ތިނަދޫއަށް ކަރަންޓު ދީފި

ގދ. ތިނަދޫއަށް ކަރަންޑު ދީފިއެވެ.
އެރަށަށް ކަރަންޓު މިލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދައި ހުލިވުމުގެ ސަބަބުން ކަރަންޓު ކެނޑިފައި އޮންނަތާ ހަތަރު ދުވަސް ފަހުންނެވެ.
އެރަށަށް ގެންދިޔަ ދެ އިންޖީނަކީ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ދީފައިވާ އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރެވެ. މީގެ ތެރެއިން އެއް ޖަނަރޭޓަރަކީ ޕެނަލް ބޯޑާއި ޓްރާންސްފޯމަރަކާ އެކު ކޮންޓެއިނަރެއްގައި ހުރި 27 ޓަނުގެ ޖަނަރޭޓަރު ސެޓެކެވެ. އަދި ކަރަންޓް ދިނުމަށް 1.4 މެގަވޮޓްގެ ތިން ވަނަ ޖަނަރޭޓަރެއް އެރަށަށް ގެންދިއުމުގެ މަސައްކަތްވަނީ ފަށާފައެވެ.
މިއަދު ކަރަންޓު ދޫކުރުމާއި ހަމައަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ކޯޓާއި ބޭންކް އޮފް މޯލްޑިވްސް އާއި ފެން ޕްލާންޓު ފަދަ މުހިންމު ތަންތަނަށް ކަރަންޓު ދޫކޮއްފައިވަނީ ވަކިވަކި އިންޖީނު ބޭނުންކޮއްގެންނެވެ.
އާބާދީގައި ދިހަހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫއަށް ދާއިމީކޮށް ކަރަންޓު ދޫކުރުމަށް ދެމަސްދުަވސް ނަގާނެކަމަށް ފެނަކަ ކޯޕަރޭޝަނުންވަނީ ބުނެފައެވެ.
އެރަށުގައި ހިނގި އަލިފާނުގެ ހާދިޘާގައި 1000 ކިލޯވޮޓާއި 720 އަދި 600 ކިލޯ ވޮޓުގެ 3 ޖަނަރޭޓަރުވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އަދި އިންޖީނުގޭގެ ފުރާޅުމަތީގައި ހުރި 172 ސޯލާރ ޕެނަލްގެ ދެބައިކުޅަ އެއްބައި އަނދާފައިވާ އިރު، ލިބިފައިވާ ގެއްލުން 22 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ