މަހްލޫފް ބަންދުކުރަން ނެރުނު އަމުރު ބާތިލްކޮށް، ހައި ކޯޓުން އޭނާ މިނިވަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ބަންދުގައި ބަހައްޓަން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށް، އޭނާ މިނިވަންކޮށްފި އެވެ.
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ހައްޔަރުކުރި މަހްލޫފް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ދެންމެ ބާތިލްކުރީ އެ މައްސަލަ މަހްލޫފްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފަހު އެވެ.
މަހްލޫފް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މުޒާހަރާތަކަށް ނުދާން އޭނާއަށް ކުރި ޝަރުތު އޭނާ ގަބޫލު ނުކުރުމުންނެވެ. އެގޮތަށް ޝަރުތު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމަކަށް ވެދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވަނީ ވިދާޅުވެފަ އެވެ.
މަހްލޫފްގެ ފަރާތުން އެ މައްސަލައިގައި ވަކާލާތު ކުރެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ