ފަރީދު: ދީނަށް ރުޖޫއަވުމަށް އެތައް ބަޔަކަށް މަގުދެއްކެވި

ޓެކްނޮލޮޖީ ކުންފުނި 'ޖަވާބު'ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް އާއި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދު މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރެއްވީ އޭނާ ހިންގަވާ 'ހިދުމަތް ޖަމިއްޔާ'އަށް އެހީއެއް ހޯދުމުގެ ބޭނުމުގަ އެވެ. އެއީ ޖަވާބުގެ އާ އުފެއްދުން، ދިވެހި ޗެޓްޖީޕީޓީގެ އެހީތެރިކަން އެ ޖަމިއްޔާއަށް ބޭނުންވެގެންނެވެ.
އިއްޔެ މެލޭޝިއާއަށް ފުރުއްވުމުގެ ކުރިން ބޭއްވި އެ ބައްދަލުވުމުގެ މަގްސަދަކީ ޖަމިއްޔާގެ ކަންކަމަށް ޓެކްނިކަލް ގޮތުން އެކި ކަހަލަ އެހީތައް ހޯދުމެވެ. ފަރީދާ އެކު ކުރިން މަސައްކަތް ކުރެއްވި ނަމަވެސް، ބައްދަލުނުވާތާ އަހަރަކަށް ފަހުން ގުޅުއްވައި، އެ އެހީތެރިކަމަށް އެދިވަޑައިގެންނެވުމުން ޖައިލަމް ހުންނެވީ އުފަލުންނެވެ.
އެ ބައްދަލުވުމުގައި ޖައިލަމް އޭނާގެ ވިޔަފާރީގެ ޕްލޭން ކިޔައިދެއްވަން ބޭނުންވި އެވެ. ވާހަކަ ފެއްޓެވީ ވެސް އޭނާގެ މަގްސަދު ކިޔައިދެއްވުމުގެ ބޭނުމުގަ އެވެ. އެކަމަކު ވަކި ހިސާބަކުން ފަރީދު އޭނާގެ ވާހަކަ މެދުކަނޑާލެއްވި އެވެ.
"އަޅުގަނޑު ހިތުގައި އޮތީ ބިޒްނަސް ޕްލޭންގެ ވާހަކަ ކިޔައިދިނުން. އެހެެންވެ ވާހަކަ ފެށީ އަޅުގަނޑުމެންގެ މަގްސަދަކީއޭ ކިޔާފައި. އެކަމަކު އެހިސާބުން ޝައިހް ވާހަކަ ފެއްޓެވީ،" ޖައިލަމް 'ދައުރު'އަށް ވިދާޅުވި އެވެ.
އޭނާގެ ޖުމްލަ ފުރިހަމަކޮށްދެއްވީ ފަރީދެވެ. ވިދާޅުވީ މަގްސަދަކީ އިސްލާމް ދީން ފެތުރުން ކަމަށެވެ. އިސްލާމް ދީނަށް ނަސްރު ހޯދައިދިނުން ކަމަށެވެ. 
އެ ބައްދަލުވުމަށް އެއް ދުވަސް ވެސް ނުވަނީސް ދެން ޖައިލަމަށް ލިބިވަޑައިގެންނެވީ ފަރީދު އަވަހާރަވިކަމުގެ ހަބަރެވެ. އިސްލާމީ ދައުވަތު ފެތުރުއްވުމަށް މެލޭޝިޔާއަށް ކުރެއްވި ދަތުރެއްގައި، ބޯޓުން ފައިބާވަޑައިގެންނެވި ތަނުން ވެއްޓި ވަޑައިގަތީ އެވެ. އަދި މާ ގިނަ އިރެއް ނުވެ، ކުއްލި ގޮތަކަށް އަވަހާރަވީ އެވެ.
އެ ހަބަރާ އެކު ގިނަ ބަޔަކަށް ސިހުން ލިބުނީ، ފަރީދަކީ ރާއްޖޭގައި އިސްލާމް ދީނުގެ ދައުވަތު ފެތުރުމުގައި ވަރުގަދަ ޝަހުސިއްޔަތަކަށް ވާތީ އެވެ. އެ މަސައްކަތުގައި މެދުކެނޑުމެއް ނެތި ގިނަ ހިދުމަތްތަކެއް ކުރައްވައި ގިނަ ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ އެވެ.
ޖައިލަމް ވިދާޅުވި ގޮތުގައި، އެންމެ ކުރިން އޭނާއާ ބައްދަލުވެ، އެކުގައި މަސައްކަތް ކުރެއްވި އިރު ވެސް އެންމެ ގިނައިން ފަރީދު ދެއްކެވީ އިސްލާމް ދީނަށް ނަސްރު ހޯދައިދިނުމުގެ ވާހަކަތަކެވެ. ކޮންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، އޭގެ ތެރެއިން ދީން ކުރިއެރުވުމުގެ މުހިއްމު ކަމުގެ ވާހަކަ އެވެ. އަވަހާރަވުމުގެ އެއް ދުވަސް ކުރިން ވެސް އޭނާއާ ބައްދަލުކުރައްވައި ދެއްކެވީ ހަމަ އެ ވާހަކަތަކެވެ.
"މަގުއޮޅިފައިވާ އެތައް އަންހެނުންނާއި ފިރިހެނުން، ޝައިހްގެ ނަސޭހަތުގެ ސަބަބުން ހިދާޔަތް ލިބި އަނބުރާ ދީނަށް ރުޖޫއަވި. އަދި ދީނުގެ މަގުގައި ވަރުގަދައަށް ސާބިތުވެ ތިބި،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޖައިލަމް ވިދާޅުވި އެވެ.
ފަރީދުގެ މަރުގެ ހަބަރާ އެކު ސޯޝަލް މީޑިއާ ފުރާލީ، އޭނާގެ ހިދުމަތުގެ ވާހަކަތަކުންނެވެ. ދީނީ ދައުވަތު ދިނުމުގައި އޭނާ ދެއްކެވި ހިތްވަރާއި އޭނާގެ ހަޔާތުގެ އެކި ވާހަކަތަކުންނެވެ. އެކަމަކު އޭގެ ތެރެއިން ވެސް، ފަރީދު ދެއްވި އެކި ދަރުސްތަކާއި ނަސޭހަތުގެ ސަބަބުން، ހެޔޮމަގު ފެނުނު މީހުންގެ ވާހަކަތައް ހާއްސަވި އެވެ.
މިއީ އޭގެ ތެރެއިން ބައެއް ވާހަކަތަކެވެ.
ފޭސްބުކްގައި ޒުވާން ފިރިހެނަކު ބުނި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ އަކީ ގޭމް ކުޅުމާއި ﷲ ނަހީ ކުރެއްވި އެތައް ކަމަކަށް ހުށަހެޅި، އަޅުދާސްތުވެފައި ހުރި މީހެކެވެ. ހަޔާތުގެ މަގްސަދެއް އޭނާއަކަށް ނޭނގެ އެވެ. ހުރިހާ ވަގުތެއް އޭނާ ހުސް ކުރީ ބޭކާރު ކަންކަމަށެވެ.
"އެކަމަކު ހަމަ އެއް ދުވަހެއްގައި ޝައިހްއާ އޮޅިގެން ބައްދަލުވަނީ. އެ ދުވަހު ދެއްކި ވާހަކަ ތަކުން ހިތަށް ވަރަށް އެހެން ކަހަލަ އަސަރުތަކެއް ކުރި. އޭނާ ކިޔައިދެއްވީ މަރުގެ ސަކަރާތުގެ ވާހަކަ. އެއަށް ފަހު ހަޔާތާ މެދު ވަރަށް ފުންކޮށް ވިސްނަން ފެށުނު. ޝައިހްއާ ދިމާވުމަކީ، ދީނުގެ މަގަށް ރުޖޫއަވާން ލިބުނު ފުރުސަތެއް،" އޭނާ ބުންޏެވެ.
ފަރީދުގެ ފޮޓޯއެއް ހިއްސާކުރައްވަމުން، ދީނީ އިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރާ މުހައްމަދު އަފްޒަލް ވިދާޅުވި ގޮތުގައި، "އެއީ އޭނާގެ ހަޔާތުން މިއަދު އެ ފެންނަ ކުލަ ޖެހުމަށް މާތްﷲ މެދުވެރިކުރެއްވި އިންސާނާ" އެވެ.
ދީނީ އިލްމުވެރިޔާ މުހައްމަދު ޝަމްއޫން ވެސް ވިދާޅުވި ގޮތުގައި، ޅައުމުރެއްގައި އޭނާ ހިދާޔަތުގެ މަގު އިހްތިޔާރު ކުރުމަށް އެންމެ ބޮޑު އެއް ބާރަކީ، ފަރީދުގެ ދަރުސްތަކެވެ.
އެހެން ޕޯސްޓެއްގައި މީހަކު ލިޔުނެވެ؛ ފަރީދު ދަރުސްތަކެއް ދޭން އަތޮޅަށް ގެންދިޔަ ފަހަރަކު ދަރުސް ނިމުމުން މީހަކު ރޮމުން އައިސް ސަލާމްކުރި އެވެ. އެއީ 40 އަހަރުވަރު ވެފައި ހުރި ފިރެހެނެކެވެ. އެއަށް ފަހު ޝައިހް ގޮވައިގެން ކާން ދިޔައިރު ވެސް ފަހަތުން އައެވެ. އަދި ވަކިން ބައްދަލު ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. ޝައިހް ގާތު ރޮމުން އޭނާ ބުނީ، ދުވަހަކު ވެސް ނަމާދު ނުކުރާ ކަމަށާއި ރޯދަތައް ވެސް ނުހިފާ ކަމަށެވެ. އެކަމަކު މި ދަރުސްއަށް ފަހު އިސްލާހުވެ ރަނގަޅުވާން ބޭނުންވާ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި، އެ ވިސްނުން އައީ ސުވަރުގެ އަދި ނަރަކައިގެ ވާހަކަތަކާއި ދީނުގެ ސާފު މައުލޫމާތު ފަރީދު އެ ދުވަހު ދެއްވި ދަރުސްއިން ލިބިގެންނެވެ. ވަރަށް ހިތްހެޔޮކަމާ އެކު ފަރީދު އެ ދުވަހު އޭނާއަށް އިތުރު މައުލޫމާތު ދެއްވި ކަމަށް ބުންޏެވެ.
"މިހާރު އޭނާ ނަމާދުކޮށް ރޯދަ ހިފަ އެވެ. ހައްޖުކޮށްފި އެވެ،" ޕޯސްޓުގައި ބުނެފައިވެ އެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، ފަރީދުގެ ނަސޭހަތާއި ދަރުސްތަކުން، މީހުންނަށް ބޮޑަށް އަސަރު ކުރަނީ، ހަޔާތުގެ އެކި މިސާލުތަކާ އޭނާ ގުޅުވާލައްވާ ގޮތުންނެވެ. އެ ވާހަކަތައް، ހާއްސަކޮށް ޒުވާނުންނަށް ގަބޫލު ކުރަން ފަސޭހަވާ ކަމަށް އެ މީހުން ބުނެ އެވެ. އިބްރަތްތެރި ވާހަކަތައް އޭނާ ކިޔައިދެއްވަ އެވެ. މި ފަހުން އެންމެ ގިނައިން ނަސޭހަތްދެއްވީ މަރާއި ނަމާދާ ގުޅޭ ގޮތުންނެވެ.
"ފަރީދު ނެތި ދިޔަޔަސް، އޭނާ ކުރެއްވި ހިދުމަތްތައް ތާއަބަދަށް ދެމި ހުންނާނެ. ފަރީދުގެ ސަބަބުން ﷲ ހިދާޔަތް ލިބުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހެޔޮދުއާ އަބަދުވެސް އޭނާއާ އެކުގައި ވާނެ،" ޒުވާނަކު ސޯޝަލް މީޑިއާގައި ލިޔުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ