އަންހެނުންގެ ދުވަހު ރައީސް މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފުންނަށް ފައިސާ ބަހައިފި އަންހެނުންގެ ދުވަހު ރައީސް މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފުންނަށް ފައިސާ ބަހައިފި

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިސާ ބަހައިފި އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު ކޮންމެ އަންހެން މުވައްޒަފަކަށް ދެއްވީ 500ރ. އެވެ. ނަގުދު ފައިސާގެ ބަދަލުގައި ދެއްވީ ބީއެމްއެލް ގެ ގިފްޓު ކާޑެކެވެ. ގިފްޓު ކާޑާއެކު އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަދާކުރައްވައި ރައީސް ފޮނުއްވި ލިޔުމެއް ވެސް މުވައްޒަފުންނަށް ދީފައިވެ އެވެ.
މި ތަކެތީގެ ފޮޓޯ ހިއްސާކުރި ރައީސް އޮފީހުގެ މުވައްޒަފުން ވަނީ ރައީސް މުއިއްޒު މިފަދަ ފައިސާއެއް ހޯއްދެވި ގޮތަކާމެދު ސުވާލު އުފައްދާފަ އެވެ. ނުވަތަ މިއީ ދައުލަތުން ކުރި ހަރަދެއްތޯ ވެސް އެބޭފުޅުން ސުވާލު އުފެއްދި އެވެ.
ރައީސް އޮފީހުން އާންމުކުރާ މައުލޫމާތުން އެނގޭ ގޮތުގައި އެ އޮފީހުގައި މި މަހާ ހަމައަށް ޖުމްލަ 349 މުވައްޒަފުން އެބަތިއްބެވެ.
އޭގެތެރެއިން ޖުމްލަ އަންހެން މުވައްޒަފުންގެ އަދަދު ނޭނގުނަސް 50 ވަރަކަށް ޕަސެންޓު މުވައްޒަފުންނަކީ އަންހެނުން ކަމަށް ބެލެވެ އެވެ. އެއީ 175 މުވައްޒަފުންނެވެ. އޭގެން ކޮންމެ މީހަކަށް 500ރ. ދޭން ރައީސް މުއިއްޒު 87،500ރ. ހަރަދުކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.
މިއީ ރައީސް މުއިއްޒު ގޮތް ނޭނގޭ ފައިސާ ބަހާ ފުރަތަމަ ފަހަރެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނަށް މަހަކު 50،000ރ. ގެ މަގުން ފައިސާ ބެހި ހަބަރު މި ނޫހުން ކުރިން ގެނެސްދީފައިވާނެ އެވެ.
ރައީސް މުއިއްޒުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ މައްޗަށް ކުރެވިފައި ވަނިކޮށް، އެ އޮފީހުގެ މުވައްޒަފުންނަށް އޭނާ ވެސް ވަނީ ފައިސާ ބަހައިފަ އެވެ.
އެޓާނީ ޖެނެރަލް އޮފީހުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ ހަދިޔާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް އަމިއްލަ ގޮތުން އުޝާމް ދެއްވީ ބީއެމްއެލްގެ 1000ރ. ގިފްޓު ކާޑެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ