ސުޕްރީމް ކޯޓާ މެދު ޖަދަލު ނުކުރުމަށް ހިސާންއަށް ކޯޓުން އަންގައިފި
ރިޔާސީ އިންތިޚާބާއި ގުޅިގެން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބެލޭނެ ކަމަށާއި އަދި އެކަމާއި ދެކޮޅު ނުހެދުމަށް ޤާނޫނީ ވަކީލާ ހިސާން ހުސައިނަށް ސުޕްރީމް ކޯޓުން ގޮވާލައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ކުރިޔަށް ދާ ދުސްތޫރީ މައްސަލައަށް ތަދައްޚުލްވެވަޑައިގެންނެވި އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލާ ހިސާން ހުސައިން، މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޤާނޫނު އަސާސީގެ 172 ވަނަ މައްދާއަށް ހަވާލާ ދެއްވާ، އެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލަ ބަލަން ޖެހޭނީ ހައި ކޯޓުންކަން އެ އަޑުއެހުމުގައި ހިސާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ހިސާން ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައިވެސް އެއީ ހައި ކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެ އެ ނުކުތާ ތަކުރާރުކޮށް ފާހަގަކުރައްވާފައި. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ހިސާންގެ ވާހަކަތަކަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވަނީ ޖަވާބު ދާރީ ވެވަޑައިގެންފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރައީސް ޔާމީން ހުށައެޅުއްވި ދޫސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފައިވަނީ ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށް. އަދި އިޖުރާއީ ގޮތުން އެއްވެސް މައްސަލައެއް ނެތުމުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުން ވިދާޅުވީ، އެ މައްސަލަ ބަލައިގަނެ އެ ކޯޓުން ޝަރިއަތުގެ އަޑު އެހުން ތާވަލް ކުރައްވަމުން ގެންދަވަނީ އެ މައްސަލައިގައި ކޯޓުގެ އިހްތިސާސް އޮންނާތީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ކޯޓުގެ އިހްތިސާސް އޮންނަ ކަމަކާއި މެދު ސުވާލު ނުއުފެއްދުމަށް އިލްތިމާސްކުރައްވާ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، އެ މައްސަލަ އަކީ ދުސްތޫރީ މައްސަލަ އެއް ކަމަށްވާތީ އެކަން ބަލައިގަނެވޭނެ ކަމަށާއި އެ މައްސަލަ އެ ކޯޓުން ކުރިޔަށް ދާނެ ކަމަށެވެ. އަދި އިޖުރާއީ ގޮތުން ޖަދަލު ނުކުރެއްވުމަށް އުއްތަމަފަނޑިޔާރު ވަނީ ހިސާންއަށް ގޮވާލައްވާފައެވެ. އެ ފަދައިން ވިދާޅުވުމުން ހިސާން ވަނީ އެ ނުކުތާ އިތުރަށް ތަކުރާރު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ