ކަރެކްޝަން މެދުވެރިކޮށް ވޯޓުލާން ހުށަހެޅި ފޯމުތައް ރަޖިސްޓްރީ ނުވާ މައްސަލަ ބޮޑުވެއްޖެ

ގައިދީންނާއި ގޭ ބަންދުގައި ތިބި މީހުނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވޯޓުލުމަށްޓަކައި ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތައް ރަޖިސްޓްރީ ނުވާ މައްސަލަ ބޮޑުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބުރާސްފަތި ދުވަހު ވަނީ އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައެވެ. އެގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތަކައި ކުންފުނިތަކާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން ވޯޓުލުމަށް ހުށަހެޅި ފޯމު ރަޖިސްޓްރީ ނުވާތީ، އެކަމުގެ ކަންބޮޑުވުން ވެސް ވަނީ އީސީގެ މެމްބަރުންނާ ހިއްސާކޮށްފައެވެ.
އީސީގައި ބޭއްވި ބައްދަލުވުމަށް ފަހު، މީޑިއާތަކަށް މައުލުމާތު ދެއްވަމުން މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފަރާތުން އައިމިނަތު ނާދިރާ ވިދާޅުވީ ކަރެކްޝަނުން ފުރިހަމަ ކުރި ރީރަޖިސްޓްރޭޝަން ފޯމުތައް އީސީއަށް ހުށަހަޅާފައި ނުވާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން ފުރިހަމަ ކުރި ފޯމުތައް ވެސް އީސީއަށް ލިބިފައި ނުވާތީ އެކަމުގެ ޝަކުވާ ގުޅިފައިވާ ޕާޓީތަކަށް ލިބިފައިވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.
"މީގެއިން އެއްވެސް ބޭފުޅަކީ [ގާއިދީން/ ގޭ ބަންދުގައި ތިބޭ މީހުން] އަމިއްލައަށް ރަޖިސްޓްރީ ވެވޭނެ ބޭފުޅުންނެއް ނޫން. އެ ބޭފުޅުންގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުން، އެ ބޭފުޅުން ރީރަޖިސްޓްރޭޝަން ފޯމު ދެއްވަންޖެހޭނީ އެ މުއައްސަސާއަށް،" ނާދިރާ ވިދާޅުވިއެވެ.
ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ގޭ ބަންދުކޮށްފައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ވޯޓުލުމަށް ރަޖިސްޓްރީ ކުރީ ކަރެކްޝަނަލް ސާވިސް އިން ކަމަށާއި ވޯޓުލުމަށް ފޯމު ފުރިތާ ހަތަރު ދުވަސްވެފައިވާ ކަމަށެވެ. އަދި ގައިދީންނާއި ޖަލު އޮފިސަރުން ފޯމު ފުރިތާ 15 ދުވަސްވެފައިވާ ކަމަށާއި އެ މީހުން ރަޖިސްޓްރީ ނުވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މަހުލޫފު ވިދާޅުވެފައިވެއެވެ.
Alhuganduge form Corrections inn geyah ais furithaa 4 dhuvas,adhives register eh nuvey. Gaidheen/jalu officerun form furithaa 15 dhuvas vee iru,emeehun register nuvaakamuge shakuvaathahves inthihaa ah dhanee libemun.
Alhugandumenge vote feyrigathumuge haqqeh Shihan akah noanaane. pic.twitter.com/6vgo70t1GZ
އެކަމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާނަށް ގުޅާލުމުން އޭނާ ފޯނު ނުނަންގަވާތީ، އެ ސާވިސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ