ގާސިމް ރައީސް ޔާމީނަށް: ބަލަ ކޮކްޓެއިލް ވެސް ވަރަށް މޮޅު އެއްޗަކަށް ވެފައި އެބަހުއްޓޭ

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން އިދިކޮޅުން ހަދާފައިވާ ކޯލިޝަނަކީ ކޮކްޓެއިލް ކޯލިޝަނެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެފައިވުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު މިއަދު އެކަމަށް ރައްދުދެއްވައިފިއެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެއްގޮތަކަށް ވެސް މި ކޯލިޝަނެއް ނޯންނާނެއޭ ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
"ރައީސް ޔާމީން ވިދާޅުވި އެއްގޮތަކަށް ވެސް މި ކޯލިޝަނެއް ނޯންނާނެއޭ، މިއީ ކޮކްޓެއިލްއޭ. އެމަނިކުފާނު ދަންނަވާ ވަރަށް އަތްމަތީ ބަސްފުޅެއް ކަންނޭނގެ ކޮކްޓެއިލް އެއީ. ބަލަ ކޮކްޓެއިލް ވެސް ވަރަށް މޮޅު އެއްޗަކަށް ވެސް ވެފައި އެބަހުއްޓޭ. އެކަން އެމަނިކުފާނަށް މިހާރު މިއޮތީ ސާބިތުވެފައި. އެމަނިކުފާނު ވިދާޅުވި ތަޅާގަނެގެން އަޅުގަނޑުމެންނަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެއޭ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސިޔާސީ ދާއިރާގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުން ދިމާވި ކަންތައްތަކަކީ އިއްތިފާގެއް ނޫން ކަމަށާއި އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރި ކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ.
"ސިޔާސީ ދާއިރާގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ދިމާވި ގޮތް މިއީ އިއްތިފާގެއް ނޫން. ބަޔަކު ރާވައިގެން، ވަރަށް އަނިޔާވެރި، ވަރަށް ނިކަމެތި ގޮތެއްގައި ބަޔަކު ފްރޭމް ކުރެވިގެންދިޔަ މަންޒަރުތައް ފެނިގެންމިދިޔައީ. މިސާލަކަށް ބައްލަވާ ކާނަލް ނާޒިމް، އެ މައްސަލައިގެ ފުލުހުންގެ ރިޕޯޓް އެއޮތީ ހުށަހެޅިފައި. އެބޭފުޅުންގެ ރިޕޯޓުގައި އެމަނިކުފާން އޭގެ ތެރޭގައި ނެތް ކަން އެބަ ސާބިތުވޭ. އޭރު ނައިބު ރައީސަކަށް ދެން ވަޑައިގެންނެވި އަދީބު ނުރަސްމީ ސިފައެއްގައި ނަމަވެސް ދީފަ ވަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ހަޒާނާއިން ކޮރަޕްޝަންގެ ގޮތުގައި ގެއްލިގެންދިޔަ ފައިސާއާއި މީހުންނަށް ލިބުނު އަނިޔާއާއި ފަސާދައާއި އިންތިހާ ދަރަޖައިގެ ބައިވަރު ކަންތައްތަކެއް ވެގެންދިޔަ ކަމަށާއި ރައީސް ޔާމީނަށް އެހީތެރިވެދިން ހުރިހާ އެންމެންނަށް ވެސް އަނިޔާއެއް ދީފައިވާ ކަމަށެވެ.
"އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދިން ކޮންމެ މީހެއް ގައިގައި ޖެއްސެވި، އެ ސިފައިގައި ނަމަވެސް މި ސިފައިގައި ނަމަވެސް ޖެއްސެވި. ރިޔާސީ އިންތިހާބަށް ކުރިމަތިލާނެ ކަމަށް ހީކޮށްފާނެ މީހަކު ވެއްޖެއްޔާ އެމީހަކު ވެސް ދުއްވާލި މަންޒަރު އަޅުގަނޑުމެންނަށް މިފެންނަނީ. އެއީ ކޮން ފަރާތަކުން، ކާކު ރާވައިގެން ކުރި ކަމެއް ކަމެއް ނޭނގޭ،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ