އަވަސް އަރުވާލައިގެން ޖަޒުބާތުގައި ކޯޓުތަކާއި އެމްއެމްއޭ ފަދަ މިނިވަން މުއައްސަސާތަކާ މިވަގުތު ކުޅޭ ނަމަ މާލީ އިދާރާތަކުން ރާއްޖެއަށް ދޭ ރޭޓިންތައް ދަށްކުރާނެ ކަމަށާއި އެކަމުން ރާއްޖެއަށް ވަރަށް ބޮޑަށް ދަތިވާނޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުއްވާލެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލްގެ ބަހުސް މަރުހަލާގައި އަޒާން މިއަދު ފާހަގަކުރެއްވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި މިދިޔަ 15 އަހަރު ތެރޭގައި އަމަލުކޮށްފައި ވަނީ އަވަސް އަރުވާލައިގެން ރަނގަޅަކަށް ނޫނެވެ.
ކަމެއް ކުރާއިރު ކުރަން ވާނީ އެކަމަކަށް ފާޑު ނުކިޔޭ ގޮތަކަށްކަން ފާހަގަ ކުރައްވައި އަޒާން ވިދާޅުވީ މިއީ ރާއްޖެއަށް ބޭރުގެ އެކި މާލީ އިދާރާތަކުގެ އެހީތެރިކަން ނުހަނު ބޭނުން ވެފައިވާ ވަގުތެއް ކަމަށެވެ.
"އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން އެބަ ޖެހޭ. ބޭރުގެ އެހީއާ އެކު މިކަން ކުރެވޭނީ. ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރޭޓިން ދޭއިރު ވަރަށް ބޮޑަށް ބަލާ ކަމެއް މިއީ ފަނޑިޔާރުގެ، އެމްއެމްއޭ ފަދަ މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ފަންގްޝަން ކުރޭތޯ. މިގޮތަށް އަވަސް އަރުވާލައިގެން ފަނޑިޔާރުގެއާ އަދި އެމްއެމްއޭ އާއި އެހެން ތަންތަނާ ކުޅެން ވެއްޖެ ނަމަ އެބޭފުޅުން ދެން ރޭޓިން ދެއްވާއިރު ދެއްވާނީ ރާއްޖެއަށް ޑީ ރޭޓިން،" އަޒާން ވިދާޅުވި އެވެ.
ޑީ ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓްވެ އަދި ޑީފޯލްޓް ވެފައިވާ ގައުމުތަކަށް އިދާރާތަކުން ދޭ ރޭޓިން އެކެވެ.
ތަފްސީލް - ފިޗާއި މޫޑީސްގެ ރޭޓިންގައި ރާއްޖެއަށް ޑީ ރޭޓިން ލިބިއްޖެ ނަމަ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނޭކަން ފާހަގަ ކުރައްވާ އަޒާން ވިދާޅުވީ:
ވެރިކަމަށް އައުމުގައި ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގަތް ބޮޑެތި މަޝްރޫއުތައް ހިންގަން ބޭރުން ފައިސާ ހޯދަން ދަތިވާނެ
ޖަޒުބާތުގައި ނިންމާ ނިންމުންތަކުގެ ސަބަބުން މުޅި ރާއްޖެ އާއި ޕީއެންސީއަށް އާހިރުގައި ގެއްލުންވާނެ ކަން ވެސް އަޒާން ފާހަގަކުރެއްވި
"އެހެންކަމުން މި ބިލަކީ މި ތަޅުމުން ބޭރު ކުރަން ޖެހޭ ބިލެއް،" އަޒާން ވިދާޅުވި އެވެ.
ގުޅުންހުރި - އަޒާން އެ ބިލަށް ވޯޓް ނުދެއްވި މައްސަލައިގައި ޕާޓީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށް މުހިންމު ކޮމިޓީތަކުން ވެސް އަޒާން ވަނީ ވަކިކޮށްފަ އެވެ.
އެމްއެމްއޭ އާއި ކޯޓުތަކާ ބެހޭ ނަމަ މާލީ އިދާރާތަކުން ދެން ދޭނީ ޑީ-ރޭޓިން: އަޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ