ރަޝާދު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތްކުރެއްވި ޢިއްޒަތްތެރިއެއް ކަމަށްވާ، މއ. އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ، ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަގަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި ޚިދުމަތްތަކެއް ކުރެއްވި، ރަޝާދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމަށެވެ. ރައީސް ވިދާޅުވީ ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއްކަމަށެވެ. އަދި އެއީ ހިކްމަތްތެރި ހިންގުންތެރި ޝަހްސިއްޔަތެއްކަމަށާއި ޤައުމަށް ގެއްލިގެން ދިޔައީ ބޭނުންތެރި އަގުހުރި ތަޖްރިބާކާރެއްކަމަށެވެ. މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި، ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު އެމަނިކުފާނު ހޯއްދަވައިފައިވާކަން ފާހަގަކުރެއްވިއެވެ. ފަހުގެ ތާރީޚުގައި ޤައުމު ދުށް މިފަދަ ޚިދުމަތްތެރި، ޚުލްޤު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، އެމަނިކުފާނުގެ ޢާއިލާއަށް، އަދި ޚިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް އިބްރާހީމް ރަޝާދު ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ