ވޯލްޑް ކަޕް 2018: ފުރަތަމަ މެޗުން ރަޝިއާ ތަފާތު ދައްކާލައިފި

ރަޝިއާގައި މިރޭ ފެށި ވޯލްޑް ކަޕް 2018ގެ ފުރަތަމަ މެޗުން ރަޝިއާ ފަސޭހަ ކަމާއެކު ސައުދީ އަރަބިއާ ބަލިކޮށްފިއެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ފެށި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ރަޝިއާއިން ސައުދީ އަރަބިއާ ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ.
ގްރޫޕް އޭގެ ފުރަތަމަ މެޗު ފެށިގެން ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ރަޝިއާއިންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޔޫރީ ގަޒެންސްކީ ޖެހި ގޯލުން ރަޝިއާ ލީޑު ނެގިއެވެ. އޭނާ އެ ގޯލް ޖަހާފައިވަނީ ކޯނަރަކުން އުފެއްދި ހަމަލައެއްގައި، އޭރިއާ ތެރެއިން ހުރަސްކުރި ބޯޅަ އަށް މުޅިން ހުހަށް އޮވެގެން ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ރަޝިއާގެ އެލެން ޒަގޮއީވްއަށް އަނިޔާވެ އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ޑެނިސް ޗެރިޝޭވްއެވެ. ޗެރިޝޭވް އަކީ ކުރިން ރެއާލް މެޑްރިޑުގެ ފޯވާޑަށް ކުޅުނު ކުޅުންތެރިއެކެވެ.
ޗެރިޝޭވް މެޗަށް ނުކުތުމާއެކު ރަޝިއާގެ ހަމަލާތައް ގިނެވެގެން ދިޔަ އިރު، މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭނާ ވަނީ ރަޝިއާއަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފްގައިވެސް މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ ރަޝިއާއެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ރަޝިއާގެ ތިން ވަނަ ގޯލް އެޓީަމަށް ކާމިޔާބުކޮށްދިނީ އަރްޓޭމް ޒޫބިއާއެވެ. އަދި މެޗު ނިމެން ދަނިކޮށް ޗެރިޝޭވް އޭނާގެ ދެވަނަ ގޯލާއެކު މެޗުގެ ނަތީޖާ 4-0 އަކަށް ބަދަލުކޮށްލިއެވެ. އެއަށްފަހު މެޗުގެ އެންމެ ފަހުވަގުތު ފަސް ވަނަ ގޯލް ކާމިޔާބުކޮށްދިނީ އެލެގްޒެންޑްރާ ގޮލޮވިންއެވެ. އޭނާ އެގޯލް ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ.
ރަޝިއާ އިން މިރޭ މިނެރުނު ނަތީޖާއަކީ 1934 ވަނަ އަހަރަށްފަހު، ވޯލްޑް ކަޕެއް ހުޅުވި މެޗެއްގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އެހެންނަމަވެސް ސޯވިއެޓް ޔޫނިއަންގެ ގޮތުގައި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކޮށް އެ މުބާރާތުގެ ހަތަރު ވަނަ ހޯދުން ފިޔަވައި ވޯލްޑްކަޕްގައި މިހާތަނަށް މާބޮޑު ކާމިޔާބެއް ރަޝިއާ އަށް ލިބިފައި ނުވެއެވެ.
ރަޝިއާ އަކީ މިފަހަރުގެ މުބާރާތް ބައްވާ ގައުމު ކަމަށް ވުމުން މިރޭ އެގައުމުން ދެއްކި ތަފާތު ބޮޑު ނަތީޖާއަކީ މި މުބާރާތް އިތުރަށް ފޯރި ހިފާނެ ކަމެއް ކަމުގައި ތަޖްރީބާކާރުން ބުނެއެވެ. ނަމަވެސް ރަޝިއާއަކީ މިއަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުގެ ތެރެއިން ފީފާ ވޯލްޑް ރޭންކިންގައި އެންމެ ދަށް އޮތް ޓީމެވެ. ސައުދީ އަރަބިއާއަކީ މިއަހަރުގެ ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ ދަށްކޮށް ރޭންކް ކުރެވިފައިވާ ޓީމެވެ.
މާދަމާރޭ ވެސް ގްރޫޕް ސްޓޭޖުގެ ތިން މެޗް ކުޅޭނެއެވެ. އެއީ ގްރޫޕް އޭގެ މެޗަކާއި ގްރޫޕް ބީގެ ދެމެޗެވެ. ފުރަތަމަ ތަމަ ކުޅޭނީ ރާއްޖޭ ގަޑިން 17:00ގައި ފަށާ މިސްރު - އުރުގުއޭ ބައްދަލުކުރާ ގްރޫޕް އޭގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި 20:00ގައި ބައްދަލުކުރާނީ މޮރޮކޯ - އިރާން އެވެ. ދެވަނަ މެޗުގައި 23:00 ގައި ބައްދަލުކުރާނީ ސްޕެއިން - ޕޯޗުގަލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ