ތިމާވެއްޓަށް ހަރަދު ކުރަން ގާއިމްކޮށްފައިވާ "މޯލްޑިވްސް ގްރީން ފަންޑް" އިން އަހަރަކު ހަތް މިލިއަން ރުފިޔާ ތިމާވެށި ހިމާޔަތް ކުރުމުގެ ބޭނުމުގައި ހަރަދު ކުރަން ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބެއްގައި ވިދާޅުވީ މުއިއްޒު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ހަރަދުކުރާނެ ފައިސާ ނެތުން ކަމަށެވެ. ގްރީން ފަންޑުން ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ތިމާވެށި ހިމާޔަތް ކުރުމުގެ ބޭނުމަށް ހަރަދު ކުރަން ނިންމީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ގައުމުގެ ތަރައްގީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން،" މުއިއްޒު ވިދާޅުވި އެވެ.
ގްރީން ފަންޑަށް ކޮންމެ މަހަކު ވެސް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެ އެވެ. އެ ފަންޑަށް އަހަރަކު ލިބޭ އަދަދު ބިލިއަނަކަށް ވުރެ އިތުރެވެ. އެކަމަކު، އެ ފަންޑުން އެވްރެޖުކޮށް ހަރަދު ކުރަނީ ވަރަށް މަދުން ކަމަށްވެ އެވެ. ގްރީން ފަންޑަކީ މާލިއްޔަތު ގާނޫނުގެ ދަށުން ޖެނުއަރީ، 2019، ގައި އުފެއްދި ފަންޑެކެވެ.
ރައީސް ވިދާޅުވީ، ގްރީން ފަންޑުން ތިމާވެށްޓަށް ހަރަދު ކުރާ ފައިސާއަކީ، ތިމާވެށީގެ ދާއިރާއަށް ކޮންމެ އަހަރަކު ކަނޑައަޅާ ބަޖެޓުގެ އިތުރުން ހަރަދު ކުރާނޭ ފައިސާ ކަމަށެވެ.
"[ތިމާވެށި ހިމާޔަތް ކުރުމުގެ] މި މަސައްކަތަށް، ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކުރުމަށް އަޅުގަނޑު ވާނީ މިއަދު ނިންމާފަ. މިއީ، ކޮންމެ އަހަރަކު އާންމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ހަރަދުކުރާނޭ ފައިސާ،" ރައީސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގްރީން ފަންޑުން ނަގާ ފައިސާ މައިގަނޑު ގޮތެއްގައި ހަރަދު ކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ކަމަށެވެ. އަދި ތިމާވެށީގެ ދިރާސާތައް ކުރުމަށާއި މައުލޫމާތު ހާމަކުރުމަށާއި ދާއިރާގެ ފަންނީ ގާބިލްކަން އިތުރު ކުރަން ވެސް އެ ފައިސާއިން ހަރަދު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ފައިސާ ހަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް،" ރައީސް ވިދާޅުވި އެވެ.
އެތައް ބިލިއަން ރުފިޔާއެއް ލިބޭ ގްރީން ފަންޑުން އަހަރަކު ހަތް މިލިއަން ރުފިޔާ ތިމާވެއްޓަށް ހަރަދު ކުރަން މުއިއްޒު ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ