ގާޒާގައި ދިރިއުޅޭ 2.1 މިލިއަން ފަލަސްޠީނުގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކޮށް، އެ ސަރަހައްދު އެމެރިކާގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށައެޅުއްވި ހުށަހެޅުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި އަރަބި ދައުލަތްތަކުން ހަރުކަށި އިބާރާތުން އިންކާރުކޮށް ކުށްވެރިކޮށްފި އެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަކަށް ފުރުސަތެއް ނުދޭނަން،" އައްބާސް ވިދާޅުވި އެވެ.
އަދި އައްބާސް އިންޒާރު ދެއްވައި ވިދާޅުވީ ގާޒާއަކީ ފަލަސްތީނު ދައުލަތުން ވަކިނުކުރެވޭނެ ބައެއްކަމަށާއި މީހުން ބަދަލުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.
އިޒުރޭލާ އެކު 15 މަސް ދުވަސް ވަންދެން ހަނގުރާމައެއްކޮށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ހަމާސް ޖަމާއަތުން ބުނީ ޓްރަމްޕްގެ އެ ޕްލޭންގެ ސަބަބުން އެ ސަރަހައްދުގައި އިތުރަށް "އަލިފާނަށް ތެޔޮ އެޅުން" ނޫން ކަމެއް ނުވާނެ ކަމަށެވެ.
ޓްރަމްޕްގެ އެ ހުށައެޅުއްވުމަށް މެދުއިރުމަތީގައި ހިމެނޭ، އެމެރިކާގެ ބައިވެރިން ވެސް ވަނީ އިންކާރުކޮށް ދެކޮޅުހަދައިފަ އެވެ. އޭގެ ތެރޭގައި އުރުދުން އާއި މިސްރު ފަދަ ގައުމުތައް ހިމެނެ އެވެ. އދ. އިން އިންޒާރުދީ ބުނީ "އެއްވެސް ސިފައެއްގައި ނަސްލު ނައްތާލުމާ ދެކޮޅު" ހިންގާ ހަރަކާތަކާ ދެކޮޅު ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ގާޒާއަކީ މުސްތަގުބަލުގައި ފަލަސްތީނު ދައުލަތުގެ މުހިންމު ބައެއް ކަމަށެވެ. ނަމަވެސް ނިއުޔޯކުގައި ބޭއްވި ބައްދަލުވުމެއްގައި، އޭނާ ވިދާޅުވީ ފަލަސްތީނުގެ އަމިއްލަ ބިމުގައި އިންސާނުންގެ ގޮތުގައި ފަލަސްތީން ރައްޔިތުންނަށް ދިރިއުޅުމުގެ ހައްގުތައް އަތްނުފޯރާ ހިސާބަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ މުޅި ދުނިޔެއަށް ފެނުނީ ހިތާމަވެރި، އަދި ރޭވިގެން އިންސާނުންގެ ކަރާމަތް ގެއްލުވާލައި އަދި މުޅި ރައްޔިތަކަށް ނުބައި ނުލަފާ ގޮތަކަށް ބިރު ދައްކާ މަންޒަރު ކަމަށެވެ.
ސައުދީ އަރަބިއްޔާއިން ބުނީ ފަލަސްތީނު މީހުން އެމީހުންގެ ބިމުން "ދުރަށް ނުދާނެ" ކަމަށާއި ފަލަސްތީނުގެ ދައުލަތެއް ނޫފެއްދޭހާ ހިނދެއްގައި އިޒްރޭލާ އެކު ގުޅުން ގާއިމު ނުކުރާނެ ކަމަށެވެ.
ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުއްވުމުން ތާރީހު ބަދަލުވެދާނެ ކަމަށާއި އެއީ ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.
އޭގެ ފަހުން ބުދަ ދުވަހު ވައިޓް ހައުސްއިން ވަނީ ރައީސް ޓްރަމްޕްގެ ހުށަހެޅުން ސާފުކޮށްދޭން މަސައްކަތް ކޮށްފަ އެވެ. ތަރުޖަމާނު ކަރޯލީން ލީވިޓް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޓްރަމްޕްގެ ދެެއްކެވި ވާހަައަކީ ގާޒާ އަލުން އާރާސްތުކުރުމުގެ ވާހަކަ ކަމަށާއި އެ ގައުމުގެ ރައްޔިތުން "ވަގުތީ ގޮތުން" ބަދަލުކުރުން ކަމަށެވެ.
ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެފައިވައިވަނީ ގާޒާއިން މީހުން ހުސްކުރުމަކީ ދާއިމީ ކަމެއް ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ ގާޒާއަށް އެމެރިކާ ސިފައިން ފޮނުވުމަށް ރައީސް ވައުދުވެވަޑައިގެންފައި ނުވާ ކަމަށެވެ.
ޓްރަމްޕް ގާޒާގެ ކޮންޓްރޯލް ނެގުމަށް ދެއްކެވި ވާހަކަ ފަލަސްތީނާއި އަރަބި ގައުމުތަކުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ