ދިއްދޫގެ ތަރައްގީގެ ހަތަރު މަޝްރޫއެއް ނިންމާލައިފި

ހއ. ދިއްދޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފިއެވެ.
ދިއްދޫގައި ހަތަރު މަޝްރޫއެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ،
ނިމުން ފާހަގަކޮށްފައިވާ ހަތަރު މަޝްރޫއަކީ ދިއްދޫގެ ފެނުގެ ނިޒާމުގެ މަސައްކަތާއި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތާއި އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އިތުރުން ހައުސިން ޔުނިޓްތަކެއް ހެދުމުގެ މަޝްރޫއެވެ.
ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ރަށުގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއަކީ 52.8 މިލިއަން ރުފިޔާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ދިއްދޫގައި 20.15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް ދިއްދޫގެ 1،210 ގެއަށް ވަނީ ފެނުގެ ހިދުމަތް ފޯރުކޮށްދީފައެވެ.
ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަށް 16.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން ދިއްދޫގެ ގިރާ ސަރަޙައްދަށް 11,300 ކޮޑިމީޓަރަށް ވެލިއަޅައި، ރަށުގެ 450 މީޓަރުގެ ގިރާ ސަރަހައްދު ވަނީ ބޮޑު ހިލަ ޖަހާފައެވެ.
އެރަށުގައި ވަނީ ތިންކޮޓަރީގެ 250 ހައުސިން ޔުނިޓްގެ މަސައްކަތްވެސްކުރިއަށް ގެންގޮސްފައެވެ. އެ ހައުސިން ޔުނިޓްގެ މަސައްކަތް އިފްތިތާހުކުރައްވާފައިވަނީ ރައީސް ޔާމީން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ