ޣައްޒާއިން ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރު އިޒްރާއީލުން ދީފި

ޣައްޒާއިން ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރު އިސްރާއީލްގެ އެނަރޖީ މިނިސްޓަރ އެލީ ކޯހެން ދީފިއެވެ.
ޣައްޒާގެ ސަރަހައްދުތަކަށް ފޯރުކޮށްދެމުންދިޔަ ކަރަންޓް ވަގުތުން ކަނޑާލުމަށް އަމުރުކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރ ބުނީ “ދެން ވާހަކަދެއްކުމުގެ ބަދަލުގައި މިއީ ހަރަކާތްތެރިވުމުގެ ވަގުތު” ކަމަށެވެ.
އިޒްރާއީލް-ހަމާސް ހަނގުރާމަ ފެށުނީއްސުރެ ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް އެކީ ކެނޑިފައިވަނިކޮށް، 2024 ވަނަ އަހަރުގެ ފަހުކޮޅު ފެން ޑީސެލިނޭޝަން ޕްލާންޓަކަށް ކަރަންޓު ގުޅާދެވިފައިވެއެވެ. ނަމަވެސް މިހާރު މި އަމުރުގެ ދަށުން އެ ލައިނުވެސް ކަނޑާލެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓެލް އަވީވްގައި ހިއުމަން ރައިޓްސަށް މަސައްކަތްކުރާ ޖިޝާ ލީގަލް ސެންޓަރގެ އެގްޒެކެޓިވް ޑިރެކްޓަރ ޓާނިއާ ހަރީ މި ނިންމުމަށް ފާޑުކިޔައި އޭނާބުނީ ސިވިލް ބޭނުމަށް ބޭނުންކުރެވޭ ކަރަންޓް ކެނޑުމަކީ ކޯހެން ބުނާހެން ވަސީލަތްތައް ބޭނުންކުރުމެއް ނޫން ކަމަށާއި މިއީ އިޒްރާއީލް ފާޅުގައި އަސާސީ ހައްޤުތަކަށް އަރައިތަކުން ކަމުގައެވެ.
ޕެލެސްޓީނިއަން ދައުލަތަކަށް ދެކޮޅުހަދާ ޒައިއޮނިސްޓް ގްރޫޕެއްކަމަށްވާ “ޑިމޮކްރެޓިކް ރައިޓް” އިން ބުނީ އިޒްރާއީލުން ކަނޑާލަން ނިންމި މި ކަރަންޓް ލައިނަކީ ހަމައެކަނި ޕްލާންޓަކަށް ގުޅާދެވިފައިވާ ލައިނެއްކަމަށާއި ޙަޤީޤަތުގައި އާންމު ރައްޔިތުންނަށް މީގެ މާބޮޑު އަސަރެއް ނުކުރާނެކަމަށެވެ. އަދި މިއީ “ސިޔާސީ ޕޮޕިއުލިޒަމް” ކަމުގައި ސިފަކޮށްފައިވެއެވެ.
އިޒްރާއީލުން މިކަން އިއުލާންކޮށްފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދިޔަ އިންސާނީ އެހީތައްވެސް ކަނޑާލުމަށް ނިންމި ހަފުތާއެއްގެ ފަހުންނެވެ. މި ހާލަތުގައި ޣައްޒާގެ ޖެނެރޭޓަރުތައްވެސް ހުއްޓިދާނެކަމުގެ ބިރުވެރިކަން އޮތްއިރު އިޒްރާއީލްއިން އޮތީ ފެން ކަނޑާލާނެކަމުގެ އިންޒާރު ވެސް ދީފައެވެ.
މިދިޔަ މަސްތަކުގައި ޔޫއެން އޮފީހުން ވެސް އިންޒާރު ދީފައިވަނީ ޣައްޒާގެ ޓެލެކޮމިއުނިކޭޝަން ޚިދުމަތްތައްވެސް ނެތިދާނެކަމުގެ ބިރު ބޮޑުކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ