މާކް ވީންސް ކެއީ މާލޭ ކެފޭތަކުން ދިވެހި ރަހަތައް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ގައުމުތަކަށް ޚާއްސަ ކެއުންތައް ރަހަ ބަލައި ކާއެއްޗެހި ރިވިއުކުރާ މަޝްހޫރު ފުޑް ބްލޮގަރު މާކް ވީންސް ރާއްޖެ އައިސް މާލޭގެ އެކި ކެފޭތަކަށް ގޮސް އެންމެ މަގުބޫލު ދިވެހި ކެއުންތަކުގެ ރަހަބަލާ ވީޑިއޯ އާންމުކޮށްފިއެވެ. ޔޫޓިއުބްގައި އެކަނި ވެސް 11 މިލިއަނަށްވުރެ ގިނަ ފޮލޮވަރުން ހިމެނޭ މާކް ވީންސްއަކީ އޭނާގެ އެކި ގައުމުތަކުގެ ކެއުންތަކުގެ މަގުބޫލުކަމާ އެކު ގިނަ ބައެއްގެ މެދުގައި ލޯބި ހޯދާފައިވާ ބްލޮގަރެކެވެ. އެމެރިކާއަށް ނިސްބަތްވާ މި ބްލޮގަރު އެތައް އަހަރެއް ވަންދެއް ދިރިއުޅެމުން ދިޔައީ ތައިލެންޑުގައެވެ. ތައިލެންޑުގައި ދިރިއުޅެމުން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. އެގޮތުން، މީގެ މަހެއް ވަރު ކުރީން އޭނާ ވަނީ ރާއްޖެއަށް ދަތުރުކޮށްފައެވެ. ރާއްޖެއަށް ކުރި ދަތުރުގައި އަތޮޅުތެރެއިން ދިވެހީންނާ ބައްދަލުކޮށް އެކި ކަހަލަ ކެއުންތައް ކައި އުޅުނު ކުރު ވީޑިއޯތަކެއް އާންމުކުރިއެވެ. އެންމެ ފަހުން އާންމުކޮށްފައިވަނީ އޭނާގެ ވްލޮގް ސްޓައިލްގެ ދިގު ވީޑިއޯއެވެ. މި ވީޑިއޯގައި އޭނާ ރަހަ ބަލާފައިވަނީ އާންމުކޮށް ދިވެހީން ކޮންމެ ދުވަހަކު ކައި އުޅޭ ކެއުންތައް ދިވެހީން ކާން ގޮސް އުޅޭ ތަންތަނުންނެވެ. އަގުބޮޑެތި ރެސްޓޯރެންޓުތަކުގެ ބަދަލުގައި އޭނާ ގޮސްފައިވަނީ ދިވެހި ކެފޭތަކަށެވެ. މާކްއާ އެކު ދިވެހީން ވެސް މި ދަތުރުގައި ބައިވެރިވެފައިވާއިރު އޭނާގެ ފުރަތަމަ ކެއުން ފަށާފައިވަނީ ދިވެހި ނާސްތާއަކުންނެވެ. މާކްގެ ނާސްތާ ފަށާފައިވަނީ މަސްހުންޏާއި ޑިސްކުންނެވެ. އެއަށް ފަހު އެކި ކަހަލަ ރިހަތަކާ އެކު މެންދުރަށް ބަތް ކެއީ ދިވެހީންގެ ސްޓައިލަށެވެ. އެއީ އަތުން މޮޑެގެންނެވެ. އެއަށް ފަހު ހަވީރު ސައި ވެސް ބުއީ ދިވެހީންގެ ސްޓައިލަށް ހޫނު ކަޅަކާ އެކުގައެވެ. ހުރިހާ އެއްޗެއް ކަމުން ދިޔަ ވަރަކަށް އޭނާއަށް ފާހަގަވަމުން ދިޔައީ އެއް ކަމެކެވެ. އެއީ، ހުރިހާ ކެއުމެއްގައި ވެސް ކަނޑުމަސް ކޮންމެ ވެސް ގޮތަކަށް ހުންނަ ކަމެކެވެ. ކޮންމެއަކަސް މާކަށް ދިވެހި ކެއުންތައް މި އޮތީ ކަމުގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ