތަމަ ޖަލްސާ ފަށައިފިއެވެ.
މިއަދު މަޖިލިސް ޖަލްސާ ފެށިއިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކިކުރުމާއި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ މައްސަލައިގެ ބަހުސް އާއި މީޑިއާ ކޮމިޝަންގެ ޤާނޫނުގެ ބިލްގެ ބަހުސް ކުރިއަށް ގެންދަން ވަނީ އެޖެެންޑާ ކޮށްފައެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން އިދިކޮޅު ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބައެއް ހައްގުތަކާއި މިނިވަންކަމަށް އަބުރުގެ ގާނޫނުގެ ސަބަބުން އުނިކަން ލިބިފައިވާ ކަމަށެވެ. އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ގާނޫނީ ގޮތުން މައްސަލަތަކާ ކުރިމަތިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލު މަޖިލީހާ ހަވާލު މި ކުރަނީ ރައްޔިތުންގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މަސައްކަތުގައި އެތައް ބޭފުޅުންތަކަކަށް ލިބެމުން ދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި އެބޭފުޅުންގެ ނިގުޅައިގެންފައިވާ ހައްގުތައް ހަނދާން ކުރަމުން،" ޝާހިދު ވިދާޅުވި އެވެ.
މިއަދު މަޖިލިސް ޖަލްސާ ފަށާފައި މިވަނީ ހަފްތާއެއް މެދުކެނޑުމަކަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ