ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނާ ގުޅޭގޮތުން މީސް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، އޮފިޝަލަކަށްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅާފައި ނުވާ އެއްވެސް ފަރާތެއް އޮފިޝަލުންގެ ގޮތުގައި ނަގާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރިޔާސީ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާމެދު ރައްޔިތުންގެ ހިތުގައި އެ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ޝައްކު އުފެދޭ ގޮތަށް އަދި ކޮމިޝަންގެ ބަހެއް ނެތި މީސް މީޑިއާގައި ހަޤީޤަތާ ޚިލާފަށް ޚަބަރުތައް ފެތުރެމުންދާ ކަމަށް ވިދާޅުވެ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
"ރިޔާސީ އިންތިޚާބު 2018ގެ އޮފިޝަލަކަށް ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ނުލާ އެއްވެސް މީހަކު އަދި އިންޓަވިއު ނުކުރާ އެއްވެސް މީހަކު އޮފިޝަލަކަށް ނަގާފައި ނުވާނެ ކަމާއި، އޮފިޝަލުން ނަގާފައިވާނީ އެކަމަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކަމުގައި ދަންނަވަން" އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިލެކްޝަންގެ އޮފިޝަލުންނާ ގުޅިގެން ދައްކާ ހަގީގަތެއް ނެތް ވާހަކަތައް ދޮގުކޮށް އެ ކޮމިޝަނުން ބަޔާނެއް ނެރެފައިވާއިރު، އެ ކޮމިޝަނުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވަނީ، ވަކި ފަރާތަކުން ބާރު އަޅައިގެން ނުވަތަ ޕްރެޝަރ ކޮށްގެން ވަކި ލިސްޓެއް ތައްޔާރު ކޮށްގެން ނަގާފައި ތިބި އޮފިޝަލުންނެއް ނުތިބޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި އޮފިޝަލުންގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނަގާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
"އޮފިޝަލުންގެ ގޮތުގައި ހޮވިފައިވާ މީހުން ސިޔާސީ ޕާޓީތަކުގެ ފަރާތުން ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ޙަރަކާތްތެރިވާ ކަމަށް ބުނެ މިކޮމިޝަނަށް ރަސްމީކޮށް އެއްވެސް ޝަކުވާއެއް ލިބިފައިނުވޭ. އަދި އެފަދަ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެމައްސަލައެއް ބެލުމަށްފަހު ފިޔަވަޅު އަޅާނެ." އިލެކްޝަން ކޮމިޝަންގެ ރައީސް އިއްޔެ ވިދާޅުވިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން 3895 އޮފިޝަލުން ހަރަކާތްތެރިވާއިރު، އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ވަނީ ފަށައިފައެވެ. އެގޮތުން މާލޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކޮށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މާލޭގައި ހަރަކާތްތެރިވުމަށް ނަގާފައިވާ ރިޒާވް ފޯސް ތަމްރީނު ކުރުމުގެ މަސައްކަތެވެ.
ގިނަ އަދަދެއްގެ އޮފިޝަލުން އަތޮޅު ތެރޭގައި ހަރަކާތްތެރިވާއިރު، އައްޑޫ ސިޓީ ފިޔަވާ ހުރިހާ އަތޮޅެއްގައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށާއި، އައްޑޫ ސިޓީގައި އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ،
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ބަޔަކު މީހުން މީސް މީޑިއާގައި ޞައްޙަ ނޫން މަޢުލޫމާތު ފަތުރަމުންދާތީ އެކަން ނުކުރަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް އިލްތިމާސް ކުރައްވައިފައެވެ.
ރިޔާސީ އިންތިޚާބަށް 13 ދުވަހަށް ވެފައިވާއިރު، އީސީން ވިދާޅުވެފައިވަނީ ވޯޓު ލުމަށްޓަކާ އެމީހަކު ބޭނުން ގަލަމެއް ހިއްޕަވައިގެން ވަޑައިގެން ވޯޓު ލެވޭނެ ކަމަށާއި، އެހެން ނަމަވެސް އަމިއްލައަށް ގެންނަ ގަލަން ވޯޓުލާ ބޫތުގައި ބާއްވާފައި ނުދެވޭނެ ކަމަށެވެ. އަދި އިންތިޚާބަށް ހުރަސްއަޅާނަމަ ފުލުހުންނާ ގުޅިގެން އެކަށީގެންވަ ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ފޯމް ހުށައަޅާފައި ނުވާ އެއްވެސް ފަރާތެއް އޮފިޝަލުންގެ ގޮތުގައި ނަގާފައެއް ނުވާނެ – އިލެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ