ފުވައްމުލަކު ކަރަންޓުގެ މައްސަލައަށް ހޮނިހިރު ދުވަހު ދާއިމީ ހައްލެއް ލިބޭނެ: ފެނަކަ

ފުވައްމުލަކުން ކަރަންޓު ކެނޑޭ މައްސަލައަށް ހޮނިހިރު ދުވަހު ހައްލެއް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ ފަހު ކޮޅުން ފެށިގެން ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކެނޑެމުންނެވެ. އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ.
އެ ރަށަށް ކަރަންޓް ދޭ ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ، ކަރަންޓްގެ މައްސަލަ ޖެހުނީ ފުވައްމުލަކުގައި ބޭނުންކުރާ ހަތަރު ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރަކަށް މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. އެހެންވެ އެ މައްސަލަ ހައްލުކުރަން 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ރޭ ކަރަންޓް ދޭން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ލަމްއާން ވިދާޅުވީ ދާއިމީ ހައްލެއް ލިބެންދެން ރަށުގެ ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކަނޑާނެ ކަމަށެވެ. ރާއްޖޭން ބޭރުން އެއް މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ގެނެސް ހޮނިހިރު ދުވަހު ކަރަންޓް ދޭން ފެށުމުން އެގޮތަށް ކަރަންޓު ކެނޑުމަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ޖަނަރޭޓަރެއް ގެންގޮސް ރޭ ކަރަންޓް ދީފައިވާނީ. އަނެއްކާ ވެސް އިތުރު ޖަނަރޭޓަރެއް އަންނަ ހޮނިހިރު ދުވަހު ގެންގޮސް ކަރަންޓް ދެވޭނެ. ރާއްޖޭން ބޭރުން ޖަނަރޭޓަރު ގެންނާތީ މި ލަސްތަކެއް ވެގެން މިދަނީ،" ލަމްއާން ވިދާޅުވި އެވެ.
ފުވައްމުލަކަށް ކަރަންޓު ދެނީ އެއް މެގަވޮޓްގެ ދެ ޖެނެރޭޓަރާއި 600 މެގަވޮޓްގެ އިތުރުން 1.2 މެގަވޮޓްގެ ޖެނެރޭޓަރަކުންނެވެ. މިފަހަރު ކަރަންޓު ކެނޑެން ފެށީ މީގެ ދުވަސްކޮޅެއް ކުރިން އެއް މެގަވޮޓްގެ ޖެނެރޭޓަރަކަށް މައްސަލައެއް ޖެހި، އެކަން ހައްލުނުވެ ހުއްޓާ، ބޮޑު ޖެނެރޭޓަރު ވެސް ހަލާކުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ